ބަދަލާ އެކު ދެ ވަނަ ޑިވިޝަނުގެ ވާދަވެރިކަން ބޮޑުވާނެ!

ފާއިތުވި އަހަރުތަކުގައި ފުޓްބޯޅައިގައި އެއް ގޮތަކަށް ވެސް ހަރުނުލި ގަވާއިދަކީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނަށް ފުރަތަމަ ޑިވިޝަނުގެ ސީދާ ޖާގައެއް ދިނުމުގެ ގަވާއިދެވެ. އެކި ފަހަރު އެކި ގޮތަށް އަންނަމުން އައިސް މި ކަންތައް މި ފަހަރު މި ވަނީ އަނެއްކާ ވެސް ބަދަލުވެފަ އެވެ. އެފްއޭއެމުން މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރު އިއުލާނުކުރިއިރު ވަނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނަށް ފުރަތަމަ ޑިވިޝަނުގެ ސީދާ ޖާގައެއް ދިނުމަށް އަނެއްކާ ވެސް ނިންމައިފަ އެވެ.


މީގެ ކުރިން އެކި ފަހަރު މަތިން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނަށް ފުރަތަމަ ޑިވިޝަނުން ސީދާ ޖާގަ ދިނެވެ. އެކަމަކު ގިނަ ފަހަރު ދެ ވަނަ ޑިވިޝަނުން އަންނަ ޓީމެއް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދާނަމަ ޖެހެނީ ފުރަތަމަ ޑިވިޝަން ފުލަށްދާ ޓީމުތަކާ އެކު ކޮލިފައިން ކުޅޭށެވެ.

އެންމެ ފަހުން ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައިގެން ފުރަތަމަ ޑިވިޝަނަށް އައި ދެ ޓީމު ވެސް އަންނަނީ ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރަމުންނެވެ. ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްގެ ނަތީޖާތަކުން އެކަން ސާބިތުވެ އެވެ.

ހަގީގަތުގައި އަހަރުން އަހަރަށް ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކުން ކުރާ ހަރަދު ބޮޑުވަމުން އަންނައިރު، ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކުން ކުރާ ހޭދަ ވެސް މިހާރު ވަނީ އެތައް ގުނައެއް ބޮޑުވެފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިން ދެ ވަނަ ޑިވިޝަނަށް ބަދަލުވާ މަންޒަރުވެސް ފެނެ އެވެ. އަދި ތަޖުރިބާކާރު ކޯޗުން ވެސް ދެ ވަނަ ޑިވިޝަނުން ފެނެ އެވެ.

"ހަގީގަތުގައި އެފްއޭއެމުން މި ބަދަލު ދާއިމަށް ބާއްވައިގެން ނޫނީ ރަނގަޅެއް ނެތް. އެއީ ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކުން މިހާރު ހަގީގަތުގައި ވަރަށް ބޮޑު ހޭދައެއް ކުރޭ. ކުޅުންތެރިން އެބަ ގެންނަން މި މުބާރާތަށް އެކަނި ވެސް 50،000 ރުފިޔާ އަށް ވުރެ މަތިން އަގު ކިޔައިގެން. އެކަމަކު މީގެ ބޭނުންވާ ކަމެއް ހާސިލެއް ނުވޭ. އެއީ ފުރަތަމަ ޑިވިޝަނުގައި އޮވެފައި ކުޑަ ހަރަދެއް ކޮށްލައިގެން ވެސް އެބެ ސަލާމަތްވެވޭ،" ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތަކުން "މިހާރަ"ށް ބުންޏެވެ.

އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް އޮޓޮމެޓިކް ޖާގައެއްދޭން ނިންމީ އެ މުބާރާތުގެ ވެސް ފެންވަރު ރަނގަޅުވަމުން އަންނާތީ، ފުޓްބޯޅައިގެ ކުރިއެރުމަށް ކަމަށެވެ.

"ދެ ވަނަ ޑިވިޝަން ވަރުގަދަވެގެން ފުރަތަމަ ޑިވިޝަން ވެސް ވަރުގަދަވާނީ. އެއީ އަޅުގަނޑުގެ ވިސްނުމަކީ،" ސާންތީ ވިދާޅުވި އެވެ.

މި ބަދަލުގެ ސަބަބުން ހަމައެކަނި ފައިދާވަނީ ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކަށް އެކަންޏެެއް ނޫނެވެ. ފުރަތަމަ ޑިވިޝަން ކްލަބްތަކުން ވެސް މި ބަދަލާއެކު ކުރިއަށް ވުރެން ބޮޑަށް ސަމާލުވާން ޖެހެ އެވެ. ނިސްބަތުން ކުޑަހަރަދެއް ކޮށްލައިގެން ކުރިއަށް ނުވިސްނާ އޮތް ހިސާބުގައި އޮވެލުމުގެ ވިސްނުން ދޫކޮށްލަން ޖެހެ އެވެ.

"ފާއިތުވި އަހަރުތަކަށް ބަލާއިރު ކްލަބްތަކުން އެބަތިބޭ އަހަރު ކުރީކޮޅު ކުޅުންތެރިންނަށް ބޮޑު އަގު ދީފައި އަހަރު ފަހު ކޮޅު އެއްވެސް ގޮތަކަށް ކްލަބަށް ވާގޮތެއް ނުބަލައިވެސް. އެއީ ޔަގީންކަމެއް އެބައޮވޭ އަނެއްކާ ވެސް އަންނަ އަހަރާ ކުރިމަތިލާއިރު އެ ކްލަބް އެ އޮތް ހިސާބުގައި ބާއްވާލެވޭނެކަން. މިއެއް ނޫން ކަންތައް ކުރަންވީ އުސޫލަކީ. ކްލަބް ހިންގަން ޖެހޭނީ ފުޓްބޯޅައިގެ ފައިދާ އަކަށް،" ފުރަތަމަ ޑިވިޝަނުގައި ކޯޗަކު ބުންޏެވެ.

އެފްއޭއެމުން އަހަރުން އަހަރަށް ފުޓްބޯޅަ ފޯމެޓަށް ގެންނަ ބަދަލުތަކާ އެކު ރަނގަޅު ކަންތައްތަކެއް ވެސް ފާހަގަ ވެ އެވެ. ހަގީގަތުގައި ބަދަލު ގެންނަން ޖެހެނީ މުޅި ފުޓްބޯޅަ އަށް ރަނގަޅަށެވެ. އެއީ ކުރިއެރުން އޮތީ އެ ގޮތަށް ކަމަށްވާތީ އެެވެ. ރާއްޖޭގެ މަތީ ފަންތީގެ ފުޓްބޯޅަ ވާދަވެރިކަންމަތީ ދަމަހައްޓަން ބޭނުންނަމަ އެ ހިސާބަށްދާން ކެނޑިނޭޅި މަސައްކަތްކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް އޮންނަން ޖެހެ އެވެ. މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކުން ތައްޔާރީތައް މިހާރު ވެސް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ޖާގައަކަށް އަމާޒު ހިފާފައި ތިބި ކްލަބްތައް ގިނަ އެވެ.