އުރީދޫ އިން ނިއު ރޭޑިއަންޓް ސްޕޮންސާކޮށްފި

ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ގަތަރުގެ އުރީދޫ އިން ރާއްޖޭގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސޮޕޮންސާކޮށްފި އެވެ.


ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު ވެސް ސްޕޮންސާކޮށްފައިވާ އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ނިއު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާނާއި ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.

ޓާފް ދަނޑުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނަޖީބް ވިދާޅުވީ ރާއްޖެ އަކީ ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބިޖެހިފައިވާ ގައުމެއް ކަމަށާއި އުރީދޫ އޮތީ ހަމަ އެވަރަށް، ފުޓްބޯޅަ ކުރިއަރުވަން ބޭނުންވެފައި ކަމަށެވެ. އަދި އެކަމުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ވެސް ވިދާޅުވި އެވެ.

ނިއުގެ ޗެއާމަން ޒިޔާދު ވިދާޅުވީ އުރީދޫއާ ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ކުންފުންޏާ ގުޅިގެން ނިއު އިން ފުޓްބޯޅަ ކުރިއަރުވަން ވަރަށް ގިނަ މަސައްކަތްކުރައްވާނެ ކަމަށެވެ. އެގޮތުން ދެ ވަނަ އަލީ އަޝްފާގް (ދަގަނޑޭ) އެއް އުފެއްދުމަށް، އުރީދޫއާ ގުޅިގެން ރާއްޖޭގައި ކުޑަކުދިންނަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ ފުޓްބޯޅަ ޓީމުތަކަށް ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށާއި ހަމައެގޮތަށް ބޮޑެތި ކުންފުނިތަކުން ބޮޑެތި ކްލަބްތަކާ ބައިވެރިވުމަކީ ފުޓްބޯޅައަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.

އުރީދޫ ގްރޫޕަކީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ވެސް ފާހަގަކޮށްލެވޭ ނަމެކެވެ. އެގޮތުން އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކަށް ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ ހަރަކާތްތެރިވިއިރު އުރީދޫ އަކީ ފްރާންސުގެ ގަދަބާރު ޕީއެސްޖީގެ ވެސް ސްޕޮންސަރެކެވެ.