ދަގަނޑޭ އަކީ މާޒިޔާގެ ޓާގެޓް ހާސިލްކުރަން ލިބުނު ހިތްވަރެއް: ސުޒޭން

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މާޒިޔާއާ ގުޅުމުން އެ ޓީމުން މި ސީޒަނަށް ކަނޑައަޅާފައިވާ ޓާގެޓް ހާސިލްކުރަން އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


މިއީ ސުޒޭންގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމަކަށް ދަގަނޑޭ ކުޅޭ ފުރަތަމަ ފަހަރެވެ. އެކަމަކު ސުޒޭނުގެ އިރުޝާދުގެ ދަށުން 2007 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ދަގަނޑޭ ކުޅުނެވެ. ދަގަނޑޭ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ކުޅުުނުއިރު ސުޒޭން ވަނީ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކޮށްފަ އެވެ. ސުޒޭން ބުނީ ދަގަނޑޭ ގުޅުމުން މާޒިޔާ ޓީމު އިތުރަށް ވަރުގަދަވެއްޖެ ކަމަށެވެ.

"އަޝްފާގަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ. އެއީ ދެބަސް ވެވޭނެ ކަމެއް ނޫން. އަޅުގަނޑު ކޯޗުކޮށްދޭ ޓީމަކަށް އަޝްފާގު ކުޅޭ ފުރަތަމަ ފަހަރު މީ. މިއީ މާޒިޔާ އެކު އަޅުގަނޑަށް ވެސް ލިބުނު އުފަލެއް. ޓީމު އިތުރަށް ވަރުގަދަވެއްޖެ،" ސުޒޭން ބުންޏެވެ.

ދަގަނޑޭ ވެސް ވަނީ ސުޒޭނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އުފާކުރާކަމަށާއި މާޒިޔާ އަށް ކާމިޔާބު އަހަރަކަށް ހެދުމަށް ސަތޭކަ ޕަސެންޓް ދޭނެ ކަމަށް ބުނެފަ އެވެ.

ސީޒަން ހުޅުވި މެޗުގައި ނިއު ރޭޑިއަންޓް ބަލިކޮށް މާޒިޔާ އިން ވަނީ ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު އެއް ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގައި އޮތީ މާޒިޔާ އެވެ. އެ ޓީމަށް ވަނީ ހަތް މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.

"ސީޒަނާ ކުރިމަތިލީ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން. ޝީލްޑް ކާމިޔާބުވެއްޖެ. ފުރަތަމަ ބުރު ނިމުނުއިރު އެއް ޕޮއިންޓުގެ ލީޑަކާ އެކު ނަމަވެސް މިއޮތީ ލީގުގެ އެންމެ ކުރީގައި. އަޝްފާގު ޓީމާ ގުޅުމުން ދެން އޮތް ދެ ބުރާއި ބާކީ މުބާރާތްތަކުގައި މާ ބޮޑަށް ވެސް މާޒިޔާ ރަނގަޅުވާނެ،" ސުޒޭން ބުންޏެވެ.

އަލީ އަޝްފާގު (ކ.2) އަށް މާޒިޔާ އަށް ސޮއިކުރުމަށް ފަހު އެ ޓީމުގެ ޖާޒީ ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ މެޗަކުން ބަލިނުވެ ސީޒަން ނިންމާލުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އެކަމަކު އެ ޓީމު ވަނީ ލީގުގެ ފުރަތަމަ ބުރުގައި ޓީސީ ސްޕޯޓްސް އަތުން ބަލިވެފަ އެވެ.

"މި ދައްކަނީ ސަރަހައްދުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއަކު (އަޝްފާގު) މާޒިޔާއާ ގުޅުނު ވާހަކަ. ކުރިއަށް ހުރި މެޗުތަކުން ބަލިނުވެ ސީޒަން ނިންމާލުމަކީ އެންމެ މުހިންމު އެއް އަމާޒު. ވަޒީފާ އަށް ވުރެން ބޮޑަށް އަޅުގަނޑު މިހާރު މާޒިޔާއާ ގާތްވެއްޖެ. މި ޓީމަށް ލިބޭ ކޮންމެ ކާމިޔާބަކީ އަޅުގަނޑުގެ ކެރިއަރުގައި ވެސް ހާއްސަވާނެ ކާމިޔާބެއް،" ކުރިން ވިކްޓަރީ އަށް ކޯޗުކޮށްދިން ސުޒޭން ބުންޏެވެ.

ދަގަނޑޭ ޓީމާ ގުޅުމަކީ ކާމިޔާބު ހޯދަން ބަލާއިރު ޕްރެޝަރު ބޮޑުވާނެ ސަބަބެއް ކަމަށް ސުޒޭން ނުދެކެ އެވެ.

"ތިއީ އަޅުގަނޑަށް ވަރަށް ބޮޑަށް ކުރިމަތިވާ ސުވާލެއް. އަޅުގަނޑު ހިތައް އަރާ ރާއްޖޭގެ ކްލަބް ފުޓްބޯޅައިގައި ކާކަށްތޯ އަޅުގަނޑަށް ޕްރެޝަރެއް ދެވޭނީ. މާޒިޔާ ޓީމު ވަރުގަދަވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަ ޖެހުމެއް. ފުޓްބޯޅައިގައި އެކި ފާޑުފާޑުގެ ޗެލެންޖަސް ހުންނާނެ. މާޒިޔާގެ ޓާގެޓް އަދިވެސް ސަލާމަތުން އެބައޮތް. އެ އަތުނުވާ ހިސާބަކަށް ނުދޭ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ލައިގެން ޓީމު މެނޭޖްކުރުމުގައި އެއްވެސް އުނދަގުލެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.