ސީޒަން ހުޅުވާ މެޗު އެންމެ ފަހުން ކެންސަލްކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފަސްކުރި ޗެރިޓީ ޝީލްޑް މެޗު ނުކުޅޭ ގޮތަށް އެފްއޭއެމުން ނިންމާފައިވާ ކަމަށް އެ މެޗުގައި އެއްކޮޅުން ވާދަކުރާ ނިއު ރޭޑިއަންޓުން ބުނެފި އެވެ.


އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ މެޗު ކެންސަލްވެފައިވާ ކަމަށް އާދީއްތަ ދުވަހު އެފްއޭއެމުން ސިޓީއަކުން އަންގާފައިވާ ކަމަށާއި ކެންސަލްކުރި ސަބަބެއް ސިޓީގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

މި މައްސަލައިގައި އެފްއޭއެމްގެ ބަހެއް އަދި ނުލިބެ އެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ނިއު އާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅެން އޮތް މެޗު އެފްއޭއެމުން މުއްދަތެއް ނެތް ގޮތަށް ފަސްކުރީ، އޭގެ ކުރީ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ އެކު އެވެ. ފަހުން އެފްއޭއެމުން ބުނީ މެޗު ކުޅޭނެ ދުވަހެއް މިދިޔަ އާދީއްތަ ދުވަހު ނިންމާނެ ކަމަށެވެ.

ޓެޑް ވިދާޅުވީ މެޗު ކެންސަލްވުމަކީ ނިއު އަށް ލިބޭ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށާއި އެ ކްލަބުން ތައިލެންޑަށް ދިއުމަށް ހަމަޖައްސާފައިވާ ކޭމްޕް ވެސް ލަސްވީ މި މެޗާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެން މި މަހުގެ ހަތަރު ވަނަ ދުވަހު ތައިލެންޑަށް ދާގޮތަށް އޮތީ. އެހެން އޮއްވާ މި މެޗު މި މަހުގެ ހަ ވަނަ ދުވަހު ކުޅޭ ގޮތާށް ހަމަޖެއްސުމާ އެކު ކޭމްޕަށް ފުރުން ފަސްކުރީ 10 ވަނަ ދުވަހަށް. އެގޮތަށް ހަމަޖައްސާފައި އޮއްވާ މެޗު ފަސްވުމާ އެކު އަނެއްކާ ވެސް ކޭމްޕަށް ބުރޫއެރީ. މިހާރު މިވީ ގޮތުން މެޗު ވެސް ނުލިބޭ ގޮތް މިވީ،" ޓެޑް ވިދާޅުވި އެވެ. "މިއީ މާލީ ގޮތުން ވެސް ލިބުނު ބޮޑު ގެއްލުމެއް."

އޭނާ ވިދާޅުވީ މެޗު ފަސްކޮށްފައި އޮތުމަށް ފަހު މެޗާ މެދު ވަކި ގޮތެއް މި ނިންމީ ވެސް ދުވަސްތަކެއް ދިޔަ ފަހުން ކަމަށާއި އެއީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ މެޗު ފަސްކޮށްފައި އޮތް ނަމަވެސް އޭއެފްސީ ކަޕުގައި މިރޭ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ޓީސީ ކުޅޭ މެޗު ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މިދިޔަ ހުކުރު ދުވަހު އެފްއޭއެމުން ވަނީ ބުނެފަ އެވެ.

މި މެޗުން މޮޅުވާ ޓީމަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި އޭގެ ތެރެއިން ބަޔެއް ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތަކަށް ހަދިޔާކުރަން ޖެހެ އެވެ.

ބެލެވޭ ގޮތުގައި އެފްއޭއެމުން މި މެޗު ކެންސަލްކުރީ މެޗު ކުޅެން ދެން އެކަށީގެންވާ ވަގުތެއް ނެތުމުންނެވެ. މި މެޗުގައި ވާދަކުރާ ޓީސީން އޭއެފްސީ ކަޕުގެ ޕްލޭއޮފުގެ ފުރަތަމަ ލެގުގައި މިރޭ ކުޅުމަށް ފަހު ދެ ވަނަ ލެގުގައި މި މަހު 20 ވަނަ ދުވަހު އިންޑިއާގައި ކުޅޭނެ އެވެ. އަދި އޭގެ ފަސް ދުވަސް ފަހުން، މި މަހު 25 ގައި މާލޭ ލީގު ފެށުމަށް ވަނީ ރާވައިފަ އެވެ.