ޗެރިޓީ ޝީލްޑް މެޗު ކެންސަލް: ފަހަތަށް އެޅި ފިޔަވަޅެއް!

ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗަކީ ފެންނަ ފެނުމަށް ހަމަ އެންމެ މެޗެކެވެ. އެކަމަކު އެއީ ދިވެހި ފުޓްބޯޅައިގެ ހައިބަތު ބޮޑު މެޗެކެވެ. އެއް ލައްކަ ރުފިޔާގެ ކަޕްވިނާސްކަޕް އުވާލުމަށް ތައާރަފްކުރި އެއް ލައްކަ ރުފިޔާގެ އަގުހުރި މެޗެކެވެ. ރާއްޖޭގެ ކުޅިވަރުގައި ކުޅެވޭ އެންމެ އަގުބޮޑު މެޗު ވެސް މެ އެވެ.


ތަފާތު ސަބަބުތަކާ ހުރެ އެފްއޭއެމުން މިވަނީ މި އަހަރުގެ މެޗު ކެންސަލްކޮށްފަ އެވެ. މިއީ އާ ސީޒަނުގެ ފެށުން ގޯސްވުމެވެ. އަދި މިއީ އެފްއޭއެމުން ފަހަތަށް އެޅި ފިޔަވަޅެކެވެ. މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބް މި މަހުގެ 6 ވަނަ ދުވަހުގެރޭ ކުޅެން އޮތް އެ މެޗު ފުރަތަމަ ފަސްކުރީ އޭގެ ކުރީ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުންނެވެ. އެއަށް ފަހު މިދިޔަ އާދީއްތަ ދުވަހު އެފްއޭއެމުން ވަނީ މެޗު ކެންސަލްކުރަން ނިންމައި ކްލަބްތަކަށް އަންގައިފަ އެވެ.

އެފްއޭއެމުން އިއްޔެ ބުނީ އެ މެޗު އަލުން ކުޅޭ ނަމަ ފުޓްބޯޅަ ކަލަންޑަރަށް "ބޮޑެތި" ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެކަމަކު އެ މެޗު ކެންސަލްކުރަން ނިންމި ދުވަހުން ފެށިގެން، މާލޭ ލީގު ފެށުމާ ދޭތެރޭ ވެސް 13 ދުވަސް އެބައޮތެވެ. އެ މުއްދަތުގައި ޓީސީ އަށް އޭއެފްސީ ކަޕުގައި ދެ މެޗު އޮތް ނަމަވެސް، މެޗެއް ކުޅެލާނެ ވަގުތު ނެތީބާވަ އެވެ؟

އަނެއްކޮޅުން އެންމެ މެޗެއް ކުޅުމަށް ކަލަންޑަރަށް އެހާ "ބޮޑު" ބަދަލެއް ގެންނަން ޖެހޭ ސަބަބާ މެދު ވެސް ސުވާލު އުފެދެ އެވެ. މިދިޔަ ސީޒަނަށް ބަލާއިރު ވެސް އެތައް ފަހަރަކު، އެކި ސަބަބުތަކާ ހުރެ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެހެންކަމުން ސީޒަނުގެ އެހާ މުހިއްމު ހަމަ އެންމެ މެޗަކަށް ކަލަންޑަރުން ޖާގައެއް ނުދެވުނީ ކީއްވެބާވަ އެވެ؟ ކުޑަކުޑަ އެޖެސްޓްމަންޓަކުން ވެސް އެކަން ހައްލުކުރެވިދާނެ ކަމަށް ގަބޫލުކުރެވެ އެވެ.

އަނެއް ކަމަކީ، މި މަހުގެ 5 ވަނަ ދުވަހުގެރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ނަމަވެސް ހަގީގަތުގައި މާލޭގައި އޮތީ ފުޓްބޯޅަ މެޗެއް ނުކުޅެވޭނެ ހާލަތެއް ނޫނެވެ. އާއްމު ދިރިއުޅުމަކަށް އަސަރެއް ނުކުރެ އެވެ. ބޮޑު ހަމަނުޖެހުންތަކެއް ނުހިނގަ އެވެ. އެހެންކަމުން މެޗާ މެޗު ގޮތެއް ނިންމަން، ވަޒަންކުރަން ޖެހޭ ހާލަތު އޭގެ އަނެއް ދުވަހު ވެސް ވަޒަންކުރެވޭނެ އެވެ. އެކަމުގެ ހެއްކަކީ ރޭ ކުޅުނު އޭއެފްސީ ކަޕް މެޗު ކުޅެވޭނެ ހާލަތު އޮތް ކަމަށް އެފްއޭއެމުން ކުރިން ނިންމާފައި އޮތުމެވެ. އެކަމަކު އެފްއޭއެމުން ޗެރިޓީ ޝީލްޑް މެޗާ މެދު ގޮތެއް ނިންމީ އޭގެ ހަ ދުވަސް ފަހުންނެވެ.

މި މެޗަކީ ވާދަވެރި މެޗެއްގެ އިތުރަށް ފުޓްބޯޅައިގެ ތެރެއިން ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީގެ އަތެއް ދިއްކޮށްލެވޭނެ މަގު ވެސް ތަނަވަސްވެފައިވާ މެޗެކެވެ. ރާއްޖޭގެ ކުންފުނިތަކުން އިޖްތިމާއީ ޒިންމާގެ ދަށުން އެތައް ހަރަދެއް (ފުޓްބޯޅަ އަށް ވެސް މެ) ކުރަމުން އަންނައިރު ފުޓްބޯޅައިގެ ތެރެއިން އެފަދަ ފުރުސަތެއް ދެވެން އޮތް މެޗު ކެންސަލްވުމަކީ ކަންބޮޑުވުމެކެވެ. ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް ހަމައެކަނި މެޗުން ލިބޭ މާލީ އެހީގެ އިތުރުން، މި މެޗަކީ އެފަދަ ފަރާތްތަކާ އެކު ފުޓްބޯޅަ އޮތްކަން ވެސް ދައްކައިދޭ މެޗެކެވެ. އެހެންކަމުން މި ސީޒަނުގައި ފުޓްބޯޅައިން ގެއްލިގެން މިދިޔައީ މުހިއްމު މަންޒަރެކެވެ.

މި މެޗު ކެންސަލްވުމުން ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް ނިއު އިން ވަނީ ބުނެފަ އެވެ. އެގޮތުން މި މެޗު ކުޅެފައި ތައިލެންޑަށް ދާން އޮތް ތައިލެންޑް ކޭމްޕް ފަހު ވަގުތު ކެންސަލްކުރަން ޖެހުނީ މެޗު ފަސްކުރުމުން ކަމަށް ނިއު އިން ވަނީ ބުނެފަ އެވެ.

މި ހުރިހާ ކަމަކާ އެކު މި މެޗު ކެންސަލްވުމުން އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ، ސަޕޯޓަރުންގެ އިތުބާރު ގެއްލުމެވެ. ސީޒަނުގެ އެންމެ ފުރަތަމަ ރަސްމީ ހަރަކާތް ވެސް ކެންސަލްވުމުން، ސަޕޯޓަރުންގެ ފޯރިއަށް އަސަރުކުރާނެ އެވެ. އެކަން ސަޕޯޓަރުންގެ ޝުއޫރުތަކުން ވެސް އެނގެ އެވެ. ދިވެހި ފުޓްބޯޅައިގެ ފޯރިގަދަކުރަން އާ ފޯމެޓްތަކެއް ތައާރަފްކޮށް އެފްއޭއެމުން މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގައި މި ނިންމި ނިންމުމަކީ ޔަގީނުން ވެސް ފަހަތަށް އެޅި ފިޔަވަޅެކެވެ.