އެފްއޭއެމްގެ މާސްޓާ ޕްލޭނަށް ބޭރު ފަރާތެއްގެ އެހީ ހޯދަނީ

ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އެކުލަވާލާ މާސްޓަ ޕްލޭނަށް ބޭރު ފަރާތެއްގެ އެހީތެރިކަން ހޯދުމަަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.


މިދިޔަ މެއި މަހު 30 ވަނަ ދުވަހު އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބުވުމަށް ފަހު ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ ކުރިއަށް އޮތް 10 ނޫނީ 20 އަހަރަށް ޓާގެޓްތަކެއް ކަނޑައަޅައި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް މާސްޓަ ޕްލޭނެއް އެކުލަވައިލާނެ ކަމަށާއި ފުރަތަމަ އަހަރު ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށެވެ.

އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ ޕްލޭން އެކުލަވާލުމަށް ބައިނަލްއަގްވާމީ ފަރާތެއްގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ދުނިޔޭގެ ވަރަށް ވަރުގަދަ އެއް ކޮންސަލްޓަންޓާ އަޅުގަނޑުމެން މި އަންނަނީ މަޝްވަރާކުރަމުން. އެ މީހުންގެ ޕްރޮޕޯސަލް އަޅުގަނޑަށް ލިބިފައި އެބައޮތް. އަޅުގަނޑު އެ ދިރާސާ ކުރަމުން މިގެންދަނީ. އެ ކުންފުނީގެ ނަން އަޅުގަނޑު މި އަންނަ ހަފުތާގައި އިއުލާން ކުރާނަން. އެއީ ދުނިޔޭގެ ވަރަށް ގިނަ އެސޯސިއޭޝަންތަކާއި އޮލިމްޕިކް ކޮމިޓީތަކާއި ސްޕޯޓްސް މިނިސްޓްރީތަކުގެ ސްޓްރެޓީޖިކް ޕްލޭން ހަދާފައިވާ ބައެއް،" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕްލޭންގެ މަސައްކަތް ކުރިއަށްގެންދާނީ ގިނަ ފަރާތްތަކެއްގެ ހިޔާލާއި އެއްބާރުލުމާ އެކު ކަމަށެވެ.

"މި މަސައްކަތްތައް ކުރިއަށްގެންދިއުމަށް އަޅުގަނޑު ސްޓިއަރިން ކޮމިޓީއެއް އެކުލަވާލާނަން. ހަތް މެންބަރުން ހިމެނޭ މި ކޮމިޓީގައި ތިބޭނީ އެފްއޭއެމްގައި ކުރިން މަސައްކަތްކުރި މީހުންނާއި ކްލަބްތައް ހިންގުމުގައި ގިނަ ދުވަސް ވަންދެން އުޅުނު މީހުން. އެ ފަރާތްތަކާ ވާހަކަ ވެސް ދައްކަމުން މިދަނީ." ކުރިން ގައުމީ ޓީމުގެ ފޯވަޑަށް ކުޅުނު ތޯރިގް ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ވަޅުޖެހިފައިވާ މި ދަނޑިވަޅުގައި މި ކަންތައްތައް ހައްލުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ފުޓްބޯޅަ ސިސްޓަމް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ތޯރިގް ވިދާޅުވި އެވެ. އޭގެ ތެރެއިން ވެސް ކްލަބްތަކުގެ ހިންގުން ހަރުދަނާ ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކްލަބްތައް އަހަރުން އަހަރަށް ކުރިއަށްގެންދެވޭ ފެންވަރަށް ޕްލޭންގެ ތެރެއިން ހައްލުތަކެއް ހޯދަން މަސައްކަތް ކުރާނަން. މިހާރު މިއޮންނަނީ ލިބޭ އެއްޗެއް އެ އަހަރުން އަހަރަށް ހޭދަކުރާގޮތަށް. އެއީ ކޮންމެ ޓީމެއް ވެސް ބޭނުންވޭ ޓީމު ވަރުގަދަކުރަން ކުޅުންތެރިން ގެންނަން. އެހެންވުމުން ސޭވިން އެއް ނޯވޭ. އެކަމަކު އަޅުގަނޑުމެން ކޮންސަލްޓަންޓުން މެދުވެރިކޮށް މިކަމަށް ވެސް ކޮމާޝިއަލީ ހައްލެއް ހޯދަން މަސައްކަތް ކުރާނަން" ތޯރިގް ވިދާޅުވި އެވެ.