މިނިވަން ޗެމްޕިއަންޝިޕްގައި މި ފަހަރު 57 ޓީމު

އަންނަ މަހު ތިން ވަނަ ދުވަހު ފަށާ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ މިނިވަން ޗެމްޕިއަންޝިޕްގައި މި އަހަރު ވާދަކުރާނީ 57 ޓީމެވެ.


މިއީ މި މުބާރާތް ބާއްވަން ފެށި ފަހުން އެންމެ މަދުން ޓީމު ބައިވެރިވި ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 81 ޓީމު ވާދަކުރި އެވެ.

އެފްއޭއެމް އިން ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތް މި ފަހަރު ވެސް ކުރިއަށްދާނީ އަށް ޒޯން ހިމެނޭ ގޮތަށެވެ. މިއަހަރުގެ މުބާރާތުން ފުރުސަތުދީފައިވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓަރީ ކޮށްފައިވާ ޓީމުތަކަށެވެ.

މި ފަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރޭގައި މިދިޔަ އަހަރު މި މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ށ. މިލަންދޫ ނުހިމެނެ އެވެ.

އަތޮޅަކުން އެއް ޓީމު ބައިވެރިވެފައިވާނަމަ އެ ޓީމެއް ޒޯން ބުރަށް ހޮވޭނެ އެވެ. އެގޮތުން މިހާރު ޖާގަ ލިބިފައިވަނީ އދ. ފެންފުށްޓާއި، ވ. ފުލިދޫ އަދި ފުވައްމުލައް ސިޓީގެ ދޫޑިގަން ޓީމަށެވެ. އަދި ދ. އަތޮޅު ކުޑަހުވަދޫ މިދިޔަ އަހަރުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމުން އެ އަތޮޅުން ބައިވެރިވި އަނެއް ޓީމު ކަމަށްވާ މީދޫ ވަނީ ޒޯން ބުރަށް ގޮސްފަ އެވެ.

މި ފަހަރުގެ މުބާރާތުގައި ވެސް އޮންނާނީ އަތޮޅު ބުރާއި ޒޯން ބުރަށް ފަހު ފައިނަލް ބުރެވެ. ފައިނަލް ބުރުގައި ކުޅޭނީ މިދިޔަ އަހަރުގެ ގަދަ ހަތަރު ޓީމާއި މި އަހަރުގެ އަށް ޒޯނުގެ ޗެމްޕިއަނުންގެ މެދުގަ އެވެ. ޕްރިމިއާ ލީގަށް ހޮވޭނީ މީގެ ތެރެއިން ގަދަ ހަތަރު ޓީމެކެވެ.

އަންނަ މަހު ތިން ވަނަ ދުވަހު މުބާރާތް ފަށާނީ ހދ. އަތޮޅުންނެވެ. މި ފަހަރު އެންމެ ގިނަ ޓީމު ވާދަކުރަނީ މި އަތޮޅުންނެވެ. ދެ ގްރޫޕަަކަށް ބަހާލައިގެން މި އަތޮޅު މެޗުތައް ކުރިއަށްދާއިރު، ހަނިމާދޫ ގުރޫޕްގައި ހިމެނެނީ ހަނިމާދޫ، ނެއްލައިދޫ، ފިނޭ އަދި ނޮޅިވަރަމް އެވެ. ކުޅުދުއްފުށީ ގްރޫޕްގައި ހިމެނެނީ ކުޅުދުއްފުށި، ނޮޅިވަރަންފަރު، ކުމުންދޫ އަދި ކުރިނބީ އެވެ.

ބައިވެރިވި ޓީމުތައް:

* ޒޯން 1: ހއ. (އިހަވަންދޫ، ދިއްދޫ، މުރައިދޫ) ހދ. (ހަނިމާދޫ، ނެއްލައިދޫ، ކުޅުދުއްފުށި، ކުމުންދޫ، ކުރިނބީ، ނޮޅިވަރަމް، ނޮޅިވަރަންފަރު، ފިނޭ)

* ޒޯން 2: ށ. (ފޯކައިދޫ، ފުނަދޫ، ފޭދޫ) ނ (މާޅެންދޫ، މަނަދޫ)

* ޒޯން 3: ރ. (މީދޫ، އުނގޫފާރު، އިންނަމާދޫ، އަލިފުށި) ބ. (އޭދަފުށި، ފެހެންދޫ) ޅ. (ނައިފަރު، ހިންނަވަރު)

* ޒޯން 4: ކ. (ހިންމަފުށި، ގުރައިދޫ، މާފުށި، ހުރާ، ގުޅި)، އއ. (މާޅޮސް)، އދ. (ފެންފުށި)

* ޒޯން 5: ވ. (ފުލިދޫ) މ. (މުލި، މުލަށް، ވޭވަށް، މަޑުއްވަރީ) ފ. (ނިލަންދޫ، މަގޫދޫ) ދ (ކުޑަހުވަދޫ، މީދޫ)

* ޒޯން 6: ގއ. (ކޮނޑޭ، ވިލިނގިލި) ގދ. (ތިނަދޫ، މަޑަވެލި، ހޯނޑެއްދޫ)

* ޒޯން 7: ތ. (ތިމަރަފުށި، ވިލުފުށި، ބުރުނި، ވަންދޫ، މަޑިފުށި) ލ. (މާބައިދޫ، ކުނަހަންދޫ)

* ޒޯން 8: ސ. (ހިތަދޫ، ފޭދޫ، މަރަދޫ، މަރަދޫ ފޭދޫ) ޏ. (ދޫނޑިގަން)