ކުޅުންތެރިންނާއި މެނޭޖްމަންޓުގެ މަސައްކަތް ވެސް ރަނގަޅު: މޯހަން

ފުރަތަމަ މެޗާ ކުރިމަތިލުމުގެ ކުރިން އިތުރު ހަފުތާއެއް ލިބުނު ނަމަ ވަރަށް ރަނގަޅުވީސް ކަމަށާއި އެކަމަކު މިވަގުތު ޓީމު އޮތް ހާލަތާ މެދު ވެސް ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.


މޯހަންގެ ކުރީގެ ކޯޗިން ޕާޓްނަރު އިހުސާން އަބްދުލްގަނީ (ސާންތީ) މިދިޔަ އަހަރުތަކުގައި ގެންއުޅުނު އީގަލްސްއާ ހަވާލުވެގެން މޯހަން ނުކުންނަ ފުރަތަމަ މެޗަކީ އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗެވެ.

"އަދި އެއް ހަފުތާ އިތުރަށް ޕްރެކްޓިސްކޮށްލަން ލިބުނު ނަމަ ރަނގަޅުވީހޭ އަޅުގަނޑު ދަންނަނަވާނީ. އެންމެ ހިތްހަމަޖެހޭ ހިތްހަމަޖެހެކޭ ނުދެންނެވޭނެ ޕްރީ ސީޒަން. އެހެން ނަމަވެސް ހަމަ ފުދޭ ވަރަކަށް ރަނގަޅަށް ދިޔައީ. މެޗުތަކެއް ރަނގަޅު ކުޅެލަން ލިބުނު. މެޗުތަކުގެ ނަތީޖާތައް ވެސް ހިތްހަމަޖެހޭ. ކުޅުން ވެސް ހިތްހަމަޖެހޭ. ކުޅުންތެރިންގެ މަސައްކަތް ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ދެން އީގަލްސްގެ މެނޭޖްމަންޓުން މިކުރާ މަސައްކަތް އަޅުގަނޑު އުއްމީދުކުރަނީ އަހަރު ނިމެންދެން މިގޮތުގައި ކުރިއަށްދާނެ ކަމަށް. އެހެންވީމާ ވަރަށް ބޮޑަށް ހަމަ ހިތްހަމަޖެހޭ އެގޮތަށް އެ ހުރިހާ ކަމަކަށް،" މޯހަން ބުންޏެވެ.

މޯހަން ބުނީ ހުރިހާ ޓީމެއްގެ ފެންވަރު ހަމަހަމަނުވެދާނެ ކަމަށާއި އެކަމަކު މުބާރާތުގެ ފުރަތަމަކޮޅު ހުރިހާ ޓީމެއް ވެސް ވަރަށް އެއްވަރުކޮށްދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މީގައި ފަހަތަށް ދާވަރަކަށް މަސްތަކެއް ގިނަ ވެގެންދާ ވަރަކަށް، ގިނަ ދުވަސްވާވަރަކަށް އެކިއެކި ސަބަބުތަކާ ހެދި މި އަންނަ ތަފާތުތަކެއް އަންނާނީ. އެކަން ނައިސްފި ކަމަށް ވެއްޖެއްޔާ ހުރިހާ ޓީމެއް ވެސް ފައިޓްކުރުމުގެ ޗާންސް އެބައޮތޭ ދެންނެވޭނީ. ދެން މީގައި ސްކޮޑް ބޮޑުވުމާއި ކުޑަވުމާ މިކަހަލަ ކަންތައްތަކުގެ ތަފާތު އަންނާނެ،" މޯހަން ބުންޏެވެ.

ނިއު ރޭޑިއަންޓަށް 2012 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދިން މޯހަން ބުނީ އީގަލްސްގެ ޓާގެޓަކީ ގަދަ ހަޔެއް ކަމަށާއި ވީހާ ވެސް އަވަހަކަށް އެކަން ހާސިލްކުރަން މަސައްކަތްކުރާނެ ކަމަށެވެ. އަދި އީގަލްސް އަށް މިދިޔަ އަހަރު ދިމާވި ބަދުނަސީބު ގޮތް މި ފަހަރު ދިމާނުވާނެ ގޮތަކަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ. މިދިޔަ އަހަރުގެ މާލޭ ލީގުގައި އީގަލްސް އިން ރަނގަޅު ނަތީޖާތަކެއް ނެރެފައިވަނިކޮށް ގަދަ ހަތަރަކުން ކެޓީ ފަހު ވަގުތެވެ.

އީގަލްސް ދޫކޮށް ދިޔަ އެންމެ މުހިއްމު ކުޅުންތެރިޔަކީ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އެވެ. މޯހަން ބުނީ އިންމަގެ ބަދަލުގައި ލިބުނު މުހައްމަދު އާރިފް (ބަކާ) އަކީ ގައުމީ ޓީމަށް ވެސް ގިނަ ދުވަސްތަކެއް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔަކަށް ވުމުން އިންމަ ނެތްތައް މާބޮޑަކަށް ދައްކާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"މިދިޔަ ސީޒަނަށް ވުރެ މި ސީޒަނުގައި މިހާތަނަށް އައި އިރު މި ޕްރީ ސީޒަނުގައި އަޅުގަނޑަށް ފެނިގެން ހިނގައްޖެ ބަކާގެ ވަރަށް ބޮޑު އިމްޕްރޫވްމަންޓެއް ހަގީގަތުގައި. ވަރަށް ބޮޑަށް ފާހަގަކުރެވޭ ވަރަށް ރަނގަޅަށް އިމްޕްރޫވްވެއްޖެކަން. ފިޒިކަލީ ވެސް ވަރަށް ބޮޑަށް ރަނގަޅުވެލާފައި ހުރިތަން މިދިޔަ އަހަރަށް ވުރެ، އަޅުގަނޑަށް ފެނިގެންދަނީ. އެހެންވީމާ އަޅުގަނޑަށް ވަރަށް ބޮޑު އުއްމީދެއް އެބައޮތް ބަކާއާ ދޭތެރޭ،" މޯހަން ބުންޏެވެ.

މޯހަން ބުނީ އީގަލްސް އަށް އަލަށް ގެނައި ކުޅުންތެރިންނާއި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާއި އަދި ގެނެވުނު ބިދޭސީ ކުޅުންތެރިޔާއާ މެދު ވެސް ހިތްހަމަޖެހޭ ކަމަށާއި ހުރިހާ ކަމަކަށް ބަލާއިރު އީގަލްސްގައި އޮތީ ރަނގަޅު މަސްހުނި ޓީމެއް ކަމަށެވެ.

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ހަތަރު މެޗު:

އާދީއްތަ (16:00) ވިކްޓަރީ – އީގަލްސް

އާދީއްތަ (21:00) މާޒިޔާ – ގްރީންސްޓްރީޓްސް

ހޯމަ (16:00) ނިއު ރޭޑިއަންޓް – ޓީސީ

ހޯމަ (21:00) ވެލެންސިއާ – ޔުނައިޓެޑް ވިކްޓަރީ