ސުޒޭން މި ފަހަރު މަސް ބާނާނީ ކަނިފަށްލީ ބުޅިއަކުން!

ކަނޑުމަސް އުކާލާހެން އުކާލަން ނިއު ރޭޑިއަންޓަށް ފުރުސަތު އޮތަސް އެހެން ޓީމުތަކަށް މަސް ބޭނެން އޮތީ އެއަށް ވުރެ ބޮޑަށް ވިސްނައިގެން ފަރުވާތެރިވެގެން ކަމަށް ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ނިއުގައި ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް އެބަ ތިބި ކަމަށާއި އެހެން ޓީމުތަކުން ގެންއުޅެނީ ޖެހެނީ ލިމިޓެޑް އަދަދެއްގެ ކުޅުންތެރިން ކަމަށް އިޝާރާތްކޮށް ސުޒޭން ބުނީ އެހެންވެ އޭނާ މި ފަހަރު ގެންއުޅެނީ އެއްވެސް އެއްޗެއް އަޅައިގެންފިއްޔާ ނައްޓާފައި ނުދެވޭ ވަރުގެ، ކަނިފަށްލާފައި ހުރި ބުޅިއެއް ކަމަށެވެ.

"ކަނޑުމަސް އުކާލާހެން އުކާލަން ނިއު ރޭޑިއަންޓަށް ފުރުސަތު އެބައޮތް. އެއީ ގާތްގަނޑަކަށް 25 ޕްލެޔަރުން އެބަތިބި. ރާއްޖޭގެ ގައުމީ ޓީމަށް އަސްލު ރަނގަޅަށް ނަގައިފިއްޔާ އެ 25 ނަގާފައި އެހެން މީހުން ނަގާނީ. އެހާ ވެސް ރަނގަޅު ކުޅުންތެރިން އެތިބީ ބޭރު ކުޅުންތެރިންނާ އެކު. އެހެންވީމާ އެ މީހުން ނުޖެހޭ ވިސްނާކަށް. ދެން ހުރީ ލިމިޓެޑް އަދަދަކަށް ކޮންމެ ޓީމެއްގައި ވެސް ކުޅުންތެރިން މާޒިޔާ ފިޔަވައި. އެހެންވީމަ ކޮންމެ ޓީމެއް ވެސް ވަރަށް ވިސްނަން ޖެހޭނެ އެ ތިބީ 12 ވަރަކަށް 14 ވަރަކަށް ކުޅުންތެރިން ރަނގަޅަށް ބޭނުންކުރަން،" ސުޒޭން ބުންޏެވެ.

އޭނާގެ ޓްރެއިނިން ސްޓައިލަށް ބަދަލު އައިސްފައިވާ ކަމަށް ނޫސްވެރިޔަކު ބުނުމުން ސުޒޭން ބުނީ އަތުގައި އެވަގުތު އޮތް ކަންވާރަކުން، ދުރުން މަސް ބާނަން ބޭނުމިއްޔާ އަޅާ އެންގަނޑު ތަފާތު ވާން ޖެހޭނެ ކަމަށާއި ބުޅި ވެސް ތަފާތު ވާން ޖެހޭނެ ކަމަށެވެ.

"ކަނޑު މަސް ބާނާ ބުޅިއަކުން ރަތްމަސް ބާނަން އުނދަގޫވާނެ،" ސުޒޭން ބުންޏެވެ.

އެކަމަކު ސުޒޭން ބުނީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބީ ހޯދާފައި ހުރީ ހަމައެކަނި ވަރުގަދަ ކުޅުންތެރިން ލައިގެން ނޫން ކަމަށާއި އެހެންކަމުން ގްރީންސްޓްރީޓްސް ފަދަ ޓީމަކާ އެކު ކާމިޔާބީ ހޯދުން ވެސް ޗެލެންޖަކަށް ނުވާނެ ކަމަށެވެ.

އެ ޓީމު ގޮވައިގެން އޭނާ ނުކުންނަ ފުރަތަމަ މެޗަކީ އެސްޓީއޯ މާލޭ ލީގުގައި މިރޭ ޗެމްޕިއަން މާޒިޔާއާ ދެކޮލަށް ކުޅޭ މެޗެވެ. ސުޒޭން ބުނީ 2002 ވަނަ އަހަރު ވިކްޓަރީން ގައުމީ ތަށި މިލްކޮށްފައިވަނިކޮށް އެ އަހަރު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އައިއެފްސީ އަށް ދިޔައީ ވިކްޓަރީގެ 13 ވަރަކަށް ކުޅުންތެރިންނާއި ބައެއް އޮފިޝަލުން ގޮވައިގެން ކަމަށެވެ.

"(އެކަމަކު ޖެހިގެން އައި އަހަރު) ވިކްޓަރީ ރަނގަޅު ޓީމެއް ބިނާކޮށް އެ އަހަރު އެންމެ ގިނަ ތަށި ހޯދީ ވިކްޓަރީ. އެހެންވީމާ ޗެލެންޖް އެއީކީ އާ އެއްޗެއް ނޫން. މި ދައްކަނީ އަޅުގަނޑު އުމުރުން ބައްތިރީސް އަހަރުގެ ވާހަކަ، ދެން 50 އަށް ދާއިރު މާ ތަޖުރިބާ ހުންނާނެ ކަންނޭގެ،" މާއްޓޭ ދިއުމުން ވިކްޓަރީއާ އޭރު ހަވާލުވި ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ އޭނާގެ ކެރިއަރުގައި ވަރަށް އާދައިގެ ފެންވަރުގެ ކުޅުންތެރިން ގޮވައިގެން ވެސް ތަށި ގެނެސްފައި ހުންނާނެ ކަމަށެވެ.

"(މީގައި އެންމެ) ރަނގަޅަށް އޮތް ކަމަކީ ގްރީންސްޓްރީޓްސް އިން ރަނގަޅު ހިސާބެއްގައި ސީޒަން ނިންމާލާ އެ ޓީމު ރަނގަޅު ޝޭޕެއްގައި އޮއްވާ ހަވާލުވެވުންކަން. މިދިޔަ އަހަރު ވިކްޓަރީ އޮތް ސިޓުއޭޝަނަށް ވުރެ ގްރީން މި އަހަރު އޮތް ސިޓުއޭޝަން މާ ރަނގަޅު،" މިދިޔަ އަހަރު ވެސް ވިކްޓަރީއަށް ކޯޗުކޮށްދިން ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ގްރީންގެ މެނޭޖްމަންޓް މިހާރު އެ އޮތްގޮތަށް އޮތް ކަމަށްވަންޏާ ކާމިޔާބީ ހޯދުން އެހާ އުނދަގޫ ވާނެ ކަމަށް ނުދެކޭ ކަމަށެވެ.