ނިއު ހެވިލާފައި އެއޮތީ މާލީ ދަތިކަމެއް ނެތީމަ: ސުޒޭން

ނިއު ރޭޑިއަންޓް ހެވިލާފައި އެ އޮންނަނީ އެ ޓީމަށް މާލީ އެއްވެސް ބޮލުގެ ރިއްސުމެއް ނެތުމުން ކަމަށާއި އެހެން ޓީމުތަކަށް މިވަގުތު އެންމެ ރަނގަޅު ޗެލެންޖަކީ މާލީ ގޮތުން އެ އަންނަ ދަތިކަމުގެ ތެރެއިން ލާފައި ރަނގަޅު ކާމިޔާބެއް ހާސިލްކުރުން ކަމަށް ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


ފަހަކަށް އައިސް ކޮންމެ ސީޒަނެއްގައި ވެސް ގިނަ ކްލަބްތަކަށް މާލީ މައްސަލަތައް ދިމާވެ ނަތީޖާތަކަށް އަސަރުކޮށްފައިވެ އެވެ. ބައެއް ކޯޗުންނަށް ޓީމު ރޭވުމުގެ އިތުރުން، ކުޅުންތެރިންނަށް މުސާރަ ހަމަކޮށްދޭން ވެސް މަސައްކަތް ކުރަން ޖެހިފައިވެ އެވެ.

އެސްޓީއޯ މާލޭ ލީގުގައި މާޒިޔާއާ 2-2 އިން އެއްވަރުވި މެޗުގެ ކުރިން ނޫސްވެރިން ގާތު ސުޒޭން ބުނީ މާލީ ގޮތުން މައްސަލަ ދިމާވުމަކީ ކޯޗުންގެ އިތުރުން ކޮންމެ މީހަކަށް ވެސް ކުރިމަތިވާނެ އުނދަގުލެއް ކަމަށާއި، އެކަމުގެ ހެއްކަކީ އެ މައްސަލަ ދިމާނުވާ ޓީމު ކަމަށްވާ ނިއު އަށް ބޮލުގެ ރިއްސުމެއް ނެތުން ކަމަށެވެ.

"މިސާލަކަށް މިހާރު ނިއު ރޭޑިއަންޓް އެހާ ހެވިލާފައި ލީގުގައި އެ އޮންނަނީ އެ މީހުންނަކަށް ނެތް އެކަހަލަ އެއްވެސް ބޮލުގެ ރިއްސުމެއް. މާދަމާ އިރުއަރާތޯ ނުވަތަ ނޫންތޯ އެއީ ވިސްނަން ޖެހޭ ވެސް ކަމެއް ނޫން. ބެންކުގައި ހުންނާނެ އެ މީހުންނަށް ހަމަވާ ވަރަށް. އެހެންވީމާ އެހާ ވެސް އަރާމުގައި އުޅެންޏާ ކޯޗަށް ވެސް އެ ޕްރެޝަރު ކުޑަވާނެ. މެނޭޖްމަންޓުގައި ހިންގަން އައިސް ކުޅުންތެރެރިންނާ ފޭސްކުރަން ތިބޭ މެނޭޖަރުން ލެވެލްގެ މީހުންނަށް ވެސް ފަސޭހަވާނެ. ވަރަށް ސުމޫތުކޮށް އެކަން ގެންދެވޭނެ،" ސުޒޭން ބުންޏެވެ.

އެކަމަކު އޭނާ ބުނީ ދެން މިއޮތް ކޮންމެ ކްލަބަކަށް ވެސް ކޮންމެ ދުވަހަކީ ވަރަށް މަސައްކަތްކުރަން ޖެހޭ ދުވަހެއް ކަމަށާއި އެ ބޭނުންވާ އެއްޗެއް ހަމަކުރަނީ ވަރަށް ހާލުގައި އުޅެގެން ކަމަށެވެ. އެހެން ބުންޏަސް މާޒިޔާ އަކީ މާލީ ހުރިހާ ކަމެއް އޯގަނައިޒް ޓީމެއްކަން އޭނާ ފާހަގަކުރި އެވެ.

"އެކަމަކު އެ މީހުން (މާޒިޔާ) ވެސް ވަރަށް ހިތްވަރުން އެވަރުގައި އެ ހިފެހެއްޓެނީ. އެހެންވީމާ ނިއު ރޭޑިއަންޓަށް އެ ވާވަރު އެހެން ކްލަބްތަކަށް ނުވާނެ. ފައިނޭންޝިއަލީ އުނދަގޫތަކެއް ގްރީން އަށް ވެސް މި ސީޒަނުގައި ވެސް އަންނާނެ. އަދި އެހެން ޓީމުތަކަށް ވެސް އަންނާނެ. އެކަމަކު އޭގެ ތެރެއިން ކަންތައްތަކެއް ހާސިލްކުރުން ކަންނޭގެ މީގައި ދެން މިވަގުތު އެންމެ ރަނގަޅު ޗެލެންޖަކަށް ވާނީ،" ސުޒޭން ބުންޏެވެ.

މާލީ ގޮތުން ވަރުގަދަވުމަކީ ކުރިމަތިވެދާނެ ޕްރެޝަރެއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ސުޒޭން ބުނީ އެހެން ނުވާނެ ކަމަށާއި އޭގެ ހެއްކަކީ އޭނާ މާޒިޔާ އަށް ކޯޗުކޮށްދިން އިރު ރަނގަޅު ޓީމެއް އޮވެ ކާމިޔާބީ ވެސް ހޯދުން ކަމަށެވެ.

"އަޅުގަނޑު ދިޔައިރު މާޒިޔާ (ގައި) ރަނގަޅު ޓީމެއް އޮތީ. ހަމަ ކާމިޔާބު އެކަނި ބޭނުންވަނީ. ދެން ބައިވަރު ކާމިޔާބީތަކެއް އޭގައި ހޯދުނުގެ އޭރުގައި. އެހެންވީމާ ފައިނޭންޝިއަލީ ޓީމު ރަނގަޅަށް އޮތް ކަމަށްވަންޏާ ކާމިޔާބީ ހޯދާކަށް މާ އުނދަގުލެއް ނުވާނެ. އެއީ ޓީމުގައި ކުޅުންތެރިންގެ ފަރާތުން އެއްވެސް އިތުރު ޑިމާންޑެއް ނޯންނާނެ. މިސާލަކަށް އެ މީހުންނަށް ކޮށްދޭން ޖެހޭ ކަމެއް ނުކޮށްދެވިގެން،" ސުޒޭން ބުންޏެވެ.