ސިންގަޕޫރާ ދެކޮޅަށް ގައުމީ ޓީމުން މެޗެއް ކުޅެނީ

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު 28 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅުމުގެ ކުރިން ސިންގަޕޫރާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.


އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް "މިހާރަ"ށް ވިދާޅުވީ ސިންގަޕޫރާ ދެކޮޅަށް މެޗު ކުޅެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"އަދި އެއްކޮށް ހަމަނުޖެހޭ. އެކަމަކު އެ މަސައްކަތް އެބަ ކުރިއަށްދޭ. ވަރަށް އުއްމީދު އެބައޮތް މި މެޗު ކުޅެވޭނެ ކަމުގެ،" ޖަވާ ވިދާޅުވި އެވެ.

ގައުމީ ކޯޗުގެ މަގާމުގައި ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު، އޭނާ ނުގެންނަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އަދި މިދިޔަ އަހަރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި އިސްމާއިލް މަހަފޫޒް (އިންމަ) މަގާމު ދޫކޮށްލުމުން އެ މަގާމު ވެސް އޮތީ ހުސްކޮށެވެ.

"ގައުމީ ޓީމަށް ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަދޭ. ފެށޭ ހަފުތާގެ ތެރޭގައި އޭގެ މައުލޫމާތު ހާމަކުރެވޭނެ ކަމަށް މި ބަލަނީ،" ޖަވާ ވިދާޅުވި އެވެ.

ގައުމީ ޓީމާ ފަހަކަށް އައިސް ހަވާލުވި ކޮންމެ ކޯޗަކަށް ވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު އެކުވެރި މެޗުތަކެއް ކުޅެން ނުލިބި ސީދާ ވާދަވެރި މެޗުތަކަށް ނުކުންނަން ޖެހުމުން ނަތީޖާ ނެރެން އުނދަގޫވުމެވެ. އެކަމުގެ ޝަކުވާ ގައުމީ ޓީމުގައި އެންމެ ފަހުން ތިބި ދެ ކޯޗުން ވެސް ކުރި އެވެ.

ރާއްޖެ ވަނީ މިދިޔަ އަހަރު އެކުވެރިކަމުގެ ދެ މެޗެއް ކުޅެފަ އެވެ. އެއީ ގަތަރުގެ އަލް ޑުހެއިލް ސްޕޯޓްސް ކްލަބާއި އަފްގާނިސްތާނާ ދެކޮޅަށެވެ.

ގައުމީ ޓީމަށް ވަގުތު ދިނުމަށް މިހާރު ކުރިއަށްދާ އެސްޓީއޯ މާލޭ ލީގު މެދުކަނޑާލަން ނިންމާފައިވަނީ މި މަހު 20 ވަނަ ދުވަހު އެވެ.