އޮއްޕޮ ނެތްތަން އުމެއިރު ފޫބައްދާނެ: ނިއު ކޯޗު

އެއް އަހަރުގެ ބްރޭކަކަށް ފަހު އަލުން ދިވެހި ފުޓްބޯޅަ އަށް އައިސް އިބްރާހިމް ފަޒީލް (އޮއްޕޮ) ވަނީ މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނިއުގެ ކޯޗު އޮސްކާ ބްރުޒޮންގެ ޕްލޭނުގައި އޮއްޕޮ ފެނުނީ މުހިއްމު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މި ސީޒަނުގައި އޮއްޕޮ ނިއުގައި ނެތްއިރު އޮސްކާ ދެކޭގޮތުގައި އެ މަގާމު ފޫބައްދާނީ މާޒިޔާ ދޫކޮށް އެ ޓީމަށް ބަދަލުވި މުހައްމަދު އުމެއިރު އެވެ.


މިދިޔަ ސީޒަނުގައި ނިއު އިން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، އޮއްޕޮ ވަނީ ގިނަ މެޗުތަކެއްގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އަދި މުހިއްމު މެޗުތަކުގައި ލަނޑު ވެސް ޖެހި އެވެ. އޮއްޕޮ މި ސީޒަންގައި ދިވެހި ކްލަބަކާ ނުގުޅެ އެވެ. އޭނާ ވަނީ އަލުން އާއިލާއާ އެކު ވޭލްސް އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

މިދިޔަ އަހަރު މާޒިޔާގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައި އުމެއިރު ހިމެނެ އެވެ. އޮސްކާ އަށް އުމެއިރު ކަމުދިޔައީ ވެސް އެހެންވެ އެވެ.

އޮއްޕޮ ނެތްތަން ނިއު އިން ދައްކާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އޮސްކާ ބުނީ އުމެއިރު ހުރުމުން އެތަން ނުދައްކާނެ ކަމަށެވެ.

"އަހަރެމެން ޓީމުގައި އުމެއިރު އެބަހުރި. އެއީ އަހަރެންގެ ނަޒަރުގައި އޮއްޕޮއާ އެއް ކޮލިޓީގެ ކުޅުންތެރިޔެއް. އޮއްޕޮ އަހަރެމެންނާ އެކު ނެތް މިވަގުތު. އެހެންވެ އެ ވާހަކަ މުހިއްމެއް ނޫން. އަހަރެން އުމެއިރު ވެސް ރޭންކް ކުރަނީ ބައިނަލްއަގްވާމީ ފެންވަރުގެ ކުޅުންތެރިންގެ ތެރޭގައި. އެ ކުޅުންތެރިންނަށް ކޮންމެ ލީގެއްގައި ވެސް ކުޅެވޭނެ،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ ނިއުގެ ގޭމަށް އުމެއިރު އެއްކޮށް ފިޓްވާން އަދި ވަގުތު ނަގާނެ ކަމަށެވެ.

"އުމެއިރު ވަރަށް މަސައްކަތް ކުރަން އެބަޖެހޭ. އަހަރެމެންގެ ގޭމަށް ފިޓްވާން އޭނާ އަށް ވަގުތު ވެސް ބޭނުންވޭ. އަހަރެމެން މަސައްކަތް ކުރަމުން މިދަނީ އެކަމަށް. މިހާރު އެ ދައްކާ ކުޅުމަށް ވުރެ މޮޅު ކުޅުމެއް އަދި އުމެއިރުގެ ފަރާތުން ފެންނާނެ،" އޮސްކާ ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި ނިއު ފުރަތަމަ ކުޅުނު މެޗުން 3-0 ޓީސީ އަތުން މޮޅުވިއިރު، އެ މެޗުގައި ނިއުގެ ފުރަތަމަ ލަނޑު ޖެހީ އުމެއިރު އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް އޭނާ އެވެ.

ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ނިއު މޮޅުވެފައިވާއިރު، އެ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އޭއެފްސީ ކަޕުގައި އަންނަ ބުދަ ދުވަހު ނުކުންނާނީ ރަށުންބޭރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ.