ފަހު ކަށިގަނޑާ ހަމަޔަށް މަސައްކަތްކުރާނަން: އަކްރަމް

ބަންގްލަދޭޝް ފުޓްބޯޅައިގެ މައްޗަށް ދިވެހި ފުޓްބޯޅައިން ކުރި ހޯދުމުގެ ސިއްރަކީ ބުރަ މަސައްކަތް ކަމަށާއި އޭއެފްސީ ކަޕުގައި މާދަމާ މެންދުރުފަހު އެ ގައުމުގެ ޑާކާ އަބަހާނީއާ ދެކޮޅަށް ވެސް ފަހު ކަށިގަނޑާ ހަމަޔަށް މަސައްކަތްކުރާނެ ކަމަށް ނިއު ރޭޑިއަންޓުގެ މިޑްފީލްޑަރު އަކްރަމް އަބްދުލްގަނީ ބުނެފި އެވެ.


ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އެއް ލީގު ކުރިން އޮތް ބަންގްލަދޭޝުން ވަނީ އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ރާއްޖޭގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެކަމަކު 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ރާއްޖެ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި ފަހުން ބަންގްލަދޭޝް އަށް ސީނިއާ ލެވެލްފައި ރާއްޖޭގެ މައްޗަށް ކުރި ހޯދިފައެއް ނުވެ އެވެ.

މީގެ އިތުރުން 2001/2002 ވަނަ އަހަރުގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގައި ނިއުގެ މައްޗަށް ދެ ލެގުން 3-1 ބަންގްލަދޭޝްގެ މުކްތިޖުއްދާ ސަންގްސާދް ކުރި ހޯދި ފަހުން ކްލަބް ލެވެލްގައި ވެސް ކާމިޔާބެއް ނުހޯދެ އެވެ.

އޭގެ ފަހުން ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް އަދި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޯދައި ސަރަހައްދީ ބާރަކަށްވެފަ އެވެ. އަދި ނިއު އިން ވަނީ ދެ ފަހަރެއްގެ މަތިން އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ގޮސް އަދި އޭގެ ތެރެއިން 2005 ގައި ތިން ވަނަ ހޯދައިފަ އެވެ.

މާދަމާގެ މެޗުގެ ކުރިން ޑާކާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝް ނޫސްވެރިން ވަނީ ކްލަބް ލެވެލް އަދި ގައުމީ ޓީމުގެ ލެވެލްގައި ރާއްޖެ އަށް ބަންގްލަދޭޝްގެ މައްޗަށް ކުރި ލިބުނީ ކީއްވެތޯ އަހައިފަ އެވެ.

"އަހަރެމެން އަބަދުވެސް އައީ ބުރަކޮށް މަސައްކަތްކުރަމުން އެއީ ސަބަބަކީ،" އަކްރަމް ބުންޏެވެ. "ބަންގްލަދޭޝް އަށް ވުރެ އަހަރެމެން އައީ ބުރަކޮށް މަސައްކަތްކުރަމުން. އަދި އަހަރެމެންގެ ކުޅުންތެރިން ވެސް އައީ މަސައްކަތްކުރަމުން (ކުރިއަރަން)."

އަކްރަމް ބުނީ މާދަމާގެ މެޗުގައި ވެސް ފެނިގެން ދާނީ އެ މަންޒަރު ކަމަށެވެ.

"އިންޝާﷲ މާދަމާގެ މެޗުގައި ވެސް އަހަރެމެން (ރެފްރީގެ) ފަހު ކަށިގަނޑާ ހަމަޔަށް މަސައްކަތްކުރާނަން. އަހަރެމެންނަށް ތިން ޕޮއިންޓް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް،" އަކްރަމް ބުންޏެވެ.

ޑާކާގެ ބަންގަބަންދު ސްޓޭޑިއަމުގައި ނިއު އާއި އަބަހާނީ ކުޅޭ މެޗު ފަށާނީ މާދަމާ މެންދުރުފަހު ރާއްޖެ ގަޑިން 3:15 ގަ އެވެ.