އަބަހާނީ ބަލިކޮށް ނިއު އަށް ރަނގަޅު ފެށުމެއް

ދެ ވަނަ ހާފުގައި އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލާ އެކު 1-0 އިން ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ ބަލިކޮށް ރާއްޖޭގެ ނިއު ރޭޑިއަންޓުން އޭއެފްސީ ކަޕުގެ ފެށުން ރަނގަޅުކޮށްފި އެވެ.


ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓީމުތަކަށް ހާއްސަ ގްރޫޕް އީގައި މިއަދު ކުޅެން ކުރިން ހަމަޖެހިފައި އޮތް އަނެއް މެޗު ކަމަށްވާ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި އައިޒޯލް ކުޅޭ މެޗު ވަނީ އަންނަ މަހު ފަސް ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. ނިއު ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހަފްތާގައި މާލޭގައި ނުކުންނާނީ އައިޒޯލްއާ ދެކޮޅަށެވެ.

މިއަދުގެ މެޗަށް ނިއު އިން ނުކުތްއިރު އެ ޓީމުގެ ފުރަތަމަ އެގާރަ އަށް ވަނީ ބަދަލެއް ގެނެސްފަ އެވެ. އަނިޔާގެ ސަބަބުން އަފްގާނިސްތާންގެ ޑިފެންޑަރު ހާރޫން އަމީރީ އަށް ނުކުޅެވުނުއިރު، އެ މަގާމަށް ކުޅުނީ އަހުމަދު އަބްދުﷲ (ލިލީ) އެވެ.

މެޗު ފަށައިގެން ނިއު އިން ވަނީ ބޯޅަ ހިފަަހައްޓައިގެން މެޗުގެ ކޮންޓްރޯލް ހޯދައި އެޓޭކިން ގޭމެއް ކުޅެން ފަށައިފަ އެވެ. އެގޮތުން މެޗުގެ 16 ވަނަ މިނިޓްގައި ނިއުގެ ސްޕެއިން ފޯވާޑް ގުއިލެމް މާޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ފަހުން މެޗުގެ 22 ވަނަ މިނިޓްގައި ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އަބަހާނީ ޑާކާގެ ކީޕަރު ޝާހިދުލް އާލަމް ވަނީ މަތަކޮށްފަ އެވެ.

އަބަހާނީގެ ފުރަތަމަ ހަމަލާ އެ ޓީމުން އުފެއްދީ މެޗުގެ 27 ވަނަ މިނިޓްގަ އެވެ. އެ ޓީމަށް ކުޅޭ ނައިޖީރިއާގެ މިޑްފީލްޑަރު ސަންޑޭ ޗިޒޯބާ ނިއުގެ ޑިފެންސްލައިނުގެ ތެރެއިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ފުރަތަމަ ހާފުގެ ފަހު 15 މިނިޓް ތެރޭ ނިއު އިން ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެގޮތުން ގުއިލެމް ފޮނުވާލި ބޯޅަ އެއް ގޯލަށް ވަންނަން ދަނިކޮށް އަބަހާނީގެ ޑިފެންޑަރުން ވަނީ ބޭރުކޮށްލައިފަ އެވެ. އަދި ސެންޓޭ ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ކީޕަރު ޝާހިދުލް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ތިން މިނިޓް ތެރޭ އަބަހާނީގެ ސަންޑޭ އޭރިއާ ތެރެއިން މުޅިން ހުސްކޮށްހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ.

ސެންޓޭ ނިއު އަށް ލީޑު ނަގައިދިނީ މެޗުގެ 58 ވަނަ މިނިޓުގަ އެވެ. މުހައްމަދު އުމެއިރު ހުސްކޮށްލާފައި މަތިން އޭރިއާ ތެރެއިން ސެންޓޭ އަށް ދިން ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

އަބަހާނީ އަށް އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ މެޗުގެ 65 ވަނަ މިނިޓްގައި އެ ޓީމުގެ ސަންޑޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

އަބަހާނީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ނިއު އިން ދެ ވަނަ ލަނޑެއް ޖަހަން ފުރުސަތުތަށް ތަނަވަސްކުރި އެވެ. އެގޮތުން މެޗުގެ 70 ވަނަ މިނިޓްގައި ދަގަނޑޭ ފޮނުވާލި ބޯޅައެއް ގޯލު ރޮނގުމަތިން ސަލާމަތްކުރީ އަބަހާނީ ޑިފެންޑަރުންނެވެ. އޭގެ ހަތް މިނިޓް ފަހުން ދަގަނޑޭ އަށް ލިބުނު ބޯޅަ ކީޕަރު ޝާހިދުލް ވަނީ ހުއްޓުވައިފަ އެވެ.

ކައުންޓަ އެޓޭކުގައި އަބަހާނީ ޓީމަށް ލިބޭ ބޯޅަތަކުން ނިއު އަށް ނުރައްކާ ކުރަން އެ ޓީމުން ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން މެޗުގެ 88 ވަނަ މިނިޓްގައި އޭރިއާ ކައިިރިން ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުން އުފެއްދި ހަމަލާ ނިއުގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފަ އެވެ. އޭގެ ފަހުން އިތުރު ވަގުތުގައި ގާތްގާތުގައި ގިނަ ކޯނަރުތަކެއް އަބަހާނީ އަށް ލިބިގެންދިޔަ ނަމަވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން އެ ޓީމުން ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގައި ކުޅުނު މި މެޗުން މޮޅުވިއިރު، އޭނާ ވަނީ މި މުބާރާތުގައި ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ހަ މެޗަކީ ވެސް އޭނާގެ ނަޒަރުގައި މުޅިން ފައިނަލް މެޗުތަކެއް ކަމަށް ބުނެފަ އެވެ. އެއީ މުބާރާތުގެ އަނެއް ބުރުން ޖާގަ ލިބޭނީ ގްރޫޕްގެ އެއް ވަނަ އަށް އެކަނި ކަމަށްވުމުންނެވެ.