ނިއު އަށް އޮތް އެޑްވާންޓޭޖްގެ ބޭނުން ހިފުނު: އޮސްކާ

އޭއެފްސީ ކަޕްގައި އިއްޔެ ބަންގްލަދޭޝްގައި އެ ގައުމުގެ ޗެމްޕިއަން ޑާކާ އަބަހާނީ އަތުން މޮޅުވިއިރު ނިއު ރޭޑިއަންޓުން އެ ޓީމަށް ނެގެން އޮތް އެޑްވާންޓޭޖްގެ ބޭނުން ހިފި ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.


އަބަހާނީ އަތުން ނިއު މޮޅުވީ 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭގެ ފަހުން ލީޑުފުޅާކުރަން ނިއު އަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުހިފުނެވެ.

މެޗަށް ފަހު ނިއުގެ ކޯޗު އޮސްކާ ބުނީ މެޗަށް ނުކުތްއިރު ވެސް ނިއުގެ ހޯމް މެޗެއް ނޫން ނަމަވެސް އެ ޓީމަށް އެޑްވާންޓޭޖެއް އޮތް ކަމަށެވެ.

"އަހަރެމެންނަށް އޮތް އެޑްވާންޓޭޖެއް އެއީ ރަނގަޅު ޕްރީ ސީޒަނެއް ހެދިފައިވުން. އަހަރެމެން (ކުޅުނީ) ހަތަރު ހަފްތާގެ ޕްރީ ސީޒަނެއް ހެދުމަށް ފަހު. މިހާރު ވާނީ ލީގުގައި ވެސް ދެ މެޗެއް ކުޅެފައި. އެކަމަކު އަހަރެމެންނާ ދެކޮޅަށް ނުކުތް އަބަހާނީ އެހެނެއް ނޫން. އަހަންނަށް އެނގޭ އެ މީހުންނަށް ހަމައެކަނި ހެދުނީ ތިން ހަފްތާގެ ޕްރީ ސީޒަންކަން،" އޮސްކާ ބުންޏެވެ.

"އަހަރެމެންނަށް އެނގޭ ވާދަވެރި މެޗެއް ނުކުޅެ އޮތް ޓީމަކަށް 90 މިނިޓް ރަނގަޅު ލެވެލެއްގައި ނުހިފަހައްޓާލެވޭނެކަން. އަހަރެމެން ބޭނުންވީ މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެން. އެކަން ހާސިލްކުރެވުނު."

އޭނާ ބުނީ އަބަހާނީ ވެސް ވާދަވެރި މެޗުތަކެއް ކުޅެފައި އައިނަމަ މި މެޗު ނިއު އަށް އުނދަގޫވާނެ ކަމަށާއި މިއީ އެ ގޮތުން ބަލާއިރު މި މެޗު ކުޅެން ނިއު އަށް ރަނގަޅު ވަގުތެއް ކަމަށެވެ.

އަބަހާނީގެ ކޯޗު ސައިފުލް ބާރީ ޓީޓޫ ބުނީ މެޗުގައި އޭނާގެ ޓީމުގެ ފިޓްނަސް މައްސަލަތަކެއް ފެނިގެންދިޔަ ކަމަށާއި އަދި ފަހު 20 މިނިޓް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން އަލުން މެޗުގެ ތެރެއަށް ވަންނަން އުނދަގޫތަކެއް ކުރިމަތިވި ކަަމަށެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓީމުތަކަށް ހާއްސަ ގްރޫޕް އީގައި އިއްޔެ ކުޅެން ކުރިން ހަމަޖެހިފައި އޮތް އަނެއް މެޗު ކަމަށްވާ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި އައިޒޯލް ކުޅޭ މެޗު ވަނީ އަންނަ މަހު ފަސް ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.

ނިއު ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހަފްތާގައި މާލޭގައި ނުކުންނާނީ އައިޒޯލްއާ ދެކޮޅަށެވެ. މި ގްރޫޕުން މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ލިބޭނީ އެންމެ ޓީމަކަށެވެ.