ގްރީންސްޓްރީޓްސް އަތުން އީގަލްސް މޮޅުވެއްޖެ

އެސްޓީއޯ މާލޭ ލީގުގައި ކްލަބް އީގަލްސް ކުޅުނު ތިން ވަނަ މެޗުން މިއަދު ހަވީރު ކްލަބް ގްރީންސްޓްރީޓްސް އަތުން 2-1 އިން މޮޅުވެއްޖެ އެވެ.


ތިން ވަނަ ހަފުތާގަ ފުރަތަމަ މެޗުން ހޯދި މި މޮޅާ އެކު އެ ޓީމު ވަނީ ހަތް ޕޮއިންޓް ހަމަކޮށް ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ގްރީންސްޓްރީޓްސް އޮތީ ތިން މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

މިއަދުގެ މެޗުގެ ފަސް ވަނަ މިނެޓުގައި ބްރެޒިލް ފޯވާޑް އެޑުއާޑޯގެ ގޯލުން އީގަލްސް އިން ވަނީ ލީޑު ނަގައިފަ އެވެ. ހަސަން ރާއިފް (ހަންނަ) ދިން ބޯޅަ އޭނާ ވަނީ އޭރިއާ ތެރެއިން ގޯލަށް ވައްދާލައިފަ އެވެ. އޭގެ ތިން މިނެޓު ކުރިން ވެސް އެޑުއާޑޯ އަށް ހަންނަ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްދިނެނެވެ. އެކަމަކު އެ ބޯޅަ އެޑުއާޑޯ ޖެހުމުން ގްރީންސްޓްރީޓްސްގެ ގޯލްކީޕަރު މަތަކުރި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީންސްޓްރީޓްސް އަށް އެއްވަރުކުރަން ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން 29 ވަނަ މިނެޓުގައި ކޯނަރަކުން އުފެއްދި ފުރުސަތެއްގައި އޭރިއާ ތެރެއިން ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އަށް ލިބުނު ބޯޅަ ޖެހުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އަދި ޔޫކްރޭން މިޑްފީލްޑަރު ސޮބުލް އިލިއާ ފޮނުވާލި ހިލޭ ޖެހުން ވެސް ދިޔައީ ގޯލުގެ މަތީ ކަނާ ދިމާލުން ބޭރުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ތަފާތު ބޮޑުކޮށްލަން އީގަލްސްގެ މުހައްމަދު ނާއިމަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. އެޑުއާޑޯ ޖައްސާލި ބޯޅަ ހިފައިގެން އޭނާ އެކަނިމާއެކަނި އޭރިއާ ތެރެއަށް ވަދެ ޖެހުމުން އަމާޒުވީ ކީޕަރު އަތަށެވެ.

އީގަލްސްގެ އެޑުއާޑޯ ޝޮޓެއް ޖަހަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި ގްރީންސްޓްރީޓްސް އިން އެއްވަރުކުރި އެވެ. އޭރިއާގެ ކަނާ ދިމާލުން މުހައްމަދު ރިސްވާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އޭގެ ތިން މިނެޓު ފަހުން އީގަލްސް އިން އަލުން އެއްވަރުކުރި އެވެ. އެޑުއާޑޯ ނެގި ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައެއް ބޮލުން ޖަހައި ގޯލަށް ވައްދާލީ އުއްމީދީ ފޯވާޑް ނާއިމެވެ. މި ހިލޭ ޖެހުން ފުރަތަމަ ފޮނުވާލިއިރު ގްރީންސްޓްރީޓްސްގެ ކުޅުންތެރިން ފައުލްކަމަށް ބުނެ ރެފްރީ އަލުން ޖަހަން ދިނީ އެވެ. އޭގެ ފަހުން 70 ވަނަ މިނެޓުގައި އެޑުއާޑޯ ވަނީ ހިލޭ ޖެހުމަކުން އަނެއްކާ ވެސް ނުރައްކާކޮށްފަ އެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއީ މިހާތަނަށް ކުޅުނު ތިން މެޗަށް ބަލާއިރު އެންމެ ދަށްކޮށް ކުޅުނު ދުވަސް ކަމަށާއި ވަރަށް ގިނަ ކުޅުންތެރިންގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށެވެ. އެއާ އެކު ވެސް ކުޅުންތެރިންގެ މަސައްކަތުން ތިން ޕޮއިންޓް ހޯދުނު ހޯދުން އޭނާ ފާހަގަކުރި އެވެ.

މޯހަން ވަނީ މި ސީޒަނުގައި މިހާތަނަށް ބްރެޒިލް ފޯވާޑް އެޑުއާޑޯ އާއި ބަކާ އަދި ޒުވާން ފޯވާޑް ނާއިމް ދައްކާ ކުޅުން ފާހަގަކޮށްފަ އެވެ. ހާއްސަކޮށް ބަކާ މެދުތެރެއިން ވަރަށް ރަނގަޅު ޑިސިޕްލިންއަކާ އެކު ކުޅުނު ކުޅުމަށް އޭނާ ތައުރީފްކުރި އެވެ.

ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މި ބައްޔާ އެކު، ގަދަ ހަޔެއްގެ ތެރޭ ހިމެނެން ވިސްނަން ޖެހޭ ހިސާބަށް ގޮސްފި ކަމަށާއި ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

"ގްރީން އަށް ވަރަށް އުނދަގޫކޮށް މިދިޔައީ. ފުރަތަމަ ހާފުގައި އީގަލްސް އިން ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ދެ ވަނަ ހާފުގައި ބެލެންސްކޮށް ދިޔައީ. ދެ ވަނަ ހާފުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ގޯލް ޖަހައި ނަތީޖާ ނެރުނު،" ސުޒޭން ބުންޏެވެ.