ނިޒާމްބެއާ މެދު ފަހުރުވެރިވޭ: ކިސް

ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާ މެދު ފަހުރުވެރިވާ ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ވިކްޓަރީގެ ކޯޗު އަދި ނިޒާމްބެ އަށް ކުރިން ކޯޗުކޮށްދިން ހަންގޭރީގެ ލާސްލޯ ކިސް ބުނެފި އެވެ.


ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅު ވެލެންސިއާއާ އެކު ކިސް ކާމިޔާބީ ހޯދިއިރު ނިޒާމްބެ އަކީ އެ ޓީމުގެ ކުޅުންތެރިޔެކެވެ. ކިސް ބުނީ ކޯޗެއްގެ ގޮތުގައި ވެސް ނިޒާމްބެގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށާއި އެ ޓީމުން ކުޅެނީ ވަރަށް އަވަސް ރީތި ފުޓްބޯޅައެއް ކަމަށެވެ.

"އަހަރެން ނިޒާމާ މެދު ފަހުރުވެރިވޭ. އަހަރެމެން ހަމައެކަނި ވާދަވެރިންނަށް ވާނީ ޓްރެކުގައި. އެކަމަކު އަހަރެމެންމީ ދުޝްމިނުންނެއް ނޫން،" ކިސް ބުންޏެވެ.

ކިސް ބުނީ މި މެޗު ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ ޓީސީން ކުޅޭ އަވަސް ގޭމް ކަމަށެވެ.

"އަހަރެމެންގެ ޑިފެންސުގައި މައްސަލަތަކެއް އެބައުޅޭ. ފަހަރުގައި ފޯވާޑެއް ވެސް ކުޅުވަން ޖެހިދާނެ ޑިފެންސަށް މި މެޗުގައި. އެހެން އެކަން އޮއްވާ ޓީސީ ފަދަ އަވަސް ގޭމެއް ކުޅޭ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުން އުނދަގޫވާނެ. ޓީސީގެ މެދުތެރޭގެ ކޮމްބިނޭޝަން ވަރަށް ރަނގަޅު،" ކިސް ބުންޏެވެ. "އަނެއްކާ ޓީސީގައި އެބަތިބި ވަރަށް ރަނގަޅު ޑިފެންޑަރުން. ބެންޖޯ އާއި ދެ ނަމްބަރު (އަލާ ނާސިރު)."

އެކަމަކު ކިސް ބުނީ މިދިޔަ ދެ މެޗުން ބަލިވުމުގައި ނަސީބު ދެރަވުން ވެސް ދައުރެއް އަދާކުރި ކަމަށާއި އެކަން ބަދަލުކޮށް މި މެޗުން މޮޅުވާން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުން އީގަލްސް އަތުން 3-1 އިން ބަލިވިއިރު ދެ ވަނަ މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވީ 2-1 އިންނެވެ. ޓީސީ ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް އަތުން 3-0 އިން ބަލިވިއިރު ދެ ވަނަ މެޗުގައި ގްރީންސްޓްރީޓްސްއާ 1-1 އިން އެއްވަރުވީ އެވެ.