ގައުމީ ކޯޗުކަން އަފްގާނިސްތާނުގެ ކުރީގެ ކޯޗަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވާން އަފްގާނިސްތާނަށް ކުރިން ކޯޗުކޮށްދިން ކްރޮއޭޝިއާ އަށް އުފަން ޕީޓަ ސެގަޓް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.


އެސްޓީއޯ މާލޭ ލީގުގައި ވެލެންސިއާ އާއި މާޒިޔާ ކުޅުނު މެޗު ބަލަން ގަލޮޅު ދަނޑަށް އޭނާ ދިޔަ އެވެ.

ސެގަޓް ވެގެންދާނީ ފާއިތުވި ހަތަރު އަހަރު ތެރޭ ގައުމީ ޓީމާ ހަވާލުވާ ހަތަރު ވަނަ ކޯޗަށެވެ. އެންމެ ފަހުން ގައުމީ ޓީމަށް އިރުޝާދުދިން އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓްގެ އެއްބަސްވުން މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

ގައުމީ ކޯޗުކަމަށް ސެގަޓްގެ އިތުރުން ގިނަ އެހެން ކޯޗުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ފިލިޕީންސް ގައުމީ ޓީމުގެ ކޯޗަކަށް ވެސް މަސައްކަތްކުރި ސައިމަން މެކްނަމީ ހިމެނެ އެވެ.

ސެގަޓްގެ ކޯޗުކަމުގައި 2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގައި އަފްގާނިސްތާނުން ވަނީ ރާއްޖޭގެ މައްޗަށް 4-0 އިން ކުރިހޯދައިފަ އެވެ. މިއީ އަފްގާނިސްތާން އަތުން ރާއްޖެ އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. އޭރު ގައުމީ ކޯޗަކީ ނިއު ޒީލެންޑުގެ ރިކީ ހާބަޓް އެވެ.

ޖަރުމަނުގެ ކްލަބްތަކުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ކެރިއަރު ފެށި ސެގަޓް ވަނީ އޮސްޓްރިއާ އާއި އިންޑޮނޭޝިއާ އަދި ބޮސްނިއާގެ ކްލަބްތަކަށް ކޯޗުކޮށްދީފަ އެވެ. އަދި އޭނާ ވަނީ މީގެ ކުރިން ޖޯޖިއާގެ 21 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމަށް ކޯޗުކޮށްދީފަ އެވެ.

ސެގަޓް ގައުމީ ޓީމާ ހަވާލުވުމަށް ފަހު ކުރިމަތިލާނެ ފުރަތަމަ މެޗެއްގެ ގޮތުގައި ބެލެވިފައިވަނީ ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ.