ނިއު ރަނގަޅު ފޯމެއްގައި އޮތުމުން އޮސްކާ ހިތްހަމަޖެހިފައި

އޭއެފްސީ ކަޕްގައި މާދަމާ ހަވީރު އިންޑިއާގެ އައިޒޯލްއާ ދެކޮޅަށް ނުކުންނައިރު ނިއު ރޭޑިއަންޓް ރަނގަޅު ފޯމެއްގައި އޮތުމުން ލިބޭ ހިތްހަމަ ޖެހުން ބޮޑު ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން މިއަދު ބުނެފި އެވެ.


އޭއެފްސީ ކަޕްގައި ނިއު ކުޅުނު ފުރަތަމަ މެޗުން ވަނީ ރަށުން ބޭރުގައި 1-0 އިން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން މޮޅުވެފަ އެވެ. މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ މެދަކާ ހިސާބުން ހުރިހާ މެޗަކުން ނިއު އަންނަނީ މޮޅުވަމުންނެވެ. މިއީ އެ ޓީމުގެ ކޯޗު އޮސްކާ އަށް އޮތް ބޮޑު ހިތްހަމަ ޖެހުމެކެވެ.

"އަހަންނަށް ފޮރުވޭކަށެއް ނެތް، މުޅި ޓީމު ވެސް އަހަރެން ވެސް މިހުރީ ވަރަށް ހިތްހަމަ ޖެހިފައި. އެއީ ވަރަށް ރަނގަޅު ފޯމެއްގައި ޓީމު މިއޮތީ. ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ ނެރެގެން މި ރަނގަޅު ވަގުތު ދައްމާލަން ބޭނުން. އަހަރެމެން އެއްވެސް ޓީމެއް ދެކެ ޖެހިލުމެއް ނުވޭ. މި މުބާރާތުގައި ކުރިއަށްދެވޭނީ ވަދާވެރިއަކަށް ވެގެން،" މާދަމާގެ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުންޏެވެ.

ނިއުގެ ކޯޗު އޮސްކާ ވަނީ މީގެ ކުރިން އިންޑިއާގެ ސްޕޯޓިން ގޯއާ އާއި މުމްބާއީ ސިޓީގައި މަސައްކަތް ކޮށްފަ އެވެ. އައިޒޯލްގެ ކޯޗު ސަންތޯޝް ކަޝިޔަޕް އަކީ އޮސްކާއާ ދެކޮޅަށް އިންޑިއާ ލީގުގައި ގިނަ މެޗުތަކެއްގައި ނުކުމެފައިވާ ކޯޗެކެވެ.

އޮސްކާ ބުނީ މިއީ ނިއު އަށް އުނދަގޫވާނެ މެޗެއް ކަމަށާއި އައިޒޯލް އޭނާ އަށް އެނގޭ ކަމަށެވެ.

"އަހަރެންނަށް އިންޑިއާ ފުޓްބޯޅަ އެނގޭ. އަދި ސަންތޯޝް (އައިޒޯލް ކޯޗު) ވެސް އެނގޭ. އެއީ ވަރަށް ގިނައިން އެ މީހުންނާ ދެކޮޅަށް ކުޅުނިން. މާދަމާ ފެންނާނެ ވަރަށް ރަނގަޅު ފައިޓެއް. ވަރަށް ރަނގަޅު މިޑްފީލްޑަރުން އައިޒޯލްގައި އެބަތިބި. އަދި އެހެން ވެސް ކުޅުންތެރިން އެބަތިބި. އަހަރެމެންނަށް އެނގޭ އެ މީހުންގެ ވަރުގަދަ ކަމާއި ބަލިފައި ވެސް. ވަރަށް އުނދަގޫ މެޗެއް ފެންނާނެ. އެމީހުން ކުޅޭނީ ވަރަށް ޑިފެންސިވް ކުޅުމެއް،" އޮސްކާ ބުންޏެވެ.

އުނދަގޫ މެޗަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އޮސްކާ އަށް ހިތްހަމަ ޖެހުމެއް އެބައޮތެވެ.

"ހިތްހަމަ ޖެހުމެއް އެބައޮތް. އެއީ މި މޫސުމާއި މި ދަނޑުގެ ހާލަތާއި ހުރިހާ ކަމަކަށް އަހަރެމެން ތިބޭނީ ހޭނިފައި. ދެން އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު އެ ވެސް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ. މިއީ އަހަރެމެން ހޯދަން ވަރަށް މުހިއްމު މޮޅެއް،" އޭނާ ބުންޏެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޓީމުތަކަށް ހާއްސަ ގްރޫޕުން އަނެއް ބުރަށް ދެވެނީ އެއް ޓީމަކަށެވެ. މި ގްރޫޕްގެ ފޭވަރިޓަކީ ބެންގަލޫރުކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، އޮސްކާ ބުނީ އޭނާ އެކަން ގަބޫލުނުކުރާ ކަމަށެވެ.

"މިއީ ހުސް ވާހަކަ. އެއީ މުބާރާތުގައި ކުޅޭއިރު މުހިއްމު ވާހަކައެއް ނޫން. ބެންގަލޫރަކީ ބޮޑު ބަޖެޓެއް އޮތް ޓީމެއް. ވަރަށް ބޮޑު ތަފާތެއް އޮތް ޓީމެއް. އެ މީހުންގެ ވިސްނުމުގައި އެއީ ފޭވަރިޓުން. އެކަމަކު އަހަރެންގެ ނަޒަރުގައި އަހަރެމެންގެ ޓީމަކީ ފޭވަރިޓުން. އެއީ މި ޓީމުގެ ކޮންފިޑެންސާއި ދައްކާ ކުޅުމުން،" އޮސްކާ ބުންޏެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޮސްކާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭއެފްސީ ކަޕްގައި ނިއު ދެ ވަނަ މެޗަށް ނުކުންނައިރު، މާދަމާ ބެންގަލޫރު ކުޅޭނީ އެ ޓީމުގެ ފުރަތަމަ މެޗު އަބަހާނީއާ ދެކޮޅަށެވެ. ބެންގަލޫރު ކުޅެން އޮތް ފުރަތަމަ މެޗު އޭއެފްސީން ވަނީ އަންނަ މަހަށް ފަސްކޮށްފަ އެވެ. އެއީ އިންޑިއަން ސުޕަ ލީގުގައި ބެންގަލޫރު ވާދަކުރަމުންދާތީ އެ ޓީމަށް އުނދަގޫ ޝެޑިއުލެއް އޮތުމުންނެވެ.

މި ނިންމުންތަކަކީ ބެންގަލޫރަށް ފައިދާވާ ގޮތަށް އޮތް ނިންމުންތަކެއްތޯ އޮސްކާއާ ނޫސްވެރިން ސުވާލުކުރުމުން އޭނާ ދިނީ ނުސީދާ ޖަވާބުތަކެކެވެ.

"ޖަވާބުދޭން އުނދަގޫ ސުވާލެއް. އަހަންނަށް ނޭނގޭ ވާހަކަތަކެއް ނުދައްކާނަން. ސާފް ޗެމްޕިއަންޝިޕް ލަސްކުރީ އިންޑިއަން ސުޕަ ލީގާ ހެދި. އެ މީހުންގެ އޭއެފްސީ ކަޕުގެ ފުރަތަމަ މެޗު ލަސްކުރީ ބެންގަލޫރަށް އުނދަގޫ ޝެޑިއުލެއް އޮތުމުން. އަހަރެމެން 11 އޭޕްރީލްގައި ކުޅެން އޮތް ބެންގަލޫރުގެ އަވޭ ގޭމް 10 އޭޕްރީލަށް އަވަސްކުރީ ބެންގަލޫރަށް އުނދަގޫ ޝެޑިއުލެއް އޮތީމަ. މިއީ މުޅިން ފެކްޓްސް. ބާކީ ވާހަކަތައް ދޫކޮށްލާނަން،" އޮސްކާ ބުންޏެވެ.

"ފެކްޓަކީ މިއީ އެއްބަޔަކަށް ރަނގަޅުވާ ގޮތަށް ގެނެވިފައި ހުރި ބަދަލުތަކެއް. އެންމެންގެ ނަޒަރުގައި ފޭވަރިޓް ޓީމަށް ފައިދާވާ ގޮތަށް. މިއީ އަހަރެމެންގެ ޓީމުގެ ވަށައިގެން އިވޭ އަޑުތަކެއް. އަހަރެމެން ވިސްނަންވީ އަމިއްލަ ގޮތްތަކަށް. އަމިއްލަ ކުޅުމަށް. އެއީ ރަނގަޅު ނަތީޖާއެއް ނެރެގެން ކުރިޔަށްދާން."

އޮސްކާ ބުނީ ނިއު އަށް ރަނގަޅު ގޮތްތަކެއް ހަދައިދެނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަމަށާއި އެ ނޫން ދިމާލަކުން އެ ޓީމަށް ގޮތެއް ނިންމޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗުގައި ނުފެނުނު ނިއުގެ އަފްގާނިސްތާން ފުލްބެކް ހާރޫން އަމީރީ މާދަމާގެ މެޗުގައި ކުޅުވުމާ މެދު ގޮތެއް ނިންމާނީ މާދަމާ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

ނިއު އާއި އައިޒޯލް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.