ދަގަނޑޭގެ ހެޓްރިކުން ނިއު އިން އައިޒޯލް ބަލިކޮށްފި

ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހެދި ހެޓްރިކާ އެކު ފަހަތުން އަރައި އިންޑިއާގެ ލީގު ޗެމްޕިއަން އައިޒޯލް އެފްސީ އަތުން 3-1 އިން މޮޅުވެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.


ނިއު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާއިރު، ދެން އެ ޓީމު ނުކުންނާނީ އަންނަ މަހު 10 ވަނަ ދުވަހު މި ގްރޫޕްގެ ފޭވަރިޓްގެ ގޮތުގައި ބެލެވިފައި އޮތް އިންޑިއާގެ ބެންގަލޫރާ ދެކޮޅަށެވެ. ބެންގަލޫރު މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއާ ދެކޮޅަށެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން މެޗު ފެށީ ސްޕެއިން ފޯވާޑް ގުއިލެމް މާޓީގެ ބަދަލުގައި ޒުވާން ކުޅުންތެރިޔާ ރިހާމް އަބްދުލް ގަނީ (ބޮބީ) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އަނިޔާގައި ހުރި އަފްގާނިސްތާން ފުލްބެކް ހާރޫން އާމީރީ މި މެޗުގައި ވެސް ނުކުޅެ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ލަސްކުޅުމެކެވެ. ނިއު އިން އެޓޭކު އުފައްދަން މަސައްކަތްކުރި ނަމަވެސް އައިޒޯލަށް ކުޅޭ އަފްގާނިސްތާނުގެ ޑިފެންޑަރު މަސީހް ސައިގާނީ ދިޔައީ ނިއުގެ ކުޅުންތެރިން ހުއްޓުވަމުންނެވެ.

ނިއުގެ ފުރަތަަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 24 ވަނަ މިނިޓްގަ އެވެ. ބޮބީ އަށް އައިޒޯލް ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ އައިޒޯލްގެ ކީޕަރު ލަލަމްޕުއާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

އައިޒޯލް ކުޅުންތެރިޔަކު ކައިރިން ސެންޓޭ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ހަަތަރު މިނިޓް ފަހުން ނިއު އަށް ލީޑުނަގައިދޭން މުހައްމަދު އުމެއިރު އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ދަގަނޑޭ ދިން ބޯޅައެއް އޭރިއާ ތެރެއިން ބޮބީ އަށް ލިބުމުން އޭނާ ހުސްކޮށްލާފައި ދިނީ އުމެއިރު އަށެވެ. އޭނާ މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ނިއު އިން ކުރިއަށް ޖެހިގެން އެޓޭކެއް އުފައްދަން އުޅުނު ގަޑީގައި އައިޒޯލުން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 30 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ލަލްރަމުންމާވިއާ އެވެ.

އައިޒޯލުގެ އަންދްރޭ ހުސްކޮށް އޭރިއާ ތެރެއަށް ބޯޅަ ހިފައިގެންވަދެ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން މުހައްމަދު މަތަކުރި އެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް އައިޒޯލް ކުޅުންތެރިން ފޮނުވާލި ނަމަވެސް ނިއުގެ ޑިފެންޑަރުން ބްލޮކްކުރި އެވެ. އެހެން ނަމަވެސް ދެން އެ ބޯޅަ ލިބުނީ މުޅިން ހުސްކޮށްހުރި ލަލްރަމުންމާވިއާ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

އައިޒޯލުގެ ލަނޑާ އެކު ނިއު އިން އެޓޭކް ވަރުގަދަކުރި އެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަަމަ ހާފު ނިމުމުގެ ކުރިން ދަގަނޑޭ ވަނީ ނިއު އަށް ނަތީޖާ ހަމަހަަމަ ކޮށްދީފަ އެވެ. އަހުމަދު އަބްދުﷲ (ލިލީ) ހުސްކޮށްލާފައި ދިން ބޯޅަ ދަގަނޑޭ ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލައިފަ އެވެ.

ދެ ވަނަ ހާފް ފަަށައިގެން އައިޒޯލުން ވަރަށް ބޮޑަށް މެޗު ލަސްކުރަން މަސައްކަތްކުރި އެވެ. އެކަމުގެ ސަބަބުން ނިއު އަށް އެ ޓީމުގެ ގޭމް ކުޅެން އުނދަގޫވި އެވެ. ނިއު އިން މި ހާފުގައި ފުރަތަމަ ހަމަލާ އުފެއްދީ ވެސް ދަގަނޑޭ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ދަގަނޑޭ ފޮނުވާލި ބޯޅަ ކީޕަރު ލަލަމްޕުއާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ދަގަނޑޭ ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް ވެސް ވަނީ އަމާޒުވެފަ އެވެ.

މި މެޗުގައި އައިޒޯލަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ 75 ވަނަ މިނިޓްގައި އައިޒޯލްގެ ލަލްރަމުންމާވިއާ އަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ނިއުގެ ސްޕެއިނު ފޯވާޑް ގުއިލެމް މާޓީ މުޅިން ހުހަށް އޭރިއާ ތެރެއަށް ވަންނަން ދަނިކޮށް ބިމާހަމަކޮށްލުމުންނެވެ.

ނިއުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އައިޒޯލްގެ ކުޅުންތެރިޔަކު މަދުވިތާ ދެ މިނިޓް ފަހުން ދަގަނޑޭ ވަނީ ނިއު އަށް ލީޑުނަގައިދީފަ އެވެ. އަރިމަތިން ނިއުގެ ހިޝާމް ސަލީމް (ކޮކީ) އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ދަގަނޑޭ ބޮލުން ފޮނުވާލުމުން ގޯލުގެ ތެރެއަށް ބޯޅަ ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

ލަނޑާ އެކު ނިއު އިން ވަރަށް ބޮޑަށް ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. އަދި ލިބޭ ފުރުސަތުތަކުގައި ރަނގަޅު އެޓޭކްތަކެއް ކުރި އެވެ. ދަގަނޑޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗު ނިމެން ހަ މިނިޓަށް ވެފައި ހުއްޓަ އެވެ. ލިލީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ސެންޓޭ ހުސްކޮށްލާފައި ދިނީ ދަގަނޑޭ އަށެވެ. ދަގަނޑޭ ވަނީ ހަމަޖެހިލާފައި ސައިޑްކިކަކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މިއީ 2013 ވަނަ އަހަރު އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ހެޓްރިކް ހެދި ފަހުން ދަގަނޑޭ މި މުބާރާތުގައި ހެދި ފުރަތަމަ ހެޓްރިކެވެ. މި މެޗުގައި އޭނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ.