އޭއެފްސީ ކަޕުގައި މި ވަގުތު އެޑްވާންޓޭޖް އޮތީ ނިއު ރޭޑިއަންޓް ކަމަށާއި ކުރިއަށް ދެން އޮތީ ދެ ފައިނަލް މެޗު ކަމަށް ނިއުގެ ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.
އޭއެފްސީ ކަޕްގައި ނިއު ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. މުބާރާތުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުގެ އެއް ވަނައިގައި ނިއު އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ރޭ ޑާކާ އަބަހާނީ އަތުން 1-0 އިން ހޯދި މޮޅާ އެކު ބެންގަލޫރު ދެ ވަނައިގައި އޮތީ އެއް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އައިޒޯލާއި ހަތަރު ވަނައިގައި އޮތް ޑާކާ އަބަހާނީ އަަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
އައިޒޯލް އަތުން އިއްޔެ 3-1 އިން ނިއު މޮޅުވި މެޗާ ބެހޭގޮތުން އޮސްކާ ބުނީ މޮޅުވީ ހުރިހާ ކުޅުންތެރިން ވެސް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރުމުން ކަމަށެވެ.
"ވަރަށް އުނދަގޫ ޓީމަކާ ދެކޮޅަށް މި ކުޅުނީ. ފުރަތަމަ ހާފުގައި ހާއްސަކޮށް ވަރަށް އުނދަގޫ. އެކަމު ރާއްޖޭގެ ފިނިހޫނުމިން ހުންނަ ގޮތުން ރަނގަޅަށް މެޗު ތެރޭގައި ހަމަޖެހިގެން ކުޅެފިނަމަ އަހަރެމެންނަށް ރަނގަޅު ގޮތްގޮތް ވާނެ ކަމުގެ ޔަގީންކަން އޮތް. އަހަރެމެން ޕްލޭން ވެސް ވޯކްކުރި. ތެދެއް ހަމަ މޮޅަށް ކުޅުނު ޓީމު މި މޮޅުވީ،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ މެޗުގެ ކުރިން ވެސް އަދި މެޗުގެ އޮއިވަރު ދިޔަ ގޮތުން ވެސް އައިޒޯލަކީ ދަށް ޓީމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
"އެއްވެސް ޓީމެއް އަންޑައެސްޓިމޭޓް ނުކުރަން. އައިޒޯލަކީ އިންޑިއާގެ ލީގު ޗެމްޕިއަނުން. އެ ޓީމު ވެސް ވަރަށް އުނދަގޫ ހާލަތެއްގައި މެޗު ކުޅުނީ،" އޮސްކާ ބުންޏެވެ.
މި ގްރޫޕުން މުބާރާތުގެ އަނެއް ބުރުގެ ޖާގަ ލިބޭނީ އެއް ޓީމަށެވެ. އެ ޖާގަ އަށް އެންމެ ބޮޑަށް ވާދަކުރަނީ ނިއު އާއި ބެންގަލޫރެވެ. ބެންގަލޫރު އަދި އެއް މެޗު މަދުން ކުޅެފައިވީ ނަމަވެސް އަންނަ މަހުގެ 10 ވަަނަ ދުވަހު ނިއުއާ ދެކޮޅަށް ކުޅުމުގެ ކުރިން ބެންގަލޫރުގެ ފުރަތަމަ މެޗު ކުޅޭނެ އެވެ.
މި މަހު ހަތް ވަަނަ ދުވަހު ކުޅެން އޮތް ބެންގަލޫރާއި އައިޒޯލް ކުޅޭ މެޗު އަންނަ މަހު ފަސް ވަނަ ދުވަހަށް ލަސްކުރީ ބެންގަލޫރު އިންޑިއަން ސުޕަ ލީގުގައި ގާތްގާތުގައި މެޗުތަކެއް ކުޅެމުން އަންނާތީ އެވެ.
އޮސްކާ ބުނީ ބެންގަލޫރާ ދެކޮޅަށް ކުޅޭ ދެ މެޗަކީ ދެ ފައިނަލް ކަމަށެވެ.
"ދެން އޮތީ ދެ ފައިނަލް. އަހަރެމެންނަށް ކުރިން ވެސް އެނގޭ ބެންގަލޫރާކަން ވާދަކުރަން އޮތީ. މިހާރު އެޑްވާންޓޭޖް މިއޮތީ އަހަރެމެންނަށް. ދެން އޮތީ އެމީހުންނާ ކުޅޭ މެޗުތައް ބަލަމާ ހިނގާ އެމީހުންނަށް އަހަރެމެން އަތުލެވޭތޯ. އަހަރެމެން މިތިބީ ޓޭބަލްގެ އެއް ވަނައިގައި ހަމަޖެހިލައިގެން. އެ މީހުން ދެ މެޗުން މޮޅުވިއްޔާ ދެން އޮންނާނީ ވަރަށް ވާދަވެރި ދެ މެޗު،" އޮސްކާ ބުންޏެވެ.
ގަލޮޅު ދަނޑުގެ ވިނަގަނޑުގެ ހާލަތު ގޯސްވުމުން އެކަމާ އެންމެ ބޮޑަށް ޝަކުވާކުރާ އެއް ކޯޗަކީ އޮސްކާ އެވެ. ސަބަބަކީ ނިއު ލައްވައި އޭނާ ކުޅުވަން ބޭނުންވާ ޕާސިން ގޭމް ނުކުޅެވެނީ ވިނަގަނޑުގެ ހާލަތު ގޯސްވުމުން ކަމަށްވާތީ އެވެ.
އޮސްކާ ބުނީ އިއްޔެގެ މެޗަށް ދަނޑުގައި ރޯލަރު އަޅައި މެޗު ކުޅެން އޭނާ ބޭނުންވާ ހާލަތަށް ގެނެސްދިނީ ނިއުގެ މަސައްކަތުން ކަމަށެވެ.
"އަހަރެން އަބަދުވެސް ޝަކުވާ ކުރަމުން މިދަނީ މިކަމުގެ. އަދި އެއް ފަހަރު މި ޝަކުވާ ކޮށްލާނަން. މިއަދު ހެނދުނު އަހަރެމެން ދަނޑަށް މީހުން ފޮނުވިން ރޯލަރު އަޅާފައި ފެން ޖަހަން. އެންމެން ބޭނުންވަނީ ޕޮސެޝަން ފުޓްބޯޅަ. އެކަމަކު މި ދަނޑު ރަނގަޅަށް ބަލަހައްޓާނަމަ އެ ފުޓްބޯޅަ ކުޅެވިދާނެ. އަހަރެން މި ދައްކަނީ ހަމައެކަނި ނިއު ރޭޑިއަންޓަށް ރަނގަޅުވާނެ ކަމެއްގެ ވާހަކައެއް ނޫން. މިއީ އެންމެންގެ ފަރާތުން. މީގެ ފައިދާ ފުޓްބޯޅަ އަށް ކުރާނެ. ގިނަ ސަޕޯޓަރުން މެޗުތައް ބަލާހިތްވެސް ވާނެ،" އޮސްކާ ބުންޏެވެ.
ގަލޮޅު ދަނޑު އޮންނަނީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ. އެ މިނިސްޓްރީން މީގެ ކުރިން ދަނޑުގައި ގަވާއިދުން ރޯލަރު އަޅަ އެވެ. އެ މިނިސްޓްރީން މިދިޔަ ހަފްތާގައި "މިހާރަ"ށް ބުނީ މި ވަގުތު ރޯލަރު ހަލާކުވެފައި އޮތުމުން އެ މަސައްކަތް ކުރުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެެވެ. އަދި އެމްއާރްޑީސީގެ ރޯލަރު އެޅުމަށް އެދިފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.