މިއީ އައިޒޯލަށް ރަނގަޅު ތަޖުރިބާއެއް: ކޯޗު

ނިއު ރޭޑިއަންޓުގެ ފަރާތުން ފެނުނީ ފުރިހަމަ ފުޓްބޯޅައެއް ކަމަށާއި އެ ޓީމުން އަތުން އޭއެފްސީ ކަޕުގައި އިއްޔެ ހަވީރު 3-1 އިން ބަލިވި މެޗުން ވަރަށް ގިނަ ކަންކަން ދަސްވާނެ ކަމަށް އިންޑިއާގެ އައިޒޯލް އެފްސީގެ ކޯޗު ސަންތޯޝް ކަޝްޔަޕް ބުނެފި އެވެ.


ސަންތޯޝް ބުނީ މި މެޗުން މޮޅުވީ މޮޅަށް ކުޅުނު ޓީމު ކަމަށާއި ލީޑު ލިބުނު ނަމަވެސް އޭނާގެ ޓީމަށް ރާއްޖޭގެ ހޫނު މާހައުލާއި ނިއު އިން ކުޅެމުން ދިޔަ ހައި ޕްރެސިން ގޭމުގެ ސަބަބުން ހިފަހައްޓާނުލެވުނީ ކަމަށެވެ.

"އެ ޓީމުން ދެ ވަނަ ހާފުގައި އެނބުރި ވަރަށް ވަރުގަދަކޮށް. ރަތްކާޑު ވެސް ވެގެންދާނެ މެޗު ބަދަލުވި ކަމަކަށް. އަނެއްކާ އަހަރެމެން މީ ފިނީގައި އުޅޭ ބަޔެއް. މިތަނުގެ ހޫނުގައި 10 މީހުންނާ އެކު މޮޅު ޓީމަކާ ދެކޮޅަށް ހިފަހައްޓާނުލެވުނު. ނިއު އިން ވަރަށް ރަނގަޅަށް ޕްރެސްކުރި، ރަނގަޅަށް ހަމަލާތައް އުފެއްދި، ރަނގަޅު ކޮމްބިނޭޝާންތަކެއް ހެދި. ހުސް ތަޖުރިބާކާރު ކުޅުންތެރިންނާ އެކު ރަނގަޅު އެޓޭކިން ފުޓްބޯޅައެއް ކުޅުނީ. އެ ހުރިހާ ކަމެއް އެކުވުމުން ނިއު އަށް އެޑްވާންޓޭޖް އޮތީ،" ސަންތޯޝް ބުންޏެވެ.

އޭނާ ބުނީ ބިދޭސީ ކުޅުންތެރިން ފިޔަވައި ދެން ތިބި ގިނަ ކުޅުންތެރިން އިންޑިއާ އިން ބޭރުގައި ކުޅުނީ އަލަށް ކަމަށާއި މިއީ އޭނާގެ ޓީމަށް ދަސްކުރަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"މެޗުގެ ކުރީކޮޅު އަހަރެމެން ވެސް ރަނގަޅަށް ޖެއްސިން. އެކަމަކު ނިއު ރޭޑިއަންޓުން ޕްރެސިން ފުޓްބޯޅަ ކުޅެމުން އަހަރެމެންނަށް އުފެއްދުންތެރި ބޯޅައެއް ކުޅެވޭ ގޮތެއް ނުވި. ރަނގަޅު ކަންތައްތަކެއް ދަސްވާނެ މި ތަނުން، މި މެޗުން،" ސަންތޯޝް ބުންޏެވެ.

އޭނާ ބުނީ މިއީ އަދި ފުރަތަމަ މެޗު ކަމަށާއި އެހެންކަމުން އަދި ރަނގަޅުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އެގޮތުން އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުން ޕޮއިންޓް ހޯދައި ހެދިފައި ހުރި ގޯސްތައް ރަނގަޅުކުރަން ވަގުތު ހޯދައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރާނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ފެންނަ ފެނުމަށް މި ގްރޫޕުގެ އެންމެ ވަރުގަދައީ ބެންގަލޫރު ކަމަށާއި އެކަމަކު ފުރަތަމަ ދެ މެޗުން މޮޅުވުމާ އެކު ނިއު އަށް ބޮޑު އެޑްވާންޓޭޖެއް ލިބިފައިވާ ކަމަށެވެ.

އިންޑިއާ ލީގު ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި ނަމަވެސް މި އަހަރުގެ އޭއެފްސީ ކަޕާ ކުރިމަތިލިއިރު އައިޒޯލްގައި އޮތީ ޒުވާން ސްކޮޑެކެވެ.