ބޫޓާން އޮތީ މާ ދުރަކު ނޫން، ސަމާލުވޭ: ގައުމީ ކޯޗު

ފުޓްބޯޅައިގައި ބޫޓާން މިވަގުތު އޮތީ ރާއްޖެއާ މާ ދުރަކު ނޫން ކަމަށާއި އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ އެ ޓީމާ ދެކޮޅަށް ނުކުންނައިރު ރާއްޖެ އަށް ފަސޭހަވެދާނެ ކަމަށް ނުދެކޭ ކަމަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.


ސީނިއާ ލެވެލްގައި ރާއްޖޭގެ މައްޗަށް ބޫޓާނަށް މިހާތަނަށް ގަދަވެވިފައި ނެތް ނަމަވެސް ފަހަކަށް އައިސް އެ ޓީމުން ވަނީ ރާއްޖެ އަށް ވަރުގަދަ ފައިޓްތަކެއް ދީފަ އެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަނީ ވެސް ބޫޓާނެވެ.

މި މެޗުގެ ކުރިން ރާއްޖޭން ވަނީ ހުކުރު ދުވަހު ރަށުން ބޭރުގައި ސިންގަޕޫރާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުން 3-2 އިން ބަލިވިއިރު ކޯޗު ބުނީ އެ ދުވަހު އެއީ ވަރަށް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީގެން ބަދަލުތަކާ އެކު ކުޅުނު މެޗެއް ކަމަށާއި މި މެޗު ތަފާތު ވާނެ ކަމަށެވެ.

"ބޫޓާން މިއީ ތަފާތު މެޗެއް. ބޫޓާނަކީ ވަރަށް ޝައުގުވެރި ގައުމެއް. އެ ޓީމުގެ ކުޅުންތެރިން ފިޒިކަލީ ވަރުގަދަ. އަނެއްކާ ޑިސިޕްލިން ވާނެ. ބޫޓާން އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުން. ރާއްޖެ އޮތީ މާދުރަކު ނޫން. މިދިޔަ ދުވަސްތަކުގައި ބޫޓާނުން ވަރަށް ބޮޑަށް މައްޗަށް ދިޔައިރު ރާއްޖެ ނެތް އެހާ މައްޗަށް ގޮސްފައި. އެހެންވެ ބޫޓާނުން އެ އަންނަނީ ރާއްޖެއާ ކައިރިކުރަމުން،" އަފްގާނިސްތާން ގޮވައިގެން ބޫޓާނާ ވާދަކޮށްފައިވާ ކޯޗު ބުންޏެވެ.

އޭނާ ބުނީ މާދަމާރޭގެ މެޗާ ކުރިމަތިލާއިރު ފުރަތަމަ ކަމަކަށް ރާއްޖޭން ގަބޫލުކުރަންވީ ބޫޓާނުގައި އޮތީ އޯގަނައިޒް ޓީމެއްކަން ކަމަށާއި އަދި ބޫޓާނުން އޮމާން ކޮޅަށް ދެ ގޯލް ޖަހާފައިވާކަން ވެސް ގަބޫލުލުރަން ޖެހޭ ކަމަށެވެ.

"އަހަރެމެންނަށް އޮމާން ކޮޅަށް ލަނޑެއް ނުޖެހޭ. އަހަރެމެން ފަލަސްތީން އަތުން (ވެސް) 8-1 އިން ބަލިވީ. އެހެންވީމާ ދައްކާނެ ވާހަކައެއް ނެތް. އަހަރެމެންނަށް ބޫޓާން ބަލިކުރެވޭނީ ވަރަށް ގޮތުގައި ކުޅެގެން. އަހަންނަކީ 0-0 އިން އެއްވަރުވާން ކުޅޭނެ މީހެއް. މޮޅުވާން ބޭނުންވަނީ. އަހަރެމެން ޖެހޭނެ ކެތްތެރިވާން. އަހަރެމެން ޖެހޭނެ މި ކުޅެނީ އަމިއްލަ ދަނޑުގައިކަން ދައްކަން،" ސެގާޓް ބުންޏެވެ.

އޭނާ ބުނީ ބޫޓާނާ ދެކޮޅަށް ނުކުންނަން ޖެހޭނީ ހަމަބިމުގައި ތިބެގެން ކަމަށާއި އެ ޓީމަށް ހުރިހާ ގޮތަކުން ވެސް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު 90 މިނެޓުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ވެސް ވަރުގަދަޔަށް ހަނގުރާމަކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވާތީ މާދަމާރޭގެ މެޗުގެ ނަތީޖާގެ މުހިއްމުކަމެއް ނެތެވެ. އެކަމަކު ކޯޗު ބުނީ އަމިއްލަ ދަނޑުގައި ކުޅޭ މެޗަކަށް ވެފައި ދިވެހިންނަށްޓަކައި މި މެޗުން މޮޅުވުން ޓީމަށް ވަރަށް މުހިއްމު ކަމަށެވެ.

ކޯޗު ފާހަގަކުރި ގޮތުގައި މި މެޗަކީ ކުރިމަގަށް އޭނާގެ ސިކުނޑީގައި މަންޒަރެއް ކުރާހަލަން ލިބޭނެ ރަނގަޅު ފުރުސަތެކެވެ. އަދި ފަހަކަށް އައިސް ބޫޓާން ފިޔަވައި އެހެން ޓީމެއް އަތުން ރާއްޖެ މޮޅުވެފައިނުވާތީ މައްސަލަތަކެއް އެބައުޅޭ ކަމަށާއި އެކަންކަން ހައްލުކުރުމުގެ ހަގީގީ މަސައްކަތް މި މެޗަށް ފަހު ފަށާނެ ކަމަށް އޭނާ ބުންޏެވެ.

"ކޮންމެވެސް ކަމެއް ގޯސްކޮށް ގޮސްފައި އޮތީ. އެކަންކަން ހައްލުކުރަން ަހަރެން މި ގެނައީ. މި މެޗަށް ފަހު އަހަންނަށް މަންޒަރެއް ކުރެހޭނެ. އަހަރެން ކުޅުންތެރިން ހޯދަން ދާނަން ރަށްރަށަށް. މާލޭން ހުސް ކުޅުންތެރިން ހޮވައިގެން ފަރަކު ނުޖެހޭނެ،" ސެގާޓް ބުންޏެވެ.