ގައުމީ ޓީމުގެ މުބާރާތް ހާއްސަކުރާނީ ސަރަހައްދުން ބޭރު ޓީމުތަކަށް

ސާފް ޗެމްޕިއަންޝިޕުގެ ކުރިން އޮގަސްޓް މަހު ގައުމީ ފުޓްބޯޅަ ޓީމަށް ހާއްސަ މުބާރާތެއް ބާއްވާނެ ކަމަށާއި ވިސްނުން ހުރީ މި ސަރަހައްދުން ބޭރުގެ ޓީމުތަކަށް ދައުވަތު ދޭން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.


އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އިންތިހާބުވެވަޑައިގަތުމަށް ފަހު ވި އެއް ވައުދަކީ ޕޮމިސް ކަޕްގެ ނަމުގައި ގައުމީ ޓީމަށް ހާއްސަ މުބާރާތެއް ދެ އަހަރުން އެއް އަހަރު ބޭއްވުމެވެ. އެ މުބާރާތް މި އަހަރު ބޭއްވުމަށް ތާވަލްކޮށްފައިވާއިރު، މުބާރާތުގެ އިންތިޒާމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"މިއީ ޕޮމިސް ކަޕް ކަހަލަ މުބާރާތެއް. ތަފާތު ނަމެއް ކިޔުމުގެ ވިސްނުމެއް ހުރީ. އޭގެ މަޝްވަރާތައް މިހާރު ކުރިއަށްދަނީ އަދި ވަކި ގޮތެއް ނުނިމޭ،" އޭނާ ވިދާޅުވި އެވެ.

މި މުބާރާތުގައި ބައިވެރިވާނެ ޓީމުގެ އަދަދު އަދި ފައިނަލް ނުވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަގުތު ވިސްނުން ހުރީ ދެ ތިން ޓީމާ އެކު މުބާރާތް ބާއްވަން ކަމަށާއި އެ ގައުމުތައް ވެގެންދާނީ ދެކުނު އޭޝިއާ ސަރަހައްދުން ބޭރުގެ ޓީމުތަކަށް ކަމަށެވެ.

ކުރިމަގަށް އާ ޓީމެއް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން ގައުމީ ޓީމަށް ހަމަޖެއްސި ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓުގެ ކޯޗުކަމުގެ ދަށުން ރާއްޖެ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ވަނީ މޮޅުވެފަ އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު ބޫޓާން އަތުން 7-0 އިން މޮޅުވުމަކީ ޒުވާން ޖީލެއްގެ ފެށުން ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

ގައުމީ ޓީމުގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ގައުމީ ޓީމަށް ބާއްވާ މުބާރާތަކީ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.