ދަގަނޑޭ ހުރީ ފޯމުގައި: ސަމްޕަތު

އަލީ އަޝްފާގް (ދަގަނޑޭ)ގެ "ވިސްނުމުގެ" މައްސަލައެއް އުޅޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނި ނަމަވެސް އޭނާގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ނުފެންނަ ކަމަށާއި އޭނާ ހުރީ ހުރިހާ ގޮތަކުން ވެސް ފޯމުގައި ކަމަށް ނިއު ރޭޑިއަންޓުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފި އެވެ.


ގައުމީ ކޯޗު ވަނީ ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުން ކަމަށް ބުނެ އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ ހަފުތާގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ސްކޮޑުން ދަގަނޑޭ ބޭރުކޮށްފަ އެވެ. އިންޓަނޭޝަނަލް ބްރޭކަށް ފަހު ކްލަބް ފުޓްބޯޅަ މިރޭ އަލުން ފަށާއިރު ދަގަނޑޭގެ ނިއު އިން އެސްޓީއޯ މާލޭ ލީގުގައި މިރޭ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.

"ގައުމީ ޓީމުގެ ކޯޗު ބުނެފައި ކަންނޭގެ އިނީ ދަގޭގެ މެންޓަލް މައްސަލައެއް އުޅޭ ވާހަކަ. އެއީކީ އަޅުގަނޑަށް އެހާ ގަބޫލުކުރެވޭ ވާހަކައެއް ނޫން. އަޝްފާގް ހަމަ ބަރާބަރަށް ހުރީ. އަޝްފާގް ހިއްސާނުކޮށް (ވެސް) އިނދެފާނެ ކަންނޭގެ. އަޅުގަނޑަށް ނޭގޭ. އޭތި ބޮޑަށް އެނގޭނީ އަޝްފާގަށް. އެކަމަކު އޭނާގެ ކުޅުމާ ޕާފޯމްނަށް އެއްޗެހިން ޕްރެކްޓިސްތަކުގައި ހަމަ ބަރާރަބަށް ހުރިހާ ކަމެއް ދަނީ. މާދަމާރޭ (މިރޭ) މެޗުގައި އެތަން ދައްކަން ވެސް ބޭނުންވާނެ ކަންނޭގެ" ސަމްޕަތު ބުންޏެވެ.

ދަގަނޑޭއާ އެއްކޮށް ގައުމީ ޓީމަށް ކުޅެފައިވާ ސަމްޕަތު ބުނީ ދަގަނޑޭގެ ފަރާތުން ރަނގަޅު ކުޅުމެއް މިރޭ ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އޭނާ ހުރީ ރަނގަޅު ފޯމެއްގައި ކަމަށެވެ.

"ނިއު ރޭޑިއަންޓުގެ އެއްވެސް މީހަކު ނުބުނާނެ ކަންނޭގެ އަޝްފާގާ ދިމާލަށް މެންޓަލީ މައްސަލައެއް އުޅޭ ކަމަށް. އެޔަށް ވުރެ މާ ބަރާބަރަށް ޓީމް މޯޓިވޭޓްކޮށް އެތާ ހަމަ ހުރިހާ ކުދިންނާ އެކު ވަރަށް ރަނގަޅަށް ކެޕްޓަނެއްގެ ޒިންމާ ނަގައިގެ އަޝްފާގް އުޅެނީ،" ސަމްޕަތު ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ވެސް ވަނީ ގައުމީ ކޯޗު ދެއްކި ވާހަކަތަކަށް އިޝާރާތްކޮށް ދަގަނޑޭގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ. ނަޒީހު ބުނީ އޭނާ ކުއްލިއަކަށް ފަސް ނަމެއް ހަނދާންކޮށްލާއިރު އަންނަ ފަސް ނަމުގެ ތެރޭގައި ދަގަނޑޭ ހިމެނޭނެ ކަމަށާއި އެވަރުގެ ކުޅުންތެރިޔަކަށް އިހުތިރާމްކުޑަކޮށް ވާހަކަދައްކާއިރު އެކަމަށް ފުޓްބޯޅައިގެ މީހުން ބަސް ބުނަން ޖެހޭ ކަމަށެވެ.

"މި އަންނަނީ މުހައްމަދު ތަކުރުފާނު، ރައީސް މައުމޫން، (ރައީސް) ޔާމީން، (ރައީސް) ނަޝީދު، ދަގަނޑޭ. އަންނައިރު އޭނާގެ ބޮލަށް އެބަޖެހޭ ބޭސްކުރަން. މިއީ މައްސަލައެއްނޫންތޯ؟ ބޮލަށް ބޭސްކުރަން ޖެހޭވަރުގެ އޯޑިނަރީ ޕްލެޔަރަކަށް އޭނާ ހަދައިފި. އެހެންވީމާ މިހިރަ ކަހަލަ ބައިވަރުކަންތައްތަކެއް މިގައުމުގައި ހިނގަމުންދާ ދަނޑިވަޅެއްގައި އަޅުގަނޑުމެން ފުޓްބޯޅައިގެ މީހުން އެބަޖެހޭ ތެދުވެ ކޮންމެވެސް ވަރަކަށް މިއަށް ބަސް ބުނަން،" ނަޒީހު ބުންޏެވެ.

ނަޒީހު ވަނީ ދަގަނޑޭގެ ކެރިއަރުގެ އެންމެ ހާއްސަ މެޗުގައި އޭނާއާ އެއްކޮށް ގައުމީ ޓީމަށް ކުޅެފަ އެވެ. އެގޮތުން ދަގަނޑޭ ގައުމީ ޓީމަށް ކުޅެދިން ރަސްމީ ފުރަތަމަ މެޗުގައި 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލޭގައި މޮންގޯލިއާ ކޮޅަށް ރާއްޖެ 12 ލަނޑު ޖަހައި އަދި އޭގެ ތެރެއިން ދަގަނޑޭ ހަތަރު ލަނޑު ޖެހިއިރު ނަޒީހު ފަހު ހާފުގައި އަރައި ލަނޑެއް ވެސް ޖެހި އެވެ.

މިރޭގެ މެޗާ ބެހޭގޮތުން ނަޒީހު ބުނީ ނިއު އަކީ ޔަގީނުން ވެސް ހުރިހާ ގޮތަކުން ވެސް މި ވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އަދި ފެންވަރު ރަނގަޅު ފުޓްބޯޅައެއް ޓީމު ކަމަށާއި މެޗު ފަސޭހަނުވާނެ ކަމަށެވެ.

"ބަލިކުރަން އުނދަގޫ ވާނެ އެކަމަކު ނުވާ ނުވާވަރެއް ނޫން. ރަނގަޅު ދުވަހެއްގައި ރަނގަޅު ނަތީޖާއެއް ނެރެވިދާނެ (އަޅުގަނޑުމެންނަށް ވެސް)،" ނަޒީހު ބުންޏެވެ.

ފުރަތަމަ ދެ މެޗުން މޮޅުވެ ރަނގަޅު ފޯމެއްގައި އޮތް ޔުނައިޓެޑް ވިކްޓަރީ ވަނީ އެންމެ ފަހުން ކުޅުނު މެޗުން ކްލަބް ގްރީންސްޓްރީޓްސް އަތުން 5-0 އިން ބަލިވެފަ އެވެ. ނަޒީހު ބުނީ އެ މެޗުގެ ބޮޑުބައި ރަނގަޅަށް ކުޅެ ފުރުސަތު ހޯދީ އޭނާގެ ޓީމުން ކަމަށާއި އެ މެޗުން ބަލިވީ އޭނާގެ އަމިއްލަ އެދުމުގެ ސަބަބުން ކަމަށެވެ.

ނިއު ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ކްލަބް އީގަލްސްއާ 2-2 އިން އެއްވަރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗަށް ފަހު ނިއު އަށް މޮޅުނުވެވުނު ފުރަތަމަ ފަހަރެވެ.

ނަޒީހު ބުނީ އެ މެޗުގައި ނިއު އިން ކުޅުނީ ޕްލޭމޭކަރު ކަންޑޭލާ ނެތި ކަމަށާއި އޭނާ މި މެޗުގައި ހުރުމަކީ ޔުނައިޓެޑް ވިކްޓަރީ އަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށެވެ. އަނެއްކޮޅުން ޔުނައިޓެޑް ވިކްޓަރީގެ ބިދޭސީ ދެ ކުޅުންތެރިންނަށް ނުކުޅެވުމުގެ ކަންބޮޑުވުން އޮތް ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް އީގަލްސް އިން ފަހު ހާފުގައި ނިއު ރޭޑިއަންޓާ އެއްކޮށް އެ ކުޅުނު ބޯޅައެއް ނުކުޅޭނަން (އަޅުގަނޑުމެން). ފަހަތަށް ޖެހިގެން 11 މީހުން ޑިފެންސްކޮށްގެން އެކަމެއް ނުކުރާނަން. ބެލެންސް ފުޓްބޯޅައެއް ކުޅޭނީ،" ނަޒީހު ބުންޏެވެ.

ނިއުގެ އެސިސްޓަންޓް ކޯޗު ސަމްޕަތު ބުނީ އީގަލްސް މެޗުގެ ނަތީޖާގެ އަސަރެއް މި މެޗުގައި ނުކުރާނެ ކަމަށާއި ކަންޑޭލާ އެނބުރި އައުމަކީ ލިބިފައިވާ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. މިދިޔަ އަހަރު ވެސް ރަނގަޅު ފޯމެއްގައި އޮވެފައި ގައުމީ ޓީމުގެ ބްރޭކަށް ފަހު ޓީމުގެ ކުޅުމަށް އަސަރުކުރި ކަމަށް ސަމްޕަތު ބުންޏެވެ. އެކަމަށް މި ފަހަރު ވަރަށް ސަމާލުވާނެކަން އޭނާ ފާހަގަކުރި އެވެ.

"ގައުމީ ޓީމަށް ގޮސް އަންނައިރުގައި ކުޑަ ބަދަލެއް އައިސް އިންނަނީ. އަލުން (ޓީމް) ކޮމްބައިންކޮށްލަން ޖެހޭނީ. މެޗަކަށް ފަހު ރަނގަޅުވާނީ. އެކަމަކު މި ފަހަރު އޭތި އެހެން ވިޔަކަށް ނުދޭނެ. ކޯޗު ވިސްނާފައި އިންނާނީ (އެކަން) ތަޖުރިބާކުރެވިފައި އިނީމާ،" ސަމްޕަތު ބުންޏެވެ.