މާޒިޔާއާ ވާދަކުރާއިރު ނަޒީހު އިތުބާރާ އެކު

ނިއު ރޭޑިއަންޓް އަތުން ބަލިވި މެޗުން ލިބުނީ ފިލާވަޅެއް ކަމަށާއި އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ޔުނައިޓެޑް ވިކްޓަރީ އޮތީ އިތުބާރާ އެކު ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.


ފުރަތަމަ ދެ މެޗުން މޮޅުވި ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެކަމަކު އެ ޓީމު އޮތީ ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ނަޒީހު ބުނީ އަދިވެސް ޓީމު އެއޮތީ އޭނާގެ ޓާގެޓުގައި ކަމަށާއި މާޒިޔާ އަތުން ތިން ޕޮއިންޓް ލިބިއްޖެ ނަމަ ބޭނުންވާ ހިސާބަށް ވުރެ މައްޗަށް ދެވުނީ ކަމަށެވެ.

"މާޒިޔާ އަތުން ޕޮއިންޓް ނުނެގޭނެޔޭ އެއީ ބުނުން އެހާ ރަނގަޅު ކަމެއް ނޫން. ސަބަބަކީ މާޒިޔާގައި ވެސް ހަމަ އޮތް ޓީމަށް ބަލާއިރު ވަރަށް ޒުވާން ޓީމެއް މިއޮތީ. އަނެއްހެން ތަޖުރިބާކާރު ކުޅުންތެރިން ވަރަށް މަދު މި ފަހަރު. އެހެންވެއްޖެއްޔާ މިސްޓޭކްސް ގޭމް ތެރޭގައި ފެންނަލެއް ތަންކޮޅެއް ގިނަ ވާނެ ޒުވާން ކުޅުންތެރިން ގިނަވީ ވަރަކަށް. އެހެން ނަމަވެސް ގިނަ މެޗުތަކެއް ކުޅޭ ވަރަކަށް ހަމަ ގައިމު ވެސް އިންމައާ އެކު ޓީމު ގިނަ ދުވަސްތަކެއް ވާވަރަކަށް އެ ޓީމު ހަމަ ޔަގީން އިމްޕޫރްވަމުންދާނެ. އެ މަންޒަރު ފެންނަމުން މިދަނީ. އެއީ ފުރަތަމަ މެޗަށް ފަހު ދެ ވަނަ މެޗު ރަނގަޅު،" ނަޒީހު ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީން އެންމެ ފަހުން ކުޅުނު މެޗުން ނިއު އަތުން 4-1 އިން ބަލިވިއިރު ވަނީ ޑިފެންސިވްކޮށް ބަލާއިރު ރަނގަޅަށް ކުޅެފަ އެވެ. ނަޒީހު ބުނީ އެ ދުވަހު އެގޮތަށް ކުޅުނީ ނިއު އިން ކުޅޭ ގޭމަށް ބަލާފައި ކަމަށާއި އެކަމަކު މާޒިޔާއާ އެއްކޮށް ކުޅެން އެގޮތަށް ތައްޔާރުނުވާނެ ކަމަށެވެ.

ނިއު އަތުން ބަލިވި ނަމަވެސް ހިތްވަރަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ސަބަބަކީ ނިއު އަކީ މިދިޔަ އަހަރުން ފެށިގެން އެއް ސްޓައިލަކަށް ކުޅެ އެއްގޮތަކަށް ބައްޓަންކޮށްފައިވާ ޓީމަކަށްވުން ކަމަށް ނަޒީހު ބުންޏެވެ.

"އަޅުގަނޑަށް ފެންނަ މަންޒަރަކީ ނިއު ރޭޑިއަންޓް އަނެއް ކުރިއަށް މިއޮތް މެޗުތަކަށް ބަލާއިރު ވަރަށް ގިނަ މެޗު ނަގާނެ. އެހެންވީމާ އަޅުގަނޑުމެން (ނުބަލަން) އެއީ ބޮޑު ދަށެއްގެ ގޮތުގައި. އަޅުގަނޑުމެން ނެގީ ހަމަ އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅެއްގެ ގޮތުގައި. ސަލާމަތްވާން އުޅެނީކީ ނޫން ނިއު ރޭޑިއަންޓް އަތުން އެންމެން ބަލިވާނޭ ކިޔާފައި. އެޔެއް ނޫން ނިއު ރޭޑިއަންޓް އަތުން އެކަން އެގޮތަށް ހިނގާނީ،" ނަޒީހު ބުންޏެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ އޭނާގެ ޓީމުން ނުކުންނާނީ އިދިކޮޅު ޓީމަށް ދޭން ޖެހެ އިހުތިރާމް ދީގެން ކަމަށާއި އަންޑައެސްޓިމޭޓްކޮށްފި ނަމަ ގެއްލުންތަކެއް ވެދާނެ ކަމަށެވެ.

"އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ޔުނައިޓެޑް ވިކްޓަރީ ބަލިވިކަމުގައިވީ ނަމަވެސް ރަނގަޅު ޑިފެންސިވް ގޭމެއް ކުޅުނު. އަޅުގަނޑުމެން ހުށިޔާރު ނުވެއްޖެއްޔާ އުނދަގޫތަކެއް ކުރިމަތިވެދާނެ. ކުޅުންތެރިންގެ އިތުބާރާ އެކު މި މެޗުން މޮޅުވެގެން ފޭބުން އަޅުގަނޑުމެންގެ އުއްމީދަކީ،" ހަތް ޕޮއިންޓާ އެކު ތިން ވަނައިގައި ޓީމުގެ ކޯޗު ބުންޏެވެ.