ރާއްޖޭގެ ހާލަތު ގައުމީ ކޯޗަށް އެނގެންޖެހޭ: މޯހަން

ކަންކަމަށް ފާޑުކިޔުމުގެ ކުރިން ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާާޓަށް އެނގެން ޖެހޭ ކަމަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމް ދިހަ ވަރަކަށް އަހަރު ފުރާފައިވާ މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.


ގައުމީ ޓީމުގެ ކޯޗުކަމާ ސެގާޓް ހަވާލުވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ މިހާރު ކުރިޔަށްދާ މާލޭ ލީގުގެ މެޗުތަކުގައި ފެނުނީ އުއްމީދުކުރި ވަރަށް ވުރެ ދަށް ކުޅުމެއް ކަމަށެވެ. އެގޮތުން ކުރިއަށް ކުޅޭ ކުޅުންތެރިންނާއި ފަހަތަށް ކުޅޭ ކުޅުންތެރިންނާ ދެމެދު 70 މީޓަރުގެ ދުރުމިން ހުންނަ ކަމަށެވެ. އަދި އެ އެގޮތަށް ކުޅެގެން މޮޅެއް ނުވާނެ ކަމަށާއި ކުޅުންތެރިންގެ ފިޓްނަސް ވެސް އެއީ މައްސަލައެއް ކަމަށް ބުންޏެވެ. އެ ވާހަކަތަކަށް ރައްދުދެމުން އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު އަދި އީގަލްސްގެ މިހާރުގެ ކޯޗު މޯގަން ބުނީ ރާއްޖޭގެ ހާލަތު ކޯޗަށް ނޭގޭ ކަމަށް ބެލެވޭ ކަމަށެވެ.

"ކޯޗު އެބަޖެހޭ މިތަނުގައި އޮންނަ އުސޫލު ވެސް ދަސްކުރަން. ކުޅުންތެރިންގެ ސިސްޓަމާއި މި ހުރިހާ އެއްޗެއް (ވެސް). އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވާނެ ބޭރުން އަންނަ ކޯޗަކަށް މިހެން ހަދާ އެހެން ހަދާލަން ބުނެލަން. ފުރަތަމަ އިވުނު އެއް އަޑަކީ ޓީމުތަކުގެ ކުޅުންތެރިން ފިޓް ނޫން ވާހަކަ އާއި ޓެކްޓިކަލީ ޓީމުތައް ވަރަށް ދަށް ވާހަކަ. އެހެން ނަމަވެސް ކޯޗަކަށް އެއްގޮތަކަށް ވެސް ނޭނގޭ ކަންނޭނގެ ޓީމުތައް ޕްރެކްޓިސް ކުރަން ޖެހެނީ ކިހިނެއް ކަމެއް. ކުޅުންތެރިން ނިދަނީ ކޮންތާކުތޯ. ކިހިނެއްތޯ ހޭލާފައި އަންނަނީ. މި ހުރިހާ ހިސާބަކަށް ގޮސްފައި ދެއްތޯ އެ ސުވާލުތަކަށް ޖަވާބުދެވޭނީ،" މޯހަން ބުންޏެވެ.

ސެގާޓްގެ އެ ވާހަކަ އަށް ރައްދުކޮށް މީގެ ކުރިން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. ނިޒާމްބެ ބުނީ ސެގާޓްގެ ނަޒަރުގައި ރާއްޖޭގެ ކުޅުންތެރިންގެ ފިޓްނަސް އާއި ޓެކްޓިކަލީ ދަށްކަމަށް ފެންނައިރު، އެ ކުޅުންތެރިން ޕްރެކްޓިސް ކުރަން ޖެހެނީ ހާފް ޕިޗެއްގައި ކަމަށާއި ފިޓްނަސް އާއި ހުރިހާ ކަމަކަށް ބަލާއިރު އެ ގޮތަށް ޕްރެކްޓިސް ކޮށްގެން ޓެކްޓިކަލީ ވަކި ލެވެލަކަށް ދިއުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

މޯހަން ވަނީ ގައުމީ ކޯޗު ސެގާޓް ޓީމާ ހަވާލުވި ފަހުން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އާ މެދު ކަންތައް ކުރި ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން ބޫޓާން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަކަށް ނުގޮސްގެން އޭނާ ޓީމުން ބޭރުކުރުމަކީ އެންމެ ރަނގަޅު ނިންމުންކަމާ މެދު ސުވާލު އުފެއްދި އެވެ.

"ކޯޗު ކުރީ ބައިގައި ބުނިތޯ އަޝްފާގު ކައިރީގައި ޕްރެސް ކޮންފަރެންސަށް ނުގޮސްފިއްޔާ ޓީމުން ބޭރުކުރާނަމޭ. އެހެންވެއްޖިއްޔާ ކޯޗަށް އެ ރައިޓް (ހައްގު) ލިބިގެންވޭ. ނުބުނަންޏާ އެއީ އެއް ނޫން ފުރަތަމަ އަޅަން ޖެހޭ ފިޔަވަޅަކީ އޭގެ ކުރިން ކުރަންޖެހޭ ކަންތައްތައް އެބަހުރި. މިސާލަކަށް ކެޕްޓަން ބޭންޑް ނެގުން. ނޫނީ މެޗަކަށް ނާރުވާ ބެހެއްޓުން. ނޫނީ ޖޫރިމަނާ ކުރުން މި ކަހަލަަ ކަންތައްތައް ކުރެވޭނެ. އަޅުގަނޑުމެންނަށް ދުނިޔޭގެ ފެންވަރުގައި ވެސް އެބަތިބި ބޮޑެތި ކުޅުންތެރިން ބައިވަރު ކުށް ކުރީމަ ކަންތައް ކުރާގޮތް އެބަފެނޭ އެކަމަކު ޓީމުން ބޭރެއް ނުކުރޭ އެހާ ފަސޭހައިން،" 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު ގައުމީ ޓީމުގެ އެސިސްޓަންޓަކަށް ހުރި މޯހަން ބުންޏެވެ.