ކްރެޑިޓް ދޭންވީ ކުޅުންތެރިންނަށް: ނިޒާމްބެ

ދިވެހި ފުޓްބޯޅައިގައި މިވަގުތު އެންމެ ވިދުން ގަދަ ކުޅުންތެރިންގެ ތެރޭގައި ޓީސީ ސްޕޯޓްސް ކްލަބުގައި ވިދާލި ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރޭގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި ޓީސީ ދޫކޮށް މި އަހަރު މާޒިޔާ އަށް ކުޅެމުން އަންނަ ނާއިޒު ހަސަން (ދާދު) ހިމެނެ އެވެ. މި ކުޅުންތެރިން މިހާރު ހުރި ލެވެލަށް ގެނައުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަށެވެ. އެކަމަކު އޭނާގެ ވިސްނުން މި ކަމުގައި ތަފާތެވެ.


"އަޅުގަނޑަކީ އެއްގޮތަަކަށް ވެސް ކުޅުންތެރިން އުފައްދަން މަސައްކަތްކުރާ ކޯޗެއް ނޫން. އެ އަށް ވުރެ ބޮޑަށް މަސައްކަތް ކުރަނީ ކޮމްޕެޓިޝަންގައި ނަތީޖާ ނެރެން،" އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި 2015 ވަނަ އަހަރު ޓީސީ ވާދަކުރަން ފެށިއިރުއްސުރެ އެ ޓީމު އަންނަނީ އެ ލެވެލެއްގައި ހިފަހައްޓަމުންނެވެ. އޭގެ ފަހުން ފުރަތަމަ ޑިވިޝަނުގެ ދެ މުބާރާތް ފިޔަވާ އެހެން ހުރިހާ މުބާރާތެއްގެ ދެ ވަނަ ހޯދީ ޓީސީންނެވެ.

"ދެން ނަތީޖާ ނެރެން މަސައްކަތްކުރާއިރު އަޅުގަނޑަށް މިވާގޮތަކީ މި ޕްލެޓްފޯމްގައި ޒުވާން ކުޅުންތެރިންނަށް އިސްކަންދެވެނީ ކަންނޭނގެ. އެއީ ކަންނޭނގެ ޒުވާން ކުޅުންތެރިން މީގެ ތެރެއިން ނުކުމެގެން އަންނަ ސަބަބަކީ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މީގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ އޭނާ ބުނެދޭ ގޮތް ހަދައިގެން ކުރިއަށްދާން މަސައްކަތްކުރާ ކުޅުންތެރިންނަށް ކަމަށެވެ.

"ހަމަ ކުޅުންތެރިން ހާނުވަނީ، ހަމަ ކުޅުންތެރިނަށް ކިޔައިދެނީ. އެމީހުންގެ ބަލިފައި ކިޔައިދީ ހުރި ހުނަރުން ކުރިއަށްދާން ބުނެދެނީ. ވަރަށް އުފާވޭ އެ ކުޅުންތެރިންނަށް ކިޔައިދޭ އެއްޗެއް ގަބޫލުކޮށްގެން އެ ކުޅުންތެރިން އަމިއްލަ ހުނަރާ އެކު އެ ހިސާބަށް އަންނަތަން ފެނުނީމަ،" ނިޒާމްބެ ބުންޏެވެ.

ޓީސީގައި މި އަހަރު އޮތް ސްކޮޑަށް ބަލާއިރު ވެސް އާ ޒުވާން ކުޅުންތެރިންތަކެއް އެ ޓީމަށް ވަނީ ގުޅިފަ އެވެ. އޭގެ ތެރޭގައި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އައްޒާމް އަބްދުﷲ އާއި ނިޝާމް މުހައްމަދު ރަޝީދު ހިމެނެ އެވެ. މީގެ ތެރެއިން އައްޒާމް ވަނީ އެންމެ ފަހުން ނެގި ގައުމީ ސީނިއާ ސްކޮޑުގައި ވެސް ހިމެނިފަ އެވެ.