ޓީސީއާ ދެކޮޅަށް މާޒިޔާ އަށް ނަތީޖާ ނެރެވޭނެ: އިންމަ

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނަތީޖާ ނެރެވޭނެ ކަމަށް ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.


މާޒިޔާ އެއް ވަނައިގައި އޮތީ ލީގުގެ ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މާޒިޔާ އަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ނިއު އިން ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިފަ އެވެ. ޓީސީ އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ.

މިދިޔަ ސީޒަނުގައި ޓީސީއާ ދެކޮޅަށް ކުޅުނު ހަ މެޗުން މާޒިޔާ އަށް ހޯދުނީ އެންމެ މޮޅެކެވެ. އެއީ މާލޭ ލީގުގައި ކުޅުނު މެޗުންނެވެ. އޭގެ ފަހުން ގިނަ މެޗުތައް ކާމިޔާބުކުރީ ޓީސީންނެވެ.

މި ފަހަރު އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅުވެފަ އެވެ. އަދި ޓީސީ ވެސް ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކޮށްފަ އެވެ. މި ދެ ޓީމަކީ މި ވަގުތު ރަނގަޅު ފޯމެއްގައި އޮތް ދެ ޓީމެވެ.

މި ސީޒަނުގައި މާޒިޔާ އިން ޓީމު ވަރުގަދަކުރިއިރު ވަނީ ޓީސީ އަށް ކުޅުނު ނާއިޒު ހަސަން (ދާދު) އާއި ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ގެނެސްފަ އެވެ.

އިންމަ ބުނީ މި ދެ ކުޅުންތެރިން މި މެޗުގައި އިތުރު ހިތްވަރެއް ލައިގެން މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"ޓީސީގައި މިދިޔަ ސީޒަނުގައި ނަތީޖާ ނެރުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ދެ ކުޅުންތެރިން (ދާދު އާއި ކޮނޭލިއަސް ސްޓެވާޓް) މި ތިބީ މާޒިޔާގައި. ޕްރޮފެޝަނަލީ މި ކަން ކުރާއިރު އެކި އަހަރުތަކުގައި ޓީމުތައް ބަދަލުވަމުންދާނެ. އެހެންވީމަ ކުޅުންތެރިން އެއް ކްލަބެއްގައި ތަތްގަނޑު ޖެހުނީއެއް ނޫން. އަޅުގަނޑުމެން އެދެނީ މި ދެ ކުޅުންތެރިންގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް މި މެޗުގައި ފެންނާނެ ކަމަށް،" އިންމަ ބުންޏެވެ.

އިންމަ އާއި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ އެއް ޓީމަކަށް އިންޓަ ސްކޫލުގައި ވެސް ކުޅެފަ އެވެ. އަދި އޭގެ ފަހުން ކްލަބް ވެލެންސިއާ އަށް ވެސް ކުޅުނެވެ. އެކަމު މިހާރު ޕްރޮފެޝަނަލީ ދެ ކޯޗުންގެ ގޮތުގައި މިއީ ދެ ވާދަވެރިންނެވެ.

"ސްކޫލު ދައުރުގައި ވެސް ހަމައެއްކޮށް އުޅުނީ. އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ވެސް އެއްކޮށް ހަމަ. އެ ގޮތުން އައިސްފައި ޓީމުން ވެސް އެއްކޮށް. ދެން ރައްޓެހިކަމާއި ރަހުމަތްތެރިކަމާ އެއީ އެކައްޗެއް. އެކަމަކު މި ވަގުތު މިތިބީ ލީގުގެ ދެ ޓީމެއްގައި. ދެ ހެޑް ކޯޗުންނަށް. މީގެ ޕްރޮފެޝަނަލް ހިސާބަށް ދިޔައީމަ އޮންނާނީ ޓީމަށްޓަކައި ނަތީޖާ ނެރުން،" އިންމަ ބުންޏެވެ.

މާޒިޔާ އާއި ޓީސީގެ އެޓޭކުގައި ތިބި ޒުވާން ކުޅުންތެރިންނެވެ. އިންމަ ބުނީ ކުޅުންތެރިންގެ ކޮމްބިނޭޝަން ރަނގަޅުވުމަކީ ނަތީޖާ ނެރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

"މާޒިޔާ ކުޅުންތެރިން ހަމަލާ އުފައްދާއިރު ކޮމްބިނޭޝަން އާއި އެ ހުރިހާ އެއްޗެއް އިނީ ބަރާބަރަށް. އަޅުގަނޑު ގަބޫލުކުރަން ޓީސީގެ ޑިފެންސްލައިން ވެސް ވަރަށް ވަރުގަދަކޮށް އޮތީ. އެކަމަކު މާޒިޔާގެ އެޓޭކިން ޕްލޭޔަރުންނަށް އިތުބާރު އެބައޮތް ނަތީޖާ ނެރޭނެކަމުގެ،" އިންމަ ބުންޏެވެ.

ޓީސީ އާއި މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުތަަކުގައި ނަތީޖާ އެންމެ ބޮޑަށް ބަދަލުވެފައި ހުރީ ފަހު ވަގުތުގައި އެ ޖަހާ ގޯލުތަކުންނެވެ. އިންމަ ބުނީ މެޗަކަށް ތައްޔާރުވާއިރު އަބަދުވެސް ހުރިހާ ވަގުތަކު ސަމާލުވާން ޖެހޭ ކަމަށެވެ.

"އަބަދުވެސް ސަމާލުވަން. ކުޅުންތެރިން ކައިރީގައި ބުނަމުން މިދަނީ 90 މިނިޓް ކޮންސަންޓްރޭޝަން އެއް ވަރެއްގައި ބަހައްޓަން. އަދި ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވިޔަސް ރެފްރީގެ ފަހު ކަށިގަނޑާ ހަމައަށް ވިސްނުމާ އެއްޗެހި ދޫކޮށްނުލަން،" އިންމަ ބުންޏެވެ.

ޓީސީ އިން ތަފާތު ދައްކާނެ މެޗަކަށްވާނެ

ޓީސީގެ ކޯޗު ނިޒާމްބެ ބުނީ އޭނާ އާއި އިންމަ އެއް ތަނަކުން އައި ނަމަވެސް މީގެ ކޯޗިންއާ ހަމައިން ތަފާތުތަކެއް އަންނާނެ ކަމަށެވެ.

"މީގެ ވާގޮތަކީ ދެ ކޯޗުން އެ މީހުންގެ އަމިއްލަ ގޮތްތަކެއް ގެންގުޅޭނެ. އަޅުގަނޑު ނުބުނާނަން އިންމަ އާއި އަޅުގަނޑުގެ ގޭމްޕްލޭން އާއި ފިލޯސަފީ އާއި ޓެކްޓިކްސް އެއްގޮތެކޭ. އަޅުގަނޑަށް ހީވަނީ ތަފާތުހެން. ބޯޅަ ކުޅުނުއިރު ވެސް ކުޅުނީ ތަފާތު މަގާމުތަކަށް. އެކަމު އެއް ޓީމަކަށް ކުޅުނުއިރު ވެސް ކުޅެފައި ހުންނާނީ އެއް ސްޓައިލެއްގެ ބޯޅަ. އޭގައި ހުރީ ކިހާވަރަކަށް ކަމެއް ނޭނގެ. ހަމަގައިމުވެސް ކޯޗިން ވައްޓަފާޅި ތަފާތު،" ނިޒާމްބެ ބުންޏެވެ.

"ގަބޫލުކުރަނީ ކުރިއަށް މި އޮތް މެޗަކީ ތަފާތުތަކަކާ އެކު ޓީސީ ކުޅޭނެ މެޗެކޭ. ކުޅުންތެރިން 100 ޕަސެންޓް ދަނޑުމަތީގައި ފެނިގެންދާނެ. ދެން ގޭމް ހަމަ ހުރިހާ ގޮތަކުން ވެސް ތަފާތުތަކެއް ފެނިގެންދާނެ.،"

މިދިޔަ ސީޒަނުގައި ޓީސީން އެންމެ ފާހަގަކޮށްލެވުނު އެއް ކުޅުންތެރިޔަކީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އޭނާ ވަނީ ގައުމީ ސީނިއާ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. ނިޒާމްބެ ބުނީ އިއްބެ އަކީ ޓީސީ އަށް ވަަރަށް މުހިއްމު ކުޅުންތެރިޔެކެވެ.

"ޓީސީ އަށް ވަރަށް މުހިއްމު ކުޅުންތެރިޔެއް މިދިޔަ ސީޒަނުން ފެށިގެން. އޭނަގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އޭނަ އަކީ ގިވަޕް ކުރާ ކުޅުންތެރިޔެއް ނޫން. އަނެއްކޮޅުން މިއީ ތިމަންނަގެ ލިމިޓޭ ކިޔާފައި ހުއްޓާލާ ކުޅުންތެރިއެއް ވެސް ނޫން އެ އަށް ވުރެ ބޮޑަށް ތަންކޮޅެއް ކުރިއަށްދާން މަސައްކަތްކުރާ ކުޅުންތެރިޔެއް. އެހެންވީމަ އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އެ ވަރުގެ ކުޅުންތެރިއެއް ސްކޮޑުގައި ހިމެނިގެންދިއުމަކީ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މި ފަހަކަށް އައިސް ރާއްޖޭގެ ފުޓްބޯޅައިގައި ވެސް ފެންނަ އެއް ކަމަކީ މެޗުގެ ވިސްނުން ވަކި ވަގުތަަކަށް ސެޓުކޮށްފައި ބެހެއްޓުމުގެ މައްސަލަ ކަމަށެވެ.

"ކޯޗުން ވެސް ފުޓްބޯޅައިގައި ކުޅުންތެރިން ވެސް ސިކުނޑި އަށް ލާން ޖެހޭ މިއަދުގެ ގޭމަކީ 90 މިނިޓެއް ނޫންކަން. ގޭމަކީ ފުރަތަމަ ކަށިގަނޑުން ފެށިގެން ފަހު ކަށިގަނޑާ ހަމައަށްކަން. އެއީ ކުރީ ޒަމާނުއްސުރެ މި އޮންނަނީ ބޯޅަ 90 މިނިޓަށް ސެޓުވެފައި. މިހާރު އިތުރު ވަގުތަށް ވެސް ފަސް މިނިޓް ދިނެއް ކަމަކު އަދި އޭގެ އިތުރުން އެ ވަގުތު ތެރޭގައި ގެއްލިގެންދާ ވަގުތު ވެސް ރަނގަޅު ރެފްރީއެއް ހުރެއްޖެއްޔާ އެބަދޭ. އެހެންވީމަ ކޮންސަންޓްރޭޝަން އެ ލެވެލަށް ބަހައްޓަންޖެހޭނެ،" ނިޒާމްބެ ބުންޏެވެ.

ޓީސީ އާއި މާޒިޔާ ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.