ވިކްޓަރީ މެޗަކީ ވެލެންސިއާ އަށް ފައިނަލެއް: ސޮބާ

އެސްޓީއޯ މާލޭ ލީގުގައި މިރޭ ވިކްޓަރީ އަތުން މޮޅުނުވެވިއްޖެ ނަމަ ކުރިއަށްދާން ވަރަށް އުނދަގޫވާނެ ކަމަށާއި މިރޭގެ މެޗު ނަގަނީ ފައިނަލެއްގެ ގޮތުގައި ކަމަށް ވެލެންސިއާގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނެފި އެވެ.


ވެލެންސިއާ އޮތީ ފުރަތަމަ ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ތާވަލުގެ ފުލުގަ އެވެ. ވިކްޓަރީ އޮތީ ހަ ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނީ ލީގުގެ ގަދަ ހަ ޓީމަށެވެ.

ވެލެންސިއާ އިން މަހެއްހާ ދުވަސް ފަހުން މެޗަކާ ކުރިމަތިލާއިރު ސޮބާ ބުނީ ފިޓްނަސް ފެންވަރު ރަނގަޅުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރެވިއްޖެ ކަމަށާއި ފިޓްނަސް ނުހުންނޭޔެކޭ މިހާރު ނުބުނެވޭނެ ކަމަށެވެ. އަދި ދެން އޮތީ މިއީ ކުރެވިދާނެ ކަމެއްކަން ކުޅުންތެރިން އަމިއްލަ ނަފްސަށް ގަބޫލުކުރުން ކަމަށާއި އެހެންވެއްޖެ ނަމަ ކާމިޔާބީއާ ދިމާލަށް ދެވޭނެ ކަމަށް އޭނާ ބުންނެވެ.

"މި މެޗަކީ ސީޒަނުގެ މިހާރު އަޅުގަނޑުމެންނަށް ލިބެމުން އަންނަ ނަތީޖާއަށް ބަލާފައި އަޅުގަނޑުމެންގެ ފައިނަލް މެޗޭ ވެސް ބުނެވިދާނެ. މި މެޗުން ޕޮއިންޓެއް ނުލިބިއްޖެއްޔާ ކުރިއަށްދާން އުނދަގޫވާނެ. އެހެންކަމުން މި ބަލަނީ ކުޅުންތެރިން ވެސް މެނޭޖްމަންޓުން ވެސް ފައިނަލް މެޗުގެ ގޮތުގައި،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ އޭނާ ލަފާކުރާ ގޮތުގައި ފުލުން ސަލާމަތްވާން މަސައްކަތްކުރާނީ ވެލެންސިއާގެ އިތުރުން ވިކްޓަރީ އާއި ގްރީންސްޓްރީޓްސް ފަދަ ތިން ހަތަރު ޓީމެއް ކަމަށާއި އެ ޓީމުތަކުގެ އަތުން ޕޮއިންޓް ނުހޯދިއްޖެއްޔާ އުނދަގޫވާނެ ކަމަށެވެ.

ސޮބާ ބުނީ އިދިކޮޅަށް ނުކުންނަ ވިކްޓަރީން ކުޅުން ވަރަށް ރަނގަޅުކޮށްފި ކަމަށާއި ޓީސީ އާއި ގްރީންސްޓްރީޓްސް އަތުން ވެސް އެ ޓީމުން ޕޮއިންޓް ހޯދާފައި އޮތުމުން ސަމާލުވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވުރެ ވަރުގަދަ. ސަމާލުވެގެން އެގޮތް ދެކިގެން ވަރަށް މަސައްކަތުންވިޔަސް މޮޅަކަށް ނުކުންނާނީ،" ސޮބާ ބުންޏެވެ. "މެޗުތަކުން ބަލިވަމުން އަންނަންޏާ ކިތަންމެ މޮޅު ކުޅުންތެރިންތަކެއް ވިޔަސް މޯރަލީ އިތުބާރު ދަށްވާނެ. އަދި އާދައިގެ ޓީމެއް ވެއްޖެއްޔާ އެބައި ބޮޑުވާނެ. އެގޮތުން އިތުބާރު ހޯދައި ހިތްވަރު އާކޮށްލަން ލިބޭ ފުރުސަތެއް މިއީ."

ސޮބާ އިދިކޮޅަށް ނުކުންނަ ވިކްޓަރީ އަކީ އޭނާގެ ކެރިއަރުގައި ގިނަ އަހަރުތަކެއް ކުޅެ އެތައް ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ޓީމެކެވެ. އަނެއްކޮޅުން ވިކްޓަރީގެ މިހާރުގެ ކޯޗު ހަންގޭރީގެ ލާސްލޯ ކިސް އަކީ ސޮބާ ކުޅުނު ޒަމާނުގައި ވެލެންސިއާގެ ކޯޗެވެ.

"މީގެ 10 އަހަރު ކުރިން ވިކްޓަރީ އާއި ވެލެންސިއާ ކުޅޭ ފައިނަލް މެޗުގައި ދަނޑު އޮންނާނީ ފުރިފައި. މިހާރު ސަޕޯޓަރުންނެއް ނުވަދޭ. އެކަމާ ކޯޗު ދެރަވޭ،" ކިސް އޭރުގެ ހަނދާންތައް އާކުރި އެވެ.

އޭނާ ބުނީ ވެލެންސިއާ ދެކެ ކިތަންމެ ލޯބިވީ ނަމަވެސް މެޗުގައި އެކަމެއް ނޯންނާނެ ކަމަށާއި މެޗު ކުޅޭއިރު އޭނާގެ އެއް ނަމްބަރު ޓީމަކަށްވާނީ ވިކްޓަރީ ކަމަށެވެ. ކިސް ބުނީ އެންމެ ފަހުން ގްރީންސްޓްރީޓްސް އަތުން ވިކްޓަރީ މޮޅުވީ ފަހު ބައިގައި ރަނގަޅަށް ކުޅެ ނަސީބު ވެސް އެހީވެގެން ކަމަށެވެ.

"ވިސްނަން ޖެހޭ ވެލެންސިއާ އަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރާ ޓީމުތަކެއް. އަހަރެމެން ޓީމުގައި އިންޖަރީގެ މައްސަލަ ވަރަށް ބޮޑު. ވެލެންސިއާގައި އެބަތިބި ވަރަށް ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް،" ވެލެންސިއާގެ ބިދޭސީ ކުޅުންތެރިންނާއި ކެޕްޓަން މުހައްމަދު ޝިފާން (ކުޑައްޓޭ) ގެ ނަން ފާހަގަކޮށް ކިސް ބުންޏެވެ.