ތިމަރަފުށްޓާއި ފެެހެންދޫ ޕްރިމިއާ ލީގުން ޖާގަ ހޯދައިފި

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައި، މި އަހަރު ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ތ. ތިމަރަފުށްޓާއި ބ. ފެހެންދޫ އިން ކަށަވަރުކޮށްފި އެވެ.


މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ޖާގަ ހޯދައި ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުކުރި ހަތަރު ޓީމަކީ ތިމަރަފުށްޓާއި ފެހެންދޫގެ އިތުރުން ފ. ނިލަންދޫ އާއި ށ. ފޯކައިދޫ އެވެ.

މިދިޔަ އަހަރު ޕްރިމިއާ ލީގުގައި ކުޅުނު ށ. މިލަންދޫ، ގދ. ތިނަދޫ، އއ. މާޅޮސް އަދި ދ. ކުޑަހުވަދޫ އަށް މި ފަހަރު ފުރުސަތު ނުލިބެ އެވެ. މާޅޮހާއި އެންމެ ފަހުގެ ޗެމްޕިއަން ކުޑަހުވަދޫ ފައިނަލު ބުރުން ކެޓިއިރު، މިލަންދޫ އާއި ތިނަދޫ ބައިވެރިނުވެ އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގައި ކުޅޭނީ މިހާރު ކުރިޔަށްދާ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމެކެވެ. ޕްރިމިއާ ލީގުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ނިއު ރޭޑިއަންޓެވެ.

ތިމަރަފުށި ވަނީ މިއަދު ކުޅުނު މެޗުން 2-1 އިން ސ. ހިތަދޫގެ މައްޗަށް ކުރިހޯދައިފަ އެވެ. ތިމަރަފުށި މި މުބާރާތުގެ ސެމީގެ ފުރުސަތު ހޯދީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ގްރޫޕުގެ ދެ ވަނަ ދިޔައީ ނިލަންދޫ އެވެ. ތިމަރަފުށްޓަށް ނުވަ ޕޮއިންޓް ލިބުނުއިރު، ނިލަންދޫގެ އޮތީ އަށް ޕޮއިންޓެވެ.

އެ ގްރޫޕުގެ ތިން ވަނަ ދިޔައީ ފަސް ޕޮއިންޓް ހޯދި ހިތަދޫ އެވެ. ހަތަރު ވަނައިގައި އޮތީ ފަސް ޕޮއިންޓާ އެކު ކުޑަހުވަދޫ އެވެ. އެންމެ ފުލުގައި އޮތް ގދ. ހޯޑެއްދޫ ކެޓީ ޕޮއިންޓެއް ނުލިބި އެވެ.

ގްރޫޕް ދޭއްގެ ސެމީ ފައިނަލުގެ ފަހު ޖާގަ ފެެހެންދޫ އިން ހޯދީ މިއަދު ކުޅުނު މެޗުން 6-1 އިން އދ. ފެންފުށި ބަލިކުރުމަށް ފަހު އެވެ.

ގްރޫޕް ދޭއްގެ އެއް ވަނަ ދިޔައީ 10 ޕޮއިންޓް ހޯދި ފޯކައިދޫ އެވެ. ފެހެންދޫ ދެ ވަނަ ހޯދީ ނުވަ ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނައިގައި އޮތް މާޅޮހަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ހއ. މުރައިދޫ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފެންފުށި މުބާރާތުން ކެޓީ ޕޮއިންޓެއް ނުލިބި އެވެ.

މިނިވަން ޗެމްޕިއަންޝިޕުގެ 2016 ވަނަ އަހަރުގެ ރަނަރަޕް ތިމަރަފުށި ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ފެހެންދޫއާ ދެކޮޅަށެވެ. ދެ ވަނަ ސެމީ ފައިނަލުގައި ހޮނިހިރު ދުވަހު ފޯކައިދޫ ކުޅޭނީ ނިލަންދޫއާ އެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 10 ވަނަ ދުވަހު މާލޭގަ އެވެ.