އިންޑިވިޖުއަލް ކުޅިވަރު އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި

މިހާރު" ނޫހުން މުޅިން އަލަށް ތައާރަފްކުރާ މިހާރު އެވޯޑްސްގައި ހޮވާ މިދިޔަ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން އަދި އަންހެން ކުޅިވަރު ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން އިންޑިވިޖުއަލް ފިރިހެން އަދި އަންހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްފި އެވެ.


އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާ ހޮވަނީ އެތުލެޓިކްސް، ސްވިމިން، ބެޑްމިންޓަން އަދި ޓޭބަލް ޓެނިސް އެއްކޮށްލައިގެންނެވެ. މިއީ ރާއްޖޭގެ ކުޅިވަރު އެވޯޑެއްގައި އިންޑިވިޖުއަލް ކުޅިވަރުތައް ހިމެނި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އެތުލެޓިކްސްގެ ޒައިދު ޝަރީފާއި ހަސަން ސާއިދާއި ބެޑްމިންޓަން ކުޅުންތެރިޔާ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުހައްމަދު ޒީސްތު ނަސީމް އަދި ފެތުންތެރިޔާ ހަސަން އަޝްރަފް އެވެ.

އެންމެ މޮޅު ޒުވާން އިންޑިވިޖުއަލް ފިރިހެން ކުޅިވަރު ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިން (ކ-ވ) އަރްސަލާން، މުބާލް އަދި މުނާޒް.

އެންމެ މޮޅު ޒުވާން އިންޑިވިޖުއަލް ފިރިހެން ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވެފައިވަނީ ދުވުންތެރިޔާ މުހައްމަދު މުނާޒް އަލީ އާއި ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަރްސަލާން އަލީ އަދި ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމް އެވެ.

އެވޯޑްސްގެ މީޑިއާ ޕާޓްނަރު ވީމީޑިއާގެ ވީޓީވީން ގެނެސްދޭ އެވޯޑްސްގެ ކައުންޓްޑައުން ޝޯގައި ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްދިނީ ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައިވާ އައިމިނަތު ޝިއުރާ އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް އަންހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ފެތުންތެރިޔާ އައިޝަތު ސާޖިނާ އާއި ދުވުންތެރިޔާ މަރިޔަމް އަބްދުލްކަރީމް (މަރީ) އާއި ބެޑްމިންޓަން ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އާއި އަދި ފެތުންތެރިޔާ އައިމިނަތު ސަޖަން އެވެ.

އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިން (ކ-ވ) ސާޖިނާ، މަރީ، ނަބާހާ، ނަބީހާ އަދި ސަޖަން.

އެންމެ މޮޅު ޒުވާން އިންޑިވިޖުއަލް އަންހެން ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވެފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމާއި ބެޑްމިންޓަން ދެ ކުޅުންތެރިން ކަމަށްވާ ނަބާހާ އަދި ނަބީހާ އެވެ.

މި ދެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްދިނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ސްޕްރިންޓް ރިލޭ އިން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދިން ޓީމުގެ ދުވުންތެރިޔާ އަދި ގައުމީ ސްޕްރިންޓް ޓީމުގެ މިހާރުގެ އެސިސްޓަންޓް ކޯޗު ހުސެއިން ހަލީމެވެ.

މި ހަތަރު އެވޯޑުގެ އިތުރުން ފުޓްބޯޅަ އާއި ވޮލީބޯޅައިން ވެސް އެވޯޑް ދޭނެ އެވެ. އެގޮތުން ފުޓްބޯޅައިން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ އުއްމީދީ ކުޅުންތެރިޔަ ހޮވާނެ އެވެ. ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން އަދި ދެ ޖިންސުން ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ.

އެންމެ މޮޅު ޒުވާން އިންޑިވިޖުއަލް އަންހެން ކުޅިވަރު ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިން (ކ-ވ) ނަބީހާ، ރަފާ އަދި ނަބާހާ.

މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.

އެވޯޑް ހަފުލާ އޮންނާނީ މާދަމާރޭ ދުވަހުގެރޭ 9 ޖަހާއިރު ޕެރެޑައިސް އައިލެންޑް ރިޒޯޓުގަ އެވެ. މި ހަފުލާ ވީޓީވީން ވަގުތުން ދައްކާނެ އެވެ.

އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބް އެވެ.