ވޮލީގެ މޮޅު ކުޅުންތެރިޔާގެ މަގާމް ކުޑަކާއްޓޭ އާއި ޖޫޒަން ހޯދައިފި

މިހާރު އެވޯޑްސް އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމް މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަށް ހޯދިއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޖޫޒާން ޒަރީރް ހާސިލްކޮށްފި އެވެ.


އެންމެ މޮޅު ފިރިހެން ދެ ވަނަ ކުޅުންތެރިޔަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބްގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. ތިން ވަނަ ދިޔައީ ސީލައިފްގެ އަލީ ހުޒާމް (ހުޒާންޓެ) އެވެ. ތިން ކުޅުންޔެރިންނަށް ވެސް އިނާމް ހަވާލުކޮށްދެއްވީ އެވޯޑްސްގެ ޕާޓްނަރު އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާނެވެ. ހަފުލާގައި ކުޑަކާއްޓޭ އަށް ބައިވެރިނުވެވުމުން އޭނާގެ ބަދަލުގައި އެވޯޑާ ހަވާލުވީ އޭނާގެ ބޭބެ އަދި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. ކުޑަކާއްޓޭ މި ވަގުތު ހުރީ ބޭސް ފަރުވާއަކަށް އިންޑިއާގަ އެވެ.

ޖޫޒާންގެ ފަހަތުން ދެ ވަނަ ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އެވެ. އަދި ތިން ވަނަ ދިޔައީ މިސްކިތްމަގުގެ އައިމިނަތު އަރީޝާ އެވެ. ތިން ކުޅުންތެރިންނަށް އެވޯޑް ހަވާލުކޮށްދެއްވީ އެވޯޑްސްގެ ޕާޓްނަރު އުރީދޫ މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒެވެ.

ވޮލީބޯޅައިގެ އަންހެން ބައިގައި މިދިޔަ އަހަރަކީ މިސްކިތްމަގުގެ ފަހަރަކެވެ. އެ ޓީމުގެ ލީޑަރެއްގެ ގޮތުގައި ފެނުނު ޖޫޒާން އަކީ ހުރިހާ މުބާރާތެއްގައި ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ. ޖޫޒާން މިހާރަށް ބުނީ އެވޯޑް ލިބޭނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ.

މިހާރު އެވޯޑް ހަފްލާގެ ތެރެއިން ވޮލީގެ އެވޯޑް ލިބުނު ކުޅުންތެރިންނާ ވީއޭއެމްގެ ބައެއް އޮފިޝަލުންނާ އެކު ސެލްފީއެއް ނަގަނީ.-- ފޮޓޯ: އިމޭޖަސް. އެމްވީ

"އުއްމީދު ކުރެވުނު ކޮންމެވެސް ވަރަކަށް އެއީ މިދިޔަ އަހަރު ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ލިބިފައި. ހުރިހާ މުބާރާތެއްގެ މޮޅު ސެޓަރު ލިބިފައި. ގައުމީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި އިނީމަ. ކޮންމެވެސް ވަރަކަށް ހީވި އެވޯޑް ލިބިދާނެއޭ. އެކަމު ޔަގީނެއް ނުކުރަން. ދެން ވަރަށް އުފާވެއްޖެ ލިބުނީމަ. މިއީ ހުވަފެނެއް ހަގީގަތަކަށް ވުން،" ޖޫޒާން ބުންޏެވެ.

މިދިޔަ އަހަރުގެ އެންމެ އުއްމީދީ ފިރިހެން ކުޅުންތެރިޔަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބަށް މޮޅު ކުޅުމެއް ދެއްކި މުހައްމަދު މިމްރާހް ހަސަން (މިންމި) އެވެ. އޭނާއާ ވާދަކުރީ ހުސެއިން ރައްޒާން އާއި މުހައްމަދު އަލީ އެވެ. އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔަކީ އަރީޝާ އެވެ. އެ ބައިން އޭނާއާ ވާދަކުރީ އައިމިނަތު ރިޔާޝާ އަދި ހަމްނާ ހުސެއިން އަލިދީދީ އެވެ.