"ޒާހިރު ނަސީރު އެވޯޑް" ހީނާ ސަލީމް ހާސިލްކޮށްފި

ދިވެހި ކުޅިވަރުގެ ބާނީ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ޝަރަފުގައި "މިހާރު އެވޯޑްސް" ގައި ދިން "ޒާހިރު ނަސީރު އެވޯޑް" ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ހާސިލްކޮށްފި އެވެ.


"ޒާހިރު ނަސީރު އެވޯޑް" އަކީ ކުޅިވަރަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތައާރަފްކުރި އިނާމެކެވެ. ޒާހިރު ނަސީރުގެ ނަންފުޅުގައި މި އެވޯޑް ދޭން ނިންމީ ދިވެހި ކުޅިވަރަށް އެމަނިކުފާނުކޮށްދެއްވި ޚިދުމަތުގެ ހަނދާނާއި ޝަރަފުގައި ކަމަށް "މިހާރު" ނޫހުން ބުނެ އެވެ. ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ރޭ ބޭއްވި މިހާރު އެވޯޑްސް ހަފުލާގައި ހީނާ ސަލީމަށް މި އިނާމް ދެއްވީ، ޒާހިރު ނަސީރަށް ބޮޑުބޭބެ ވިދާޅުވީ މުހައްމަދު ނާޝިދެވެ.

މި އެވޯޑް ހާސިލްކުރީ ހީނާ ސަލީމަކީ ފުޓްބޯޅަ، ބެޑްމިންޓަން އަދި އެތުލެޓިކްސްގައި ވިދާލި ކުރީގެ މޮޅު ކުޅުންތެރިޔެކެވެ. ފަހުން އޭނާ ފާހަގަވީ ފުޓްބޯޅައިގެ ރެފްރީއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުގަ އެވެ. މިހާރު އޭނާ އަންނަނީ "އާލީ ޓަޗް އެކަޑަމީ" ގެ ނަމުގައި ކުޑަކުދިންނަށް ފުޓްބޯޅައިގެ އަސާސީ ހުނަރުދަސްކޮށްދިނުމުގެ މުހިއްމު މަސައްކަތެއް ކުރަމުންނެވެ.

ހީނާ ސަލީމް ފުޓްބޯޅައިގައި ވިދަން ފެށީ އެންމެ ފުރަތަމަ އެކުލަވަލި ގައުމީ ފުޓްބޯޅަ ޓީމު ކަމަށްވާ، 1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް އަށް ދިއުމަށް ނެގި ޓީމުގައި ހިމެނުނު ހިސާބުންނެވެ. އަދި އެ ދުވަސްވަރު ކްލަބް ވެލެންސިއާ އުފެއްދުމުގައި އިސް ދައުރެއް އަދާކޮށް ފަހުން އެ ޓީމަށް ފުޓްބޯޅަ ކުޅުނެވެ.

ހީނާ ސަލީމް ހަނދާނީ ފިލައާ އެކު. -- ފޮޓޯ: އިމޭޖަސް އެމްވީ

ހީނާ އަކީ އަށްޑިހައިގެ ތެރޭގައި ރާއްޖޭގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އޮތް ދުވުންތެރިޔާ އެވެ. އެގޮތުން އޭނާ ވަނީ 1984 އާއި 1985 ވަނަ އަހަރުގެ ސާފް ގޭމްސްގައި ދުވުންތެރިޔެއްގެ ގޮތުގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ. އަދި އޭނާ ވަނީ 1985 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ބެޑްމިންޓަން ޓީމަށް ކުޅެ މެޑަލް ހާސިލްކޮށްފަ އެވެ.

ފުޓްބޯޅަ ރެފްރީއެއްގެ ގޮތުގައި ހީނާ ފާހަގަވީ 1987 ވަނަ ވަނަ އަހަރު ބޭއްވި ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތް ޕޮމިސް ކަޕުގައި ރެފްރީކަންކޮށްގެންނެވެ. ކޯޗުންގެ ތެރެއަށް ހީނާ ރަސްމީކޮށް ވަނީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްގައި ވާދަކުރި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ގޮތުގަ އެވެ.

އޭގެ ހަތަރު އަހަރު ފަހުން 1995 ވަނަ އަހަރު ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ކަޕްވިނާސް ކަޕް ވެލެންސިއާ އަށް ކާމިޔާބުކޮށްދިނެވެ. އިންޑިއާގެ ގަދަބާރު މޯހަން ބަގާން ބަލިކޮށް 1995 ގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ދެ ވަނަ ބުރަށް ވެލެންސިއާ ގެންގޮސްދިނުމާއި ވާދަވެރި ނިއު ރޭޑިއަންޓަށް 1997 ވަނަ އަހަރުގެ ޕޮމިސް ކަޕް ކާމިޔާބުކޮށްދިނުމަކީ ވެސް ހީނާގެ ކޯޗިންގެ ކެރިއަރުގެ އުސްއަލިތަކުގެ ތެރޭގައި ހިމެނޭ ކާމިޔާބީތަކެވެ.

އެކަމަކު އޭނާ އެންމެ ޝައުގުވެރިކަމާ އެކު ކުރި އެއް މަސައްކަތަކީ އަމީރު އަހުމަދު ސްކޫލުގެ ޓީމް ތައްޔާރުކުރުމާއި އަމިއްލަ އަށް އުފެއްދި ޔޫތު ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިނުމެވެ. ގައުމީ ޓީމުން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި އައްސަދު އަބްދުލްގަނީ އާއި އަލީ އުމަރު ފަދަ ކުޅުންތެރިންނަކީ އަމީރު އަހުމަދުގައި ހީނާ ތައްޔާރުކުރި ކުޅުންތެރިންނެވެ. އަދި ޔޫތަށް ހަ އަހަރު ކޯޗުކޮށްދިނީ، އެ ޓީމު މެދުވެރިކޮށް އެ ކުޅުންތެރިން ގަލޮލު ދަނޑަށް ނެރެދިނެވެ.