ބޭބެ އަކީ ވޮލީގައި އަހަރެންގެ ބައްޕަ: ކުޑަކާއްޓޭ

ހޮނިހިރު ދުވަހުގެރޭ ބޭއްވި "މިހާރު" އެވޯޑްސްގައި މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމް ހާސިލްކުރި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ރަށުގައި ނެތުމުން އެރޭގެ ހަފުލާ އަށް ހާޒިރެއް ނުވެ އެވެ. ބަދަލުގައި އިނާމާ ހަވާލުވާން އެރީ އޭނާގެ ބޭބެ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އެކަމަކު ހަފުލާ ހުށަހެޅި ޕްރެޒެންޓަރަށް އޮޅިގެން ނަމަވެސް ބުނެވުނީ، ރަނގަޅު ވާހަކަ އެކެވެ. އިނާމާ ހަވާލުވާނީ ކުޑަކާއްޓޭގެ "ބައްޕަ" ކަމަށް ބުނުމުން ބައެއް މީހުން ހައިރާންވި އެވެ.


"ހަގީގަތުގައި ޕްރެޒެންޓަރު ބުނީ ރަނގަޅަށް. އެއީ އަހަރެންގެ ވޮލީގެ ބައްޕަ. ވަރަށް ބޮޑަށް އުފާވި ބައްޕައެއް ފަދަ ބޭބެ އެވޯޑާ ހަވާލުވީމަ،" ކުޑަކާއްޓޭ މިހާރަށް ބުންޏެވެ. "ހަގީގަތުގައި ބޭބެ އެވޯޑާ ހަވާލުން އެއީ ހަމަ އަހަރެން ހަވާލުވުން ފަދަ ކަމެއް."

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި އެވޯޑް ހަފުލާ އަށް ކާއްޓޭ އަށް ވެސް ހަގީގަތުގައި ހާޒިރުވެވެން ނެތެވެ. އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތަށް ބަނޑޮސް ޓީމު ތައްޔާރުކޮށްދޭން އެ ރިޒޯޓުގައި ހުންނަން ޖެހުމުންނެވެ. އެކަމަކު ކޮއްކޮގެ ފަރާތުން އެވޯޑް ހަފްލާގައި ބައިވެރިވާން ޖެހުމުން ކާއްޓޭ އެ ފުރުސަތު ދޫކޮށްލަން ބޭނުންނުވީ އެވެ.

"އަޅުގަނޑު އެ ދުވަހު ހަވީރު ހުރީ ވެސް ބަނޑޮސް އައިލެންޑް ރިސޯޓުގެ ޕްރެކްޓިސްގައި. އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތަށް ބަނޑޮސް ޓީމު ތައްޔާރު ކުރަން ހުއްޓައި މިހާރުން ގުޅާފައި ބުނީ ކޮއްކޮ ނެތީމަ މި ކޮޅަށް އައިސްދޭށޭ. ފަހަރެއްގައި އެވޯޑެއް ލިބިދާނެއޭ. ލިބިއްޖިއްޔާ ހަވާލުވާން އަންނާށޭ،" ކާއްޓޭ ބުންޏެވެ.

އޭނާ ބުނީ ކުޑަކާއްޓޭ އަށް މި އެވޯޑް ލިބުމުން އާއިލާގެ މެމްބަރެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

"ކޮއްކޮ އަށް ލިބުނީމަ ވަރަށް އުފާވޭ. އަޅުގަނޑަށް ހީވަނީ މިއީ ޖެހިޖެހިގެން ފަސް ވަނަ ފަހަރު ކަންނޭނގެ ކޮއްކޮ އަށް މި އެވޯޑް ލިބުނު. ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ އެވޯޑް ލިބުނީމާ، އާއިލާގެ މެމްބަރެއްގެ ހައިސިއްޔަތުން އަދި އަޅުގަނޑު ވެސް ވޮލީ ކުޅެފައި ހުރީމަ ވަރަށް އުފާވޭ،" ކާއްޓޭ ބުންޏެވެ.

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ކުޑަކާއްޓޭ--. ފޮޓޯ: ނިޝާން އަލީ/މިހާރު

ކުޑަކާއްޓޭގެ ޝައުގުވެރިކަން އެންމެ ފުރަތަމަ ހުރީ ބާސްކެޓަށެވެ. މިހާރު ވެސް ހުސް ވަގުތުތަކުގައި އޭނާ ބާސްކެޓް ކުޅެ އެވެ. ކުޑަކާއްޓޭ ވޮލީ އަށް ނެރެދިނުމުގައި ބޭބެ ކާއްޓޭގެ ދައުރު ވަރަށް ބޮޑެވެ.

"އަޅުގަނޑުގެ ކޮއްކޮ މި ދާއިރާ އަށް ނެރެދެން އެންމެ ހިތްވަރު ދިން އެކަކަށްވާނެ ކަންނޭނގެ އަޅުގަނޑު. ކޮއްކޮ އެންމެ ފުރަތަމަ ބާސްކެޓަށް ވަރަށް ފޯރި ހުންނާނެ. ގޭދޮށުގައި ވެސް ހަމަ އޭރުގައި ކޮއްކޮމެންގެ އުމުރުފުރައިގެ ކުދިންނާ އެކު ބާސްކެޓް ކުޅެން އުޅެނިކޮށް އަޅުގަނޑު ކޮއްކޮ ގެންދިޔައީ ބަނޑޮހަށް ވަޒީފާ އަކަށް. އެ ހިސާބުން ކޮއްކޮ އަސްލުގައި ވޮލީގެ ތެރެއަށް ވަދެވުނީ. އޭރުން ފެށިގެން ޔޫތު ކަޕް ކަހަލަ މުބާރާތްތައް ކުޅެމުން އައިސް ދެ ވަނަ އަހަރު ކޮއްކޮ ގައުމީ ޓީމަށް ކުޅެން ފަށައިފި. އެ ހިސާބުން މިއަދާ ހަމަ އަށް ވެސް ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި،" ކާއްޓޭ ބުންޏެވެ.

މި ވަގުތު ގައުމީ ފިރިހެން ސީނިއާ ވޮލީޓީމުގެ ހެޑް ކޯޗެއްގެ މަގާމުގައި ހުރި ކާއްޓޭ ޓީމާ ހަވާލުވެ ކުޅުނު ފުރަތަމަ މުބާރާތުގައި ކުޑަކާއްޓޭ ނުކުޅެ އެވެ. އެއީ ޓީމުގެ ޕްރެކްޓިސް ފެށިއިރު، އާއިލީ ކަމެއްގެ ސަބަަބުން ގަވާއިދުން ޕްރެކްޓިހަށް އާދެވެން ނެތުމުންނެވެ. އެހެން ނަމަވެސް ފަހުން އޭނާ ގައުމީ ބީޗް ވޮލީ ބޯޅަ ޓީމާ އެކު މުބާރާތެއް ކުޅުނެވެ.

ކާއްޓޭ ބުނީ ކުޑަކާއްޓެ އަކީ އަދިވެސް ގައުމީ ޓީމަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އޭނާ ޓީމުން ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"މިހާރު ވެސް މި ވަގުތު ވެސް ގައުމީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިޔެއް އޭނާ އަކީ،" ކާއްޓޭ ބުންޏެވެ.