ސިފައިންނާއި ފުލުހުންނަށް ފުޓްބޯޅައިން ފުރުސަތު ދޭން ނިންމައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް ގައުމީ ފެންވަރުގެ ފުޓްބޯޅައިގައި ވާދަކުރުމުގެ ފުރުސަތު ނުދޭން އެފްއޭއެމުން ނިންމާފައިވާ ނިންމުން ބާތިލްކޮށް އަލުން އެ ފުރުސަތު ދޭން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިންމައިފި އެވެ.


މިއީ ސިފައިންނާއި ފުލުހުންނަށް ފުޓްބޯޅައިގައި ވާދަކުރުމުގެ ފުރުސަތު ދިން ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2009 ވަނަ އަހަރު އެ ފުރުސަތު ދިނުމަށް ފަހު، އެކަން ބާތިލްކުރީ އަލީ އާޒިމްގެ ދައުރުގައި 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން އެފްއޭއެމާ އިލްހާމް އަހުމަދު ހަވާލުވެ އެ ފުރުސަތު ދޭން ނިންމި ނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ނިންމުން ބާތިލްކޮށްފަ އެވެ. އޭރު އެފްއޭއެމުން ބުނީ ސަރުކާރުގެ މުއައްސަސާތަކަށް ހާއްސަކޮށްގެން ރިކްރިއޭޝަން މުބާރާތެއް ބާއްވާނެ ކަމަށެވެ.

މިދިޔަ އަހަރު އެގޮތަށް ނިންމިއިރު ޕޮލިސް ކްލަބް އޮތީ ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ މަގާމް ހޯދައި، ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާން ކުޅޭ ކޮލިފިކޭޝަނުން ފުރުސަތު ހޯދައިފަ އެވެ. އަދި ދިވެހި ސިފައިންގެ ކްލަބް ވަނީ ދެ ވަނަ ޑިވިޝަނުގެ ތިން ވަނަ ހޯދައިފަ އެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ސަލާމަތީ ދެ މުއައްސަސާ އަށް ފުރުސަތު ދެނީ ފުޓްބޯޅަ އިތުރަށް ފޯރިގަދަކޮށް، މޮޅު ކުޅުންތެރިން އުފެއްދުމަށް ކަމަށާއި މި ނިންމުމާ އެކު ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ދިމާވެދާނެ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް އެހީތެރިވާނެ ކަމަށެވެ.

ތޯރިގް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ވަޒީފާގައި ތިބި ފަރާތްތަކަށް ވެސް އެހެން ޓީމުތަކަށް ކުޅުމެގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ފީފާ ޓްރާންސްފާ ރެގިއުލޭޝަން އާ އެއްގޮތަށް އަމަލު ކުރާ އިގުރާރުގައި ސޮއިކުރަން ޖެހޭނެ. މިސާލަކަށް އެމްއެންޑީއެފް ޕްލޭޔަރުންނަށް ވިކްޓަރީ އަށް ބަދަލުވެވޭނެ،" ސިފައިންނާއި ފުލުހުންގެ ޓީމަށް ވެސް ދިވެހި ޕްރިމިއާ ލީގަށް އެރުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކުރައްވަމުން ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ އެފްއޭއެމްގެ މަގުސަދަކީ، ގައުމީ ޓީމަށް މޮޅު ކުޅުންތެރިން ހޯދުން ކަމަށާއި އަލީ އަޝްފާގް (ދަގަނޑޭ) އާ ޖެހިގެން ރާއްޖޭގެ ހުރި އެންމެ މޮޅު ކުޅުންތެރިޔާ އެތަނުން، މުއައްސަސާއެއްގައި ހުރުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އެހެންކަމުން އެފަދަ މުއައްސަސާތައް ފުޓްބޯޅައިގައި ބައިވެރިކޮށް ކުޅުންތެރިން ހޯދުމަކީ އެފްއޭއެމްގެ އަމާޒެއް ކަމަށް ތޯރިގް ވިދާޅުވި އެވެ.

"(ސިފައިންނާއި ފުލުހުން ވާދަކުރަން ފެށުމަކީ) ބޮޑެތި ޓީމުތަކަށް ޗެލެންޖަކަށް ވެދާނެ. އެފަދަ ޓީމުތަކުގެ މެނޭޖްމަންޓް ހަރުދަނާ ކުރުމާއި އަދި މާލީ ގޮތުން އެ ޓީމުތަކަށް ހެޔޮ ގޮތްތަކެއް އެފްއޭއެމުން އަންނަނީ ރާވަމުން،" ތޯރިގް ވިދާޅުވި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ތޯރިގް ފުޓްބޯޅައިގެ ފޯރި އިތުރުކުރެވޭނީ ގިނަ ބަޔަކު ބައިވެރިކޮށްގެން ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސިފައިންނާއި ފުލުހުން ބައިވެރިކުރަން ރާއްޖޭގެ ކްލަބްތަކުން ކުރިން ވަނީ ދެކޮޅު ހަދައިފަ އެވެ. އެއީ ސިފައިންނާއި ފުލުހުންނަށް، މާލީ ގޮތުންނާއި އެހެނިހެން ބޮޑެތި އިނާޔަތްތައް ލިބޭތީ އެ ފަރާތްތަކާ ވާދަކުރުމަކީ ކްލަބްތަކަށް ކުރެވިދާނެ ކަމެއް ކަމަށް ނުފެންނާތީ އެވެ.

ނިއު ރޭޑިއަންޓާއި ވިކްޓަރީ އަދި ވެލެންސިއާ ފަދަ ޓީމުތައް ކުރިން ރަސްކަންކުރި ދިވެހި ވޮލީބޯޅައިގެ ފޯރި ގެއްލިފައިވަނިކޮށް، އެ ފޯރި އަލުން އައީ ސިފައިންނާއި ފުލުހުން އެ ކުޅިވަރުގައި ވާދަކުރަން ފެށި ފަހުންނެވެ. ފުޓްބޯޅަ ނޫން ގިނަ ކުޅިވަރުތަކުގައި އެ ދެ މުއައްސަސާގެ ޓީމުތައް އަންނަނީ ވާދަކޮށް ކާމިޔާބީ ހޯދަމުންނެވެ. ހާއްސަކޮށް ވޮލީބޯޅަ އާއި އެތުލެޓިކްސްގަ އެވެ.