ދުނިޔޭގެ ކްރިކެޓް ޖަމިއްޔާ އަށް އަފްލާހް އިންތިހާބުވެވަޑައިގެންފި

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ބޯޑުގައި އޭޝިއާ ތަމްސީލްކުރާ މެމްބަރަކަށް ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) އިންތިހާބުވެވަޑައިގެންފި އެވެ.


އަފްލާހް މި މަގާމަށް ހޮވިވަޑައިގަތީ ބަހުރޭނުގެ މަންދޫބަކާ ވާދަކުރައްވައިގެން ހަތަރު ވޯޓް ކާމިޔާބުކުރައްވައިގެންނެވެ.

މި ކާމިޔާބީ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ އަފްލާހުއާ އިއްޔެ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ. ބޯޑުގެ މެންބަރުކަމަށް ކުރިމަތިލެއްވި ފުރަތަމަ ފަހަރު ވެސް ވަރަށް ފުރިހަމަ ނަތީޖާއަކުން އިންތިހާބު ކާމިޔާބުކުރެއްވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި ފާހަގަކުރައްވައި މިކާމިޔާބު ލިބިވަޑައިގެންނެވީ އަފްލާހުގެ ތަޖުރިބާއިންނާއި މަސައްކަތްޕުޅުންކަމުގައި ރައީސް ވިދާޅުވި އެވެ.

އަދި ދެކުނު އޭޝިއާ އަކީ ކްރިކެޓް ކުޅުމަށް ފޯރިހުންނަ ވަރުގަދަ ޓީމުތަކެއް ހިމެނޭ ރީޖަނެއްކަން ފާހަގަކުރައްވަމުން ރާއްޖޭން މި ރީޖަންގައި ވާދަކުރެވޭވަރުގެ ކްރިކެޓް ޓީމެއް އުފައްދަވައިދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

މި މަގާމާ އެކު، އައިސީސީގައި ހިމެނޭ އޭޝިއާގެ 21 ގައުމު ތަމްސީލްކުރައްވާނީ އަފްލާހު އެވެ. އެކަމަކު އޭނާގެ މުހިއްމުކަން ބޮޑުވާނީ އެސޯސިއޭޓް 16 ގައުމަށެވެ. ސަބަބަކީ އިންޑިއާ، ސްރީ ލަންކާ، ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްގާނިސްތާނަކީ އައިސީގެ ފުލް މެމްބަރުން ކަމަށްވާތީ، އެ ގައުމަށް އައިސީގައި ސީދާ ތަމްސީލްކުރެވޭނެތީ އެވެ.

"ރާއްޖޭގެ ކްރިކެޓަށް ވެސް ވަރަށް ފުރިހަމަ މަގެއް މި ކޮށާލެވުނީ،" އަފްލާހު ވިދާޅުވި އެވެ.

ކްރިކެޓުގެ ބޯޑުގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވި އަފްލާހު ވިދާޅުވީ އަބަދުވެސް ކްރިކެޓުގައި ވީހާ ވެސް ދުރަށް، ދުނިޔޭގެ އިދާރާތަކާ ހަމަޔަށް ދިއުމަށް ވިސްނާ ކަމަށާއި އެކަން މި ހާސިލްވީ ދުރާލާ ކުރި މަސައްކަތުން ކަމަށެވެ.

ރާއްޖޭން 2005 އަދި 2006 ވަނަ އަހަރުގެ އިމާޖިން ނޭޝަންސް ކްރިކެޓް މުބާރާތް ކާމިޔާބުކުރިއިރު ގައުމީ ޓީމަށް ކުޅުއްވި އަފްލާހް ކުރިން ވިދާޅުވީ ރާއްޖޭގެ ކްރިކެޓް މިހާރު އޮތީ ވެސް އެހާ ދަށް ލެވެލެއްގައި ނޫން ކަމަށާއި އެކަމަކު އިތުރަށް ކުރިއަށް ގެންދަން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި ކަމަށެވެ. މި މަގާމާ އެކު އެ މަސައްކަތް ކުރުމަށް ފުރުސަތު ފަހިވެގެންދާނެ އެވެ.