ޓީސީ ސްޕޯޓްސް ކްލަބް 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އެ ޓީމުގެ ތެރެއިން ވަރަށް ގިނަ ކުޅުންތެރިން އެންމެ މަތީ ފަންތިއަށް އަރައިފި އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ކުޅުންތެރިންނަށް ކުރާ އިތުބާރާ އެކު ނަގާ ރިސްކު ކަމަށް ގަބޫލުކުރެވެ އެވެ.
އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ނިޒާމްބެ ވަނީ އޭނާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި ގެންގުޅޭ އުސޫލުތަކާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރީ ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް އެ ކުޅުންތެރިންގެ އިތުބާރު ރަނގަޅު ހިސާބެއްގައި އަބަދު ވެސް ބެހެއްޓުމެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީގެ އެންމެ މުހިއްމު ކަމަކީ ކުޅުންތެރިޔާ އަށް އޭނަގެ ކޮންފިޑެންސް ގެއްލުނަނުދިނުން. އެންމެ ފުރަތަމަ އޭނަ ވަރުގަދަ މެޗަކަށް 90 މިނިޓަށް ސެޓު ކޮށްގެން ލައިފި ކަމަށްވާނަމަ އޭނަ އަތުން ހެދޭ ކިތަންމެ ކުޑަ މިސްޓޭކް ވެސް އޭނަ އަށް ފެންނާނީ ވަރަށް ބޮޑު އެއްޗެއްގެ ގޮތުގައި ދެން އޭނަގެ ފަރާތުން ލިބޭ ގެއްލުމަކީ އޭނަގެ ކެރިއަރު ހަލާކުކޮށްލާ އެއްޗަކަށްވެދާނެ. އެހެންވީމަ ގިނަ ފަހަރަށް އޭނަ މި އަރުވަނީ ކުޅެވޭ ކަހަލަ މެޗުތަކަށް ފުރަތަމަ. މަޑުމަޑުން އޭނާ ޕްރެޝަރު ވަގުތަށް ހާނުވަމުން މިދަނީ. މި ފިލޯސަފީ މިހާތަނަށް އެބަ މަސައްކަތްކުރޭ،" ނިޒާމްބެ ބުންޏެވެ.
މި ވާހަކަތަކުގެ ހަގީގަތް އެއް ކުޅުންތެރިއެއްގެ ކުޅުމުން ފެނުނު ތަފާތުން މިސާލު ދެއްކިދާނެ އެވެ. ޓީސީގެ މެދުތެރޭގައި މިހާރު ތަފާތު ދައްކަމުން އަންނަ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ނިޒާމްބެ 2015 ވަނަ އަހަރު ފުރަތަމަ ފުރުސަތު ދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އޭގެ އެއް އަހަރު ފަހުން ފުރަތަމަ އެގާރައިގައި ބޭނުން ކުރަން ފެށި އެވެ. އޭނާގެ ކުޅުން އެންމެ ވަރުގަދަ އަށް ފެންނަން ފެށީ މިދިޔަ އަަހަރު ޓީސީން ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރި ހިސާބުންނެވެ. ފުރަތަމަ ފަޅި އަށް ކުޅުވި ނަމަވެސް ފަހުން އިއްބެ ބޭނުން ކުރީ މެދުތެރެއަށެވެ. މިހާރު އޭނާ އަކީ އެ މަގާމުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ.

މި ސީޒަނުގައި މިހާތަނަށް ބަލާއިރު ވެސް ނިޒާމްބެ ވަނީ ގިނަ ކުޅުންތެރިންތަކަށް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ޒުވާން ގައުމީ ޓީމުން ފެނުނު ޑިފެންޑަރު އައްޒާމް އަބްދުﷲ އާއި މިޑްފީލްޑަރު ނިޝާމް ރަޝީދު އަދި މުޅިން އަލަށް ކުޅެމުން އަންނަ ސާދު ނިޒާރު ހިމެނެ އެވެ. މާލޭ ލީގުގެ އެކި މެޗުތަކުގައި މި ކުޅުންތެރިން ބޭނުން ކުރަނީ އެކި ވަގުތުތަކުގަ އެވެ.
ނިޒާމްބެގެ ޕްލޭނާ އެއް ގޮތަށް މި ކުޅުންތެރިން ވެސް ކުރިއަރަމުން އަންނަކަން މެޗުތަކުގައި މި ކުޅުންތެރިން ދައްކާ ކުޅުމުން އަންނަނީ ފެންނަމުންނެވެ. މި ސީޒަނުގައި ނިޒާމްބެ އެ ޓީމުގައި އަލަށް ބޭނުންކުރާ ކުޅުންތެރިން އަންނަނީ ތަފާތު ދައްކަމުންނެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ އެ ޓީމުގެ ގޯލަށް މިހާރު ކުޅެމުން އަންނަ އިބްރާހިމް ނަދީމް (ރިކޫ) އެވެ.
އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ޓީސީން ގެނައި ބިދޭސީ ކީޕަރު ޑިމިޓްރީ އަސްނިން އަތަށް އަނިޔާވުމުން އެ މެޗުގައި ކުޅެން އެރީ ރިކޫ އެވެ. އެ މެޗުގައި އޭނާ މޮޅު ސޭވްތަކެއް ކުރި އެވެ. އެ ކޮންފިޑެންސާ އެކު އޭނާ އަންނަނީ އެ ކުޅުން ތަކުރާރު ކުރަމުންނެވެ. އަސްނިންގެ އިތުރުން ޓީސީ ބެންޗުގައި ގައުމީ ޓީމަށް ކުރިން ކުޅުނު ކީޕަރު އިފްރާހް އަރީފް ބޭންދުމަށް ފަހު މިހާރު ވެސް ރިކޫ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަނީ އެ ކޮންފިޑެންސާ އެކު އެވެ.
ނިޒާމްބެ ބުނީ އޭނާ ރިސްކު ނަގައިގެން ކުޅުނު ނަމަވެސް އެންމެ ބޮޑު ޓާގެޓަކީ ނަތީޖާ ނެރުން ކަމަށެވެ. އޭނާގެ ވިސްނުމާ އެހެން ޓީމުތަކުގައި ތިބޭ ކޯޗުންގެ ވިސްނުމާ ތަފާތުވާ ގޮތެއް ސީދާ ބުނަން ނޭނގޭ ކަމަށާއި އެކަމަކު ބައެއް ޓީމުތަކުން އާ ކުޅުންތެރިން ގޮވައިގެން ރިސްކު ނަގަން ނުކެރެނީ އެ ކްލަބެއް ބައްޓަން ވެފައި އޮންނަ ގޮތުން ކަމަށް ބުންޏެވެ.