ޔޫވީ މި އޮތީ ހިމަ ނަރެއްގެ މަތީގައި: ނަޒީހު

އެސްޓީއޯ މާލޭ ލީގުގެ ފަހު ތިން މެޗަށް ނުކުންނައިރު ގަދަ ހަޔެއްގައި އޮވެ ލީގު ނިންމާލުމުގެ ފުރުސަތު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް އޮތީ ހަނިވެފައި ކަމަށާއި އެ ޓީމު އޮތީ "ހިމަނަރެއްގެ މަތީގައި" ކަމަށް ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.


ރޭ ޔޫވީ އަތުން މާޒިޔާ 2-0 އިން ހޯދި މޮޅާ އެކު ގަދަ ހަޔެއްގެ ފަސް ޖާގައެއް މިހާރު ވަނީ ކަށަވަރުވެފަ އެވެ. ޖާގަ ޔަގީންކުރީ ނިއު ރޭޑިއަންޓް، މާޒިޔާ، އީގަލްސް، ވިކްޓަރީ އަދި ޓީސީ އެވެ. ދެން އޮތް ހަމައެކަނި ޖާގަ އަށް މިހާރު އޮތްގޮތުން ވާދަކުރަނީ ޔޫވީ އާއި ގްރީން ސްޓްރީޓްސް އެވެ. އެއީ އެންމެ ފުލުގައި އޮތް ވެލެންސިއާ އަށް އަމިއްލަ ބާރެއް ނެތްއިރު، އޮތީ ވަރަށް ހަނި މެތަމެޓިކަލް ފުރުސަތެކެވެ.

ލީގުގެ ހަ ވަނައިގައި މި ވަގުތު ގްރީން ސްޓްރީޓްސް އޮތީ 10 މެޗުން 10 ޕޮއިންޓާ އެކު އެވެ. ޔޫވީ އަށް 11 މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް މިރޭ ކުޅޭ މެޗުގައި ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.

މި ސީޒަނަށް ނުކުތްއިރު ޔޫވީގެ މެނޭޖްމަންޓުގެ ޓާގެޓަކީ ގަދަ ހަޔެކެވެ. ނަޒީހު ވަނީ އޭނަގެ އަމިއްލަ ޓާގެޓެއްގެ ގޮތުގައި ގަދަ ހަތަރެއް ކަނޑައަޅައިފަ އެވެ.

"އަބަދު ވެސް ސެޓް ގޯލްތަކެއް ހުންނަން ޖެހޭނެ. އެންމެ ގޯލެއް ސެޓުކޮށްގެން އުޅެނިކޮށް އޭތި ގޮސްފިއްޔާ އެ ނާކާމިޔާބު މީހަކަށްވާނެ. ދެން މިހާރު ދެ ވަނަ ސްޓޭޖަކަށް މި ދަނީ. އެއީ ކޮންމެ އަކަސް (ގަދަ) ހަޔެއްގެ ތެރޭގައި ހިމެނިއްޖިއްޔާ ވަރަށް ބޮޑު ފުރުސަތެއް. އެ އަށް ދެން މަސައްކަތް ކުރާނީ،" ރޭގެ މެޗަށް ފަހުން ނަޒީހު ބުންޏެވެ.

ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު ޓީމަށް އުނދަގޫ ހާލަތެއް ކުރިމަތިވެފައި އޮތް ނަމަވެސް ހިތްވަރު އެލުވާނުލާނެ ކަމަށް ނަޒީހު ވަނީ ބުނެފަ އެވެ.

"ޖައްސަ ޖައްސައިގެން ތިން މެޗު ނެގުމަކީ ވަރަށް އުނދަގޫ ކަމެއް. ސަބަބަކީ ކާޑުތަކާ އެއްޗެހި ވެސް އައިސްގެން. މި ކަހަލަ ދަތިތަކާ އެކީ ތަންކޮޅެއް އުނދަގޫ ކަމަކަށްވާނީ. ހެވިފައި ހުއްޓަސް ވަރަށް އުނދަގޫ މި ދަނީ ރެލިގޭޝަނާ ދިމާލަށް. އިމްޕޮސިބަލް އެއް ނޫނޭ. ހަމަ ޕޮސިބަލް. ފުޓްބޯޅައިގައި ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅަށް ކޮށްގެން ނަތީޖާ ނެރެވޭނީ. އެއް ކަމެއް ދެ ކަމެއް ކޮށްގެން ނުވާނެ،" ނަޒީހު ބުންޏެވެ.

ގަދަ ހަޔެއްގެ ޔަގީންކަން ކިހާ ވަރަކަށް އޮތްތޯ ސުވާލުކުރުމުން ނަޒީހު ބުނީ އުއްމީދުގައި ހުރި ކަމަށެވެ.

"މިހާރު މީނީ ވަރަށް އުނދަގޫވެފައި. ހަމަ ހިމަނަރަކާ އެއްވަރުވެފައި އެ ދޭތެރެއިން ދެމިގަނެވިއްޖިއްޔާ އެ ދެވުނީ،" ނަޒީހު ބުންޏެވެ.

ލީގުގައި ބާކީ ޔުނައިޓެޑް ވިކްޓަރީ އަށް އޮތީ ޓީސީ، އީގަލްސް އަދި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. މިރޭ ޓީސީއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ދެން ގްރީން ސްޓްރީޓްސް ނުކުންނާނީ މާޒިޔާ، ވެލެންސިއާ އަދި އީގަލްސްއާ ދެކޮޅަށެވެ.

"ދެން ކޮންމެ ގޮތެއްވިޔަސް ގްރީން ވެސް ޕޮއިންޓް ނަގައިގެން ދެވޭނީ. އަޅުގަނޑުމެންނަށް ވެސް ތިން މެޗުން ތިން ޕޮއިންޓް ހޯދިދާނެ. ނޫނިއްޔާ ހަތަރު ޕޮއިންޓް ވެސް ހޯދިދާނެ. ހޯދޭ ވަރުގެ މެޗުތަކެއް އޮތީ. އެކަމު މުޅި މެޗުގައި ރަނގަޅު ގިނަ ކަންތައްތަކެއް ކުރެވިގެން ރަނގަޅު ނަތީޖާ ނެރެވޭނީ. އިރާދަކުރެއްވިއްޔާ ދާނެ ކަމަށް މަސައްކަތް ކުރާނީ." ނަޒީހު ބުންޏެވެ.