ރެފްރީންގެ ކަމެއް ބަލާނެ، ރަނގަޅުކުރާނެ ބަޔަކު ނެތް: ނިޒާމްބެ

ދިވެހި ފުޓްބޯޅަ ކުރިއަރުވަން ބޭނުންނަމަ ރެފްރީންގެ ކަންކަން އިސްލާހުކުރަން ޖެހޭ ކަމަށް ބުނެ ރެފްރީންނަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.


ގްރީން ސްޓްރީޓްސް އަތުން 4-3 އިން ޓީސީ ބަލިވި މެޗަށް ފަހު ނިޒާމްބެ ބުނީ މިއީ އޭނާގެ ޓީމު މި މެޗުން ބަލިވުމުން ދައްކާ ވާހަކަ ތަކެއް ނޫން ކަމަށާއި ފުޓްބޯޅަ އަށް ރަނގަޅަކަށް ދައްކަން ޖެހޭތީ ދައްކާ ވާހަކަތަކެއް ކަމަށެވެ.

"އެބަޖެހޭ ކަންނޭނގެ މީގެ ފުޓްބޯޅަ ރަނގަޅު ކުރާ ކަމަށް ވެއްޖިއްޔާ ދަނޑުމަތީގައި އެހެން ކުލައިގެ ހެދުމުގައި މި ތިބޭ މީހުންގެ (ރެފްރީންގެ) ކަންތައްތައް ވެސް ބަލާނެ ބަލަދުވެރި ފަރާތެއް ހޯދަން. މި ދެން ވަރަށް ދަށްކޮށް މިދަނީ. ކަނޑައެޅިގެން ލޯ ކުރިމައްޗަށް ފެންނަ އެއްޗެހީގައި،" ރޭގެ މެޗަށް ފަހު ނިޒާމްބެ ބުންޏެވެ.

ރެފްރީންގެ ނިންމުންތަކާ ގުޅޭގޮތުން މާލޭ ލީގުގެ މެޗުތަކަށް ފަހު އެކި ސިފަސިފައިގައި ގިނަ ކޯޗުން ކަންބޮޑުވުން ފާޅުކުރެ އެވެ. ނިޒާމްބެ ބުނީ އާންމު ގޮތެއްގައި ރެފްރީންގެ މައްސަލަތަކުގައި އެންމެ ބޮޑަށް ގޯސްވަނީ ވާހަކަ ދައްކާ މީހާ ކަމަށާއި އެ މީހަކަށް ފިޔަވަޅު އެޅުމަކީ މީގެ ހައްލެއް ނޫން ކަމަށެވެ.

"މި ތާނގައި އެއްޗެއް ބުނީމަ ބުނާ މީހާއާ ދޭތެރޭ ޑިސިޝަން ނެގުން ނޫނިއްޔާ ކަންތައް ގޯސްވެގެން އެކަން ކުރާ މީހާއާ ދޭތެރޭ ޑިސިޝަނެއް ނެގުން. އެ ގޯސްވާ ހިސާބު ރަނގަޅުކުރާ އެއްވެސް ގޮތެއް. އެ އެބަޖެހޭ ކަންނޭނގެ އެ ރަނގަޅު ކުރަން. އެ ނޫން ގޮތަކަށް މި ކަން ކުރަން އުނދަގޫވާނެ. އެއީ ވަކި ކުލައެއްގެ ވަކި ބައެއް. އެ ގަވާއިދު ދޫކޮށްލާފައި ފުޓްބޯޅައިގެ ގަވައިދަށް އަމަލުކުރަން ޖެހޭ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މިއީ ދަށްކަން އެންމެ ބޭނުންވާ ވާހަކަތަކެއް ނޫން ކަަމަށާއި އެންމެންގެ ހައްގުގައި ވާހަކަ ނުދައްކައި ހުރުމަކީ ވެސް ހައްލެއް ލިބޭނެ ކަމަކަށް ނުވާތީ ފުޓްބޯޅަ އަށް ރަނގަޅަކަށް މި ވާހަކަތަށް ދައްކަން ޖެހޭ ކަމަށެވެ.

"އެހެން ނޫނިއްޔާ މިއީ ފުޓްސަލް ޕިޗެއްގައި އައިސް މުބާރާތެއް ނިންމާލާފައި ގެޔަށްދާ އުސޫލުން މިދަނީ. އެއްވެސް ކަމެއް ބަލާނެ އެއްވެސް ކަމެއް ރަނގަޅުކުރާނެ އެއްވެސް ބަޔަކު ނެތް. މި ގޮތަކަށް މިކަމެއް ނުވާނެ މިއަށް ވުރެ ހަރުދަނާ ވާން ޖެހޭ،" ނިޒާމްބެ ބުންޏެވެ.

ރެފްރީންގެ ކަންތައްތަކުގައި މީގެ ކުރިން ވެސް މައްސަލަތަކެއް ދިމާވި ކަމަށާއި އޭރު އޮތް ރެފްރީސް ކޮމިޓީން ރަނގަޅު ހައްލެއް ހޯދި ކަމަށެވެ. އެއީ ސްކޫލު ނިމެން ކައިރިވެފައިތިބި ކުދިންތަކެއް ނެރުން ކަމަށާއި އޭގެއިން ބަދަލެއް ފެނުނު ކަމަށް ބުންޏެވެ.

ނިޒާމްބެ ބުނީ މިހާރު ތިބި ރެފްރީންނަށް ރަނގަޅު ގޮތް ބުނެދޭނެ ފަރާތެއް ހުރިތޯ އެއީ ވެސް އުފެދޭ ސުވާލެއް ކަމަށެވެ.

"މިހާރު މި ތިބީ އެއްގޮތަކަށް ހަރުލާފައި ތިބި ބައެއް. މި މީހުންނަށް ހިއެއް ނުވޭ އެއްޗެއް ބުނާނެ މީހަކު ހުރިހެނެއް. ބަލަދުވެރި ފަރާތެއް ނެތި ދޫކޮށްލާފައި ތިބި ބައެއްހެން ހީވަނީ. ހުރިހާ ގޮތަކުން ހިމާޔަތް އެބަ އޮވޭ. އޭގެ ބަދަލުގައި އެބަޖެހޭ އެ މީހުން އެ ހަދާ ގޯސްތަކަށް އެކަށީގެންވާ ޑިސިޝަން ނެގެން. އަނެއްކާ މި މީހުންނާ މެދު ޑިސިޝަން ނަގައިފިއްޔާ މީން އެކަކު ވެސް މިތަނަށް ނާދޭ. އެ ބިރު ވެސް އެބައިދޭ،" އޭނާ ބުންޏެވެ.

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން ދެ މެޗެއް ވަނީ ހުއްޓާލައިފަ އެވެ. ރެފްރީ އަކާ މެދު ފިޔަވަޅު އެޅިއިރު، ރެފްރީސް ޑިޕާޓްމަންޓަށް ވެސް ބަދަލުތަކެއް ގެނަ އެވެ.

އެކަމު މި ސީޒަނުގައި ވެސް ފަހަކަށް އައިސް ގިނަ ކޯޗުން އަންނަނީ މެޗު އިންސާފުކުރަން އަރާ ރެފްރީގެ ނިންމުންތަށް ގޯސްކަމަށް ބުނަމުންނެވެ.

ނިޒާމްބެ ބުނީ ރޭގެ މެޗުގައި ކުޅުންތެރިއަކު އަނިޔާވެގެން އަށިގަނޑު ދަނޑު މައްޗަށް އެރުވީމަ ކުޅުންތެރިޔާ ތެދުވެ ހިނގާލާފައިދާއިރު ވެސް ރެފްރީ އަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. އެކަމަކު ފުޓްބޯޅަ ގަވާއިދުގައި އެ ކުޅުންތެރިޔާ އަށް ކާޑު ދައްކަން ޖެހޭ ކަމަށް ލިޔެފައި އޮންނަ ކަމަށް ނިޒާމްބެ ބުންޏެވެ.

"މިހާ ދަށް ކޮށް ކުރަން ފެށީމަ ކަމަކު ނުދޭ. މިހަމަ ރަނގަޅު ކުރަން ރެފްރީންނަށް. ރެފްރީސް އެސޯސިއޭޝަން އަށް. ރެފްރީސް ކޮމިޓީއަށް ހަމަ އިލްތިމާސްކުރަން މި ކަން މި އަށް ވުރެން ރަނގަޅު ކޮށްގެން ޕްރިމިއާ ލީގަށް އައުމަށް،" ނިޒާމްބެ ބުންޏެވެ.

ފަހަކަށް އައިސް ރެފްރީންގެ ޝަކުވާ ޓީމުތަކުން ކުރާ އަދަދު ގިނަވާ ދުވަސްތަކުގައި އެފްއޭއެމުން ވަނީ ކައިރި ގައުމުތަކުން ރެފްރީން ގެނެސްފަ އެވެ. އެކަމަކު އެކަމަކު ވެސް މި ކަމަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

"ދުނިޔޭގެ އެއްވެސް ތަނެއްގައި ބޭރު ރެފްރީން ލައިގެނެއް ނޫން އެ ތަނެއްގެ ލޯކަލް ލީގު ކުރިއަށްގެންދަނީ. ލޯކަލް ލީގަކީ އެއީ ގައުމުގައި ތިބޭ ރެފްރީންނަށް ފުރުސަތު ދޭން އޮންނަ އެއްޗެއް. އެ މީހުން ބޭރު މެޗުތަކަށްދާން ނޫނީ އެ މީހުން ދާން ބޭނުންވާ އަނެއް ލެވެލް އަށް ދާން މަސައްކަތް ކުރަން އޮންނަ އެއްޗެއް. ލޯކަލް ލީގަށް ބޭރު ރެފްރީން ގެނެސްގެން ކުރުމަކީ ދާއިމަށް ކުރެވޭނެ ކަމެއް ނޫން. ވަރަށް ހަރަދުވެސް ދާ ކަމެއް. އަނެއް ކޮޅުން ބޭކާރުވެސް ކަމެއް،" އޭނާ ބުންޏެވެ.