މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ، ބޭނުންވަނީ އެންމެ ޕޮއިންޓެއް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.


ލީގުގެ އެއް ވަނައިގައި މި ވަގުތު ނިއު އޮތީ 11 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް 12 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 12 މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ވިކްޓަރީ އަށް ވެސް ވަނީ 11 މެޗުން 19 ޕޮއިންޓް ލިބިފަ އެވެ.

މިރޭ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން ނިއު އަށް ޕޮއިންޓެއް ލިބުނަސް އެ ޓީމަށް ލީގު ކަށަވަރުވަނީ ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ އަދި ހަަތަރު ވަނައިގައި އޮތް ވިކްޓަރީ ދެން ކުޅޭ މެޗުތަކުން މޮޅުވިނަމަވެސް ނިއުއާ ހަމަނުކުރެވޭނެތީ އެވެ. އަނެއްކޮޅުން މިރޭ ނިއު އަށް ޕޮއިންޓެއް ނުލިބުނަސް، މާދަމާރޭ އީގަލްސް އަތުން ވިކްޓަރީ މޮޅުނުވެއްޖެ ނަމަ ނިއު އަށް ލީގު ކަށަވަރުވާނެ އެވެ.

މިިދިޔަ އަހަރު މާޒިޔާއިން މާލޭ ލީގު ކާމިޔާބުކުރީ ފައިދާ ލަނޑުންނެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަދި ތިން ވަނައިގައި އޮތް ނިއު އަށް ލިބުނީ 27 ޕޮއިންޓެވެ. މާޒިޔާ އަތުގައި ފައިދާ 10 ގޯލް އޮތްއިރު ގްރީން ސްޓްރީޓްސްގެ އޮތީ ނުވަ ލަނޑެވެ. އަދި ނިއުގެ އޮތީ ހަތް ލަނޑެވެ.

ނިއުގެ ކޯޗުކަމާ މިހާރުގެ ކޯޗު އޮސްކާ ބްރުޒޮން ހަވާލުވީ މިދިޔަ އަހަރުގެ މާލޭ ލީގުގެ ދެ ވަނަ ބުރުންނެވެ. ނިއު ގޮވައިގެން މިދިޔަ ސީޒަނުގައި އޭނާ އަށް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި މުބާރާތަކީ މާލޭ ލީގެވެ. މި ސީޒަނުގައި އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އޮސްކާ ވަނީ މި ފަހަރުގެ މާލޭ ލީގުން ހޯދުން ވަރަށް މުހިއްމު ކަމެއް ކަމަށް ބުނެފަ އެވެ. އެއީ މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ނުކުރެވި އޮތުމުންނެވެ.

އަދި މި ސީޒަނުގައި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފަހު ވަގުތު ކެޓުމުން ނިއު އިން އަމާޒުހިފާފައިވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަށެވެ.

ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ނިއު މޮޅުވީ 2-0 އިންނެވެ. ވެލެންސިއާ މި ވަގުތު ލީގުގެ އެންމެ ފުލުގައި އޮތީ އެއް ޕޮއިންޓާ އެކު އެވެ. މި ސީޒަނުގައި އެ ޓީމަށް އަދި މޮޅެއް ނުލިބެ އެވެ. ފުރަތަމަ ޑިވިޝަންގެ ޖާގަ ދަމަހައްޓަން ވެލެންސިއާ އަށް ވަނީ މާލޭ ލީގު ކޮލިފިކޭޝަންގައި ކުޅެން ޖެހިފަ އެވެ.

އެންމެ ފަހުން ނިއު ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހުރީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެެވެ. އީގަލްސްއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަލީ ފާސިރު (ސެންޓޭ) ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

ނިއު އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ.