ރަން މެޑަލްގެ އުއްމީދަށް އިތުރު ހިތްވަރެއް

ފަހަކަށް އައިސް އިންޑިވިޖުއަލް ކުޅިވަރުތަކަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް ޓީމަކީ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމެވެ. ސަރަހައްދީ މުބާރާތްތަކުގައި އެ ޓީމުން އަންނަނީ މެޑަލް ވެސް ހޯދަމުންނެވެ. އެކަމަކު އަދިވެސް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ކަނޑައެޅި ބޮޑު ޓާގެޓް ކަމަށްވާ ރަން މެޑެއްޔެއްގެ ހުވަފެން ކުރިއަށް އޮތީ އެވެ.


ޕްލޭނަކާ އެކު ބީއޭއެމުން އެންމެ ފުރަތަމަ ރަން މެޑެއްޔަކަށް ޓާގެޓް ކުރީ 2015 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގަ އެވެ. އެ ފަހަރު އެކަން ހާސިލްނުވި ނަމަވެސް ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަންހެން ޓީމުން ލޯ މެޑެއްޔެއް ހޯދި އެވެ. އެކަމުން ފިލާވަޅު ހޯދައި އޭގެ އެއް އަަހަރު ފަހުން ބީއޭއެމުން ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެ އަށް ރަން މެޑެއްޔެއް ގެންނަން ދުރު ރާސްތާ ޕްލޭނަކާ އެކު މަސައްކަތް ފަށައިފަ އެވެ.

މިދިޔަ ދެ އަހަރަށް ބަލާއިރު ބެޑްމިންޓަނުން އަންނަނީ ގިނަ މެޑަލް ތަކެއް ހޯދަމުންނެވެ. އިންޑިއާގައި ކުރިއަށްދިޔަ 21 އަހަރުން ދަށުގެ ސައުތު އޭޝިއަން ބެޑްމިންޓަން މުބާރާތާއި ޔޫގެންޑާގައި އޮތް މުބާރާތާއި މޮރިޝަސް މުބާރާތުގަ އެވެ. އަދި އޭގެ އިތުރުން ވެސް ގިނަ މުބާރާތްތަކުގައި ކުޅެ ބެޑްމިންޓަނުން ވަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ދާދި ފަހުން ނިމުނު މޮރިޝަސް މުބާރާތުގައި ލިބުނު ކާމިޔާބެވެ. އެ މުބާރާތުގައި ރާއްޖެ އިން ދެ ރިހި މެޑަލް ހޯދި އެވެ. އެއީ އަންހެން ޑަބަލްސް އިވެންޓުން ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ އާއި މިކްސް ޑަބަލްސްގައި މުހައްމަދު ސާރިމް އާއި އައިމިނަތު ޝަހުރުނާޒްގެ ޕެއާ އިންނެވެ. އަދި އޭގެ އިތުރުން ފިރިހެން ޑަބަލްސް ބައިން މުހައްމަދު އަޖުފާން އާއި އަހުމަދު ތޯއިފްގެ ޕެއާ އަދި މިކްސް ޑަބަލްސް ބައިން ތޯއިފް އާއި ނަބީހާގެ ޕެއާ ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ.

މޮރިޝަސް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ބެޑްމިންޓަން ޓީމުގައި ހިމެނުނު ހުރިހާ ކުޅުންތެރިން ވެސް ވަނީ އެކި އިވެންޓުތަކުގައި ކުއާޓާ ފައިނަލްގައި ކުޅެފަ އެވެ. މިއީ ބީއޭއެމް އަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ. އަދި މި މުބާރާތުގައި ދެ ރިހި މެޑަލް ލިބުނުއިރު މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) މުބާރާތެއްގައި ރާއްޖެ އަށް ރިހި މެޑަލެއް ލިބުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ބެޑްމިންޓަނުން މި ވަގުތު އެންމެ ވިދަމުން އަންނަ ދެ ކުޅުންތެރިންނަކީ ދެބެން ކަމަށްވާ ނަބާހާ އާއި ނަބީހާ އެވެ. މި ދެ ކުުޅުންތެރިން ވަނީ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތާއި މި ފަހަރުގެ މޮރިޝަސް މުބާރާތުގައި އަންހެން ޑަބަލްސް ބައިން ރާއްޖެ އަށް ރިހި މެޑަލް ގެނެސްދީފަ އެވެ. މިއީ ބެޑްމިންޓަނުން ރާއްޖެ އަށް ލިބިފައިވާ ހާއްސަ ދެ ކާމިޔާބީ އެވެ.

މިހާރު އެވޯޑްސްގެ މިދިޔަ އަހަރުގެ އިންޑިވިޖުއަލް ބައިން އަންހެން އެންމެ އުއްމީދީ ކުޅުންތެރިއާގެ މަގާމު ހޯދި ނަބީހާ "މިހާރަ"ށް ބުނީ މި ކާމިޔާބީން މުޅި ޓީމަށް ހިތްވަރު ލިބިފައިވާ ކަމަށެވެ.

"ނަބާ އާއި ނަބީ އެއް ނޫން. ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ހިތްވަރު ލިބިއްޖެ. އެއީ އިންޑިވިޖުއަލީ ވެސް ދެން ޓީމެއްގެ ގޮތުގައި ވެސް ހުރިހާ ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައި. އައިއޯއައިޖީ ގައި ރާއްޖެ އަށް ރަން މެޑެއްޔެއް ގެންނަން ކުރާ މަސައްކަތަށް މި ލިބުނީ ހިތްވަރެއް،" ނަބީހާ ބުންޏެވެ.

އޭނާ ބުނީ އެސޯސިއޭޝަނުން އަންނަނީ ކުޅުންތެރިންނާ ގުޅިގެން ރަނގަޅު ޕްލޭނަކާ އެކު މަސައްކަތް ކުރަމުން ކަމަށާއި މިއީ ކުޅުންތެރިންނަށް ބޮޑެތި ފައިދާތަކެއް ކުރާ ކަމެއް ކަމަށެވެ.

"އެސޯސިއޭޝަނުން އަންނަނީ ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުން. ހަގީގަތުގައި ރަން މެޑެއްޔެއް ހޯދުމުގައި ހުރިހާ އެންމެންގެ އެއްބާރުލުމާ އެކު ގޮސްގެން ކާމިޔާބު ހޯދޭނެ. ކާމިޔާބު ލިބޭނީ އެކަން ހާސިލްކުރަން އުއްމީދު ކޮށްގެން ކުރާ މަސައްކަތުން" ނަބީހާ ބުންޏެވެ.

މި ފަހަރު ރާއްޖޭގެ ޓީމުގައި ހިމެނުނު ކުޅުންތެރިން ޖުމްލަކޮށް ދެއްކި ކުޅުން ރަނގަޅެވެ. ދުވަސްތަކަކަށް ފަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރި ސާރިމް އާއި ތޯއިފް ވަނީ މެޑަލް ހާސިލްކޮށްފަ އެވެ. އަދި މުހައްމަދު އަޖުފާން ވެސް ވަނީ ކުރީގެ ފޯމަށް އެޅުމަށް ކުރާ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އޭނާ ވަނީ ފިރިހެން ޑަބަލްސް ބައިން ލޯ މެޑަލް ހޯދައިފަ އެވެ.

މިކްސް ޑަބަލްސް ބައިން ޝަހުރުނާޒް ވަނީ ސާރިމްއާ އެއް ޕެއާއެއްގައި ކުޅެ ރިހި މެޑަލް ގެނައިއިރު، މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މި މުބާރާތުގައި އަންހެން ސިންގަލްސް ބައިން އޭނާ ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. މިއީ އިންޑިވިޖުއަލް ބައިގެ މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އެންމެ ރަނގަޅު ނަތީޖާ އެވެ.

ޒުވާން ކުޅުންތެރިއާ ނިބާލް އަހުމަދު ވަނީ މި މުބާރާތުގައި ވެސް އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ. ބައިނަލްއަގްވާމީ އެކި މުބާރާތްތަކުން ލިބޭ ތަޖުރިބާގެ އަލީގައި އޭނާގެ ކުޅުން އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ފިރިހެން ސިންގަލްސް ބައިން ދެ ވަނަ ބުރުގައި ކުޅުނީ ނިބާލް އެވެ. އަދި ފިރިހެން ޑަބަލްސް ބައިން ނިބާލް އާއި ސާރިމްގެ ޕެއާ ކުއާޓާ ފައިނަލްގައި ކުޅުނެވެ.

ބެޑްމިންޓަން ޓީމުން ހޯދި ކާމިޔާބީއާ އެކު ޓީމު އެނބުރި ރާއްޖެ އައުމުން ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުންތެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ބެޑްމިންޓަން އާއިލާގެ ގިނަ ބަޔަކު ބައިވެރިވިއިރު، ސްޕޯޓްސް ކޮމިޝަނަރު އަލީ އުމަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.