ސައްތައިން ސައްތަ ރެކޯޑަކާ އެކު ވެެލެންސިއާ އިން ވެޓެރަންސް ކަޕް ކާމިޔާބުކޮށްފި

ތަށި މިލްކުކުރަން ނުކުތް ނިއު ރޭޑިއަންޓް 4-0 ބަލިކޮށް ސައްތައިން ސައްތަ ރެކޯޑަކާ އެކު ކްލަބް ވެލެންސިއާ އިން ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.


މަޝްހޫރު ގިނަ ކުޅުންތެރިންތަކަކާ އެކު އޮތް ވެލެންސިއާ ޓީމުން ވަނީ، ކުރީގެ ކުޅުންތެރިންނަށް ހާއްސަ މި މުބާރާތުގައި މި ފަހަރު ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. މިއީ ވެލެންސިއާ އިން މި މުބާރާތް ކާމިޔާބު ކުރި ފަސް ވަނަ ފަހަރެވެ. އެ ޓީމަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާ އަށް ލީޑުނަގައިިދިނީ ސޮބާހު މުހައްމަދު ސޮބާހު މުހައްމަދު (ސޮބާ) އެވެ. ނިއު ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ސޮބާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ނިއުގެ ކެޕްޓަން އަލީ ޝަމީމް (އައްޔަ) އަށް ނަތީޖާ ހަމަހަމަ ކޮށްލަން ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު އަސްލަމް އަބްދުއްރަހީމް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ކައުންޓަ އެޓޭކުގައި ލިބުނު ދެ ފުރުސަތުން ވެލެންސިއާ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މި ދެ ލަނޑު ކާމިޔާބުކުރީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ދެ ފަޅިން ކުޅުނު އިސްމާއިލް މުހައްމަދު (އިއްސެ) އާއި މުހުތާރް ނަސީރު (ޓޫކިލޯ) އެވެ.

އޭގެ ފަހުން ނިއުގެ މުހައްމަދު ޒިޔާދު ފޮނުވާލި ބޯޅައެއް ވެސް ކީޕަރު އަސްލަމް މަތަކުރި އެވެ. އިތުރު ވަގުތުގައި ވެލެންސިއާގެ ފަހު ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ޓޫކިލޯ އެވެ. މުބާރާތުގެ 35 އަހަރާއި 39 އަހަރާ ދެމެދުގެ މޮޅު ކުޅުންތެރިއަކީ ވެސް ޓޫކިލޯ އެވެ. ފައިނަލް މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކީ ވެލެންސިއާގެ އަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ) އެވެ.

މުބާރާތުގެ ސްޓާ ޕްލޭޔަރަކަށް ހޮވިފައިވަނީ ވެލެންސިއާގެ އަބްދުލް ރައްޒާގް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމާއި އެންމެ މޮޅު ފޯވާޑްގެ މަގާމު ވެސް ހޯދި ނިއުގެ އައްޔަ އެވެ. މޮޅު ކުޅުންތެރިއާ ހޮވާފައިވަނީ 40 އަހަރުން މަތީގެ ކުޅުންތެރިންގެ ތެރެއިންނެވެ.

އެންމެ މޮޅު ކޯޗަކީ ނިއުގެ ކޯޗު އަހުމަދު ނިޔާޒް އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ވެލެންސިއާ ހޮވުނުއިރު، ފެއާ ޕްލޭ ކުޅުންތެރިއަކީ އެ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. މުބާރާތުގެ 40 އަހަރުން މަތީގެ އެންމެ މޮޅު ގޯލްކީޕަރަކީ މާޒިޔާގެ މުހައްމަދު ޝިނާން (ނާނީ) އެވެ.

މުބާރާތުގެ 40 އަހަރުން މަތީގެ އެންމެ މޮޅު ޑިފެންޑަރަކީ ވެލެންސިއާ މުހައްމަދު ޖަމީލް (ޖަމްބެ) އެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ނިއުގެ ޒިޔާދު އެވެ.

ތިރީސް ފަސް އަހަރުން މަތީގެ ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިޔަށްދާ މި މުބާރާތް ކުރިން އެފްއޭއެމުން ބޭއްވި ނަމަވެސް ފަހަކަށް އައިސް މި މުބާރާތް އިންތިޒާމްކުރީ އެކި އަމިއްލަ ކްލަބްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފާއިތުވި އަހަރުތަކުގައި ބާއްވާފައިވަނީ މި ފަހަރުގެ މުބާރާތް ވެސް އިންތިޒާމްކުރި މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ.