ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކުޅުނު މެޗުން ގްރީން ސްޓްރީޓްސްގެ މައްޗަށް 3-0 އިން ކުރި ހޯދައި އީގަލްސް ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.


އީގަލްސް ލީގުގެ ދެ ވަނަ އަށް އެރީ 14 މެޗުން 25 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނައިގައި އޮތް މާޒިޔާ މާދަމާރޭ ކުޅޭނީ ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. މާޒިޔާ އަށް މި ވަގުތު 13 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ނިއު އަތުން ޕޮއިންޓަކާ އެކު ލީގުގެ ދެ ވަނަ އަށް އަލުން އެރޭނެ އެވެ.

ލީގުގެ ގަދަ ހަޔެއްގެ ޖާގަ ދެ ޓީމަށް ވެސް ކަށަވަރުވެފައިވާއިރު، މި މެޗަށް ނުކުތްއިރު ވެސް އޮތީ ޓާގެޓް ހާސިލްވެފަ އެވެ. މި މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި އީގަލްސް އަށް ލީޑުނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން ލުއިޒް އެޑުއާޑޯ އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ގްރީން ސްޓްރީޓްސްގެ ރަސެލް ބިލާލް އަށް މެޗުގެ 32 ވަނަ މިނިޓްގައި ލިބުނު ރަނުގެ ފުރުސަތު އޭނާ އަތުންވީ ބޭކާރެވެ. ލިބުނު ޕެނަލްޓީ އަކުން ރަސެލް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ އަބްދުﷲ މިސްބާހަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައި ހުރަސް ދަނޑިމަތިންނެވެ.

ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓް ތެރޭގައި އީގަލްސް އިން ލީޑުފުޅާކުރި އެވެ. މި ލަނޑަކީ މިރޭގެ މެޗުގައި ގްރީން ސްޓްރީޓްސްގެ ގޯލު ބެލެހެއްޓި މުހައްމަދު ޖަޒްލާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ގްރީން ސްޓްރީޓްސްގެ ޑިފެންޑަރެއް ފަހަތަށް ޖައްސާލި ބޯޅަ ކުރިއަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ޖަޒްލާން ފައިގައި ޖެހިފައިވަނީ ބައިކޮޅަށެވެ.

މެޗުގެ 58 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އޭރިއާ ތެރެއިން ޖެހި ބޯޅަ އީގަލްސްގެ ގޯލްކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

އީގަލްސްގެ ތިން ވަނަ ލަނޑު ޖެހީ ވެސް ލުއިޒް އެޑުއާޑޯ އެވެ. މެޗުގެ 74 ވަނަ މިނިޓްގައި އޭނާ މި ލަނޑު ޖެހީ ވެސް ލިބުނު ޕެނަލްޓީ އަކުންނެވެ.

މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މި މެޗަށް ނުކުތްއިރު ވެސް އެ ޓީމަށް މި މުބާރާތުން ހާސިލްކުރެވޭނެ އެއްޗެއް ނެތް ކަމަށެވެ. އަދި މި މުބާރާތަކީ ހަމައެކަނި ކޮލިފިކޭޝަނެއްގެ ގޮތުގައި ދާ މުބާރާތެއް ކަމަށް ބުންޏެވެ.

"ކާކު ބާއްވާ އެއްޗެއްތޯ މާލޭ ލީގަކީ ނޫނީ ކީއްކުރަން ބާއްވާ އެއްޗެއްތޯ ވެސް ބަލާލަންވެއްޖެ. އެއީ 15 ނޫނީ 20 މެޗެއް އެ ދިޔައީ އެއްވެސް ފޯރިއެއްނެތި. ހަ މަސް ދުވަހުގައި ބޯޅަ ކުޅުނުއިރުގައި އެބަ ބަލަންޖެހޭ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ކްލަބަށް ލިބުނީ ކޮން އެއްޗެއްތޯ. މިހަމަ ވިސްނާލަން ޖެހޭ އެއްޗެއް މީގެ އިން ފުޓްބޯޅަ އަށް ލިބުނީ ފައިދާތޯ ނޫނީ ގެއްލުންތޯ. މިއީ ވިސްނާލަން ޖެހޭ ކަންތައް،" ކުރިން ވިކްޓަރީ އާއި މާޒިޔާ އަށް ކޯޗުކޮށްދިން ސުޒޭން ބުންޏެވެ.

އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނީ މި މެޗުން ލިބުނު މޮޅާ އެކު އެ ޓީމަށް މަދުވެގެން ލީގުގެ ތިން ވަނަ ޔަގީނުން ވެސް ލިބޭނެ ކަމަށާއި މާދަމާރޭ ނަތީޖާ ނުކުންނަ ގޮތަކުން ވެސް ދެ ވަނަ ލިބުމުގެ ވެސް ފުރުސަތު އެބައޮތް ކަމަށެވެ. އަދި ލީގުގެ ދެ ވަނަ ލިބިއްޖެނަމަ އެއީ އީގަލްސް އަށް އެ ހިސާބުގައި ލީގު ނިންމާލެވޭނެ ފުރަތަމަ ފަހަރު ކަމަށްވާތީ އެއީ ލިބޭނެ ކާމިޔާބެއް ކަމަށް ބުންޏެވެ.