ދަގަނޑޭ ބޭނުންވާކަމުގެ އިޝާރާތެއް ޓީސީން ދީފި

ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގެންނަން ކޮންމެ ޓީމަކުން ވެސް ބޭނުންވާނެ ކަމަށް ބުނެ އޭނާ ހޯދަން މަސައްކަތްކުރާނެ ކަމުގެ އިޝާރާތެއް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ދީފި އެވެ.


ކޮންޓްރެކްޓްގައިވާ ގޮތަށް މުސާރަ ނުދޭތީ ނިއުއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދަގަނޑޭ ވަނީ އެފްއޭއެމް އަށް ހުށަހަޅައިފަ އެވެ. އެކަމަކު އެސްޓީއޯ މާލޭ ލީގުގައި މާޒިޔާގެ މައްޗަށް ކުރި ހޯދައި ނިއު އިން ލީގުގެ އައްޑަނަ އުފުލާލި މެޗުގައި ދަގަނޑޭ ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ރޭ ކުޅެފަ އެވެ.

އިއްޔެ ހަވީރު ވިކްޓަރީއާ އިއްޔެ އެއްވަރުވި މެޗަށް ފަހު ނިޒާމްބެ ބުނީ ދަގަނޑޭ ލިބެން އޮތުމަކީ އެހެން ކްލަބްތަކަށް އުފާވެރި ހަބަރެއް ކަމަށެވެ.

"އަލްހަމްދުﷲ. ތިއީ އެހެން ކްލަބްތަކަށް ވަރަށް އުފާވެރި ހަބަރެއް. ނިއު ރޭޑިއަންޓުން އޭނަ ދޫކޮށްލާ ކަމަށް ވެއްޖިއްޔާ ކޮންމެސް ކްލަބަކުން އޭނާ ނަގާނެ. އެއީ ޔަގީން ކަމެއް،" އޭނާ ބުންޏެވެ.

ޓީސީން ދަގަނޑޭ ހޯދަން މަސައްކަތް ކުރޭތޯ ނޫސްވެރިން ސުވާލުކުރުމުން ނިޒާމްބެ ބުނީ އެކަން ނިންމާނީ ޓީސީ މެނޭޖްމަންޓުން ކަމަށެވެ.

"ޓީސީ މެނޭޖްމަންޓުން އެ ސްޓްރެންތު ހުރިއްޔާ ކޯޗެއްގެ ހައިސިއްޔަތުން އުފަލެއް. ސަތޭކަ ޕަސެންޓް 12 ނޫނީ 14 ވަރަކަށް ގޯލް ލީގުގައި (ޖަހާނެ). ކޮންމެ މީހަކު ވެސް ޓީމެއްގައި ހުންނަ ސްޓާ ޕްލޭޔަރަކު ލިބެންޏާ ބޭނުންވާނެ. އެކަމަކު ބޭނުމެއް ނޫން ކްލަބްގެ އެ ސްޓްރެންތު ނެތި ތިމަންނަމެން ދަގަނޑޭ ގެނައިމޭ ބުނާކަން ގެންނާކަށެއް،" ނިޒާމްބެ ބުންޏެވެ.

ދަގަނޑޭ (ވ)އާ އެކު ނިޒާމްބެ ދާދި ފަހުން ނަގާފައިވާ ފޮޓޯއެއް.

ޓީސީ އަށް ދަގަނޑޭ ބަދަލުވާން އުޅޭކަމަށް ބޮޑަށް އަޑު ފެތުރުނީ ނިޒާމްބެ އާއި ދަގަނޑޭ އެކުގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމާ ގުޅިގެންނެވެ. މީގެ ކުރިން ނިޒާމްބެ ވަނީ އެ ފޮޓޯއާ ގުޅޭގޮތުން ވެސް އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދީފަ އެވެ.

"ހަގީގަތަކަށްވާނީ ކަން ނީންމީމަ. އޭގެ ކުރިން އެއީ ހުސް ވާހަކަ. އަޝްފާގަކީ އެއްކޮށް ކުޅެފައި. ހުރިހާ ގޮތަކުން ވެސް ރައްޓެއްސެއް. ހުރިހާ ކުޅުންތެރިން ވެސް އެހެން ވަރަށް ގާތް. ދެން އެގޮތަށް ނަގާލި ފޮޓޯ އެއް އެއީ،" ނިޒާމްބެ ކުރިން ބުނެފައިވެ އެވެ.

ރާއްޖޭގެ ޓްރާންސްފާ މާކެޓް ހުޅުވިފައިވާއިރު، މުއްދަތު ހަމަވާނީ އަންނަ ހުކުރު ދުވަހު އެވެ.