ބަނޑޮސް ފައިނަލަށް، ގްރޭންޑްޕާކް ތިން ވަނަ ސެމީ އަށް

އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަނޑޮސް މޯލްޑިވްސް ޖާގަ ހޯދިއިރު، ތިން ވަނަ ސެމީގައި ސޮނޭވާފުއްޓާއި ގްރޭންޑްޕާކް ކޮއްދިއްޕަރު ވާދަކުރަން ޖެހިއްޖެ އެވެ.


ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ބަނޑޮހުން މުބާރާތުގެ ފައިނަލުގެ ޖާގަ ހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ސޮނޭވާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ބަނޑޮހުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 3-1 ސެޓުންނެވެ، ފުރަތަމަ ސެޓު ބަނޑޮހުން 25-21 އިން ގެންގޮސްފައިވަނިކޮށް ސޮނޭވާ އިން މެޗުގެ އުއްމީދުއާ ކުރީ ދެ ވަނަ ސެޓު 23-25 އިން ކާމިޔާބުކޮށްގެންނެވެ. ބަނޑޮސް މޮޅުވީ ދެން ކުޅުނު ދެ ސެޓު ކާމިޔާބު ކޮށްގެންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-23، 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބަނޑޮހުގެ ހުސެން ސައީދު އެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ މެޗުން ޑަބްލިއު މޯލްޑިވްސްގައި އެ ޓީމުގެ މައްޗަށް ގްރޭންޑް ޕާކުން ވަނީ ކުރި ހޯދައިފަ އެވެ. މުހައްމަދު ޝަރަފްގެ ކޯޗުކަމުގައި ކުޅޭ ގްރޭންޑްޕާކް މޮޅުވީ ސީދާ ތިން ސެޓުންނެވެ. 25-22، 25-13 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ގްރޭންޑްޕާކުގެ އަޝްފާގު އާދަމް (އައްކަޅޭ) އެވެ.

ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ސޮނޭވާގައި އެ ޓީމާއި ގްރޭންޑްޕާކާ ދެމެދު މާދަމާ ކުޅޭ ތިން ވަނަ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލު މެޗު ކުޅޭނެ ތަނެއް ކަނޑައެޅޭނީ މާދަމާ ކުޅޭ ތިން ވަނަ ސެމީ އަށް ފަހު ކަމަށެވެ. މާދަމާ ކުޅޭ ތިން ވަނަ ސެމީން ގްރޭންޑްޕާކް މޮޅުވެއްޖެނަމަ ފައިނަލް އޮންނާނީ ބަނޑޮހުގަ އެވެ. އެކަމު މާދަމާގެ މެޗުން ސޮނޭވާ މޮޅުވެއްޖެނަމަ ފައިނަލް ކުޅޭނެ ތަނެއް ކަނޑައަޅަން ޖެހޭނީ ބަނޑޮހާއި ސޮނޭވާއާ ދެމެދު ގުރުނަގާށެވެ.

އެންމެ ފަހުގެ ޒޯން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އަނަންތަރާ ކިހާވަށް ވިލާސް މި ފަހަރުގެ މުބާރާތުގައި ނުކުޅެ އެވެ. އަނަންތަރާ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ސޮނޭވާ ބަލިކުރުމަށް ފަހު އެވެ.