ދިއްފުއްޓަށް ފައިދާތަކެއް، ފެތުންތެރިންނަށް ތަޖުރިބާއެއް

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މާލޭ ފިޓްނަސް ކްލަބުން ތަފާތު ގޮތަކަށް ރާވައިގެން ފެތުމުގެ ބޮޑު ދެ ހަރަކާތް ކ. ދިއްފުށީގައި ކުރިއަށް ގެންދިއުމަށް ރޭވީ ތަފާތު މާހައުލެއްގައި ފެތުންތެރިންނަށް އާ ތަޖުރިބާތަކެއް ހޯދައިދިނުމަށެވެ. މޯލްޑިވްސް ގޭސް އިން ސްޕޮންސަކޮށްގެން ކުރިއަށްގެންދާ ގައުމީ ދިގު ފެތުމުގެ މުބާރާތާއި ގައުމީ އެކުއަތެލޯން މުބާރާތް މިހާރު ވަނީ ފަށައިފަ އެވެ.


ދިގު ފެތުމުގެ 13 ވަނަ ގައުމީ މުބާރާތް ޝައުގުވެރި ބަދަލުތަކަކާ އެކު މިއަދު ކުރިއަށްދިޔައިރު، މި މުބާރާތުގައި އެކި އުމުރުފުރާތަކުގެ 90 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ. މިއީ ފަހަކަށް އައިސް މި މުބާރާތުގައި އެންމެ ގިނަ ފަރާތްތަކުން ބައިވެރިވި ފަހަރެވެ. އަދި މި މުބާރާތް ކުރިއަށްދާ ގޮތުން ގިނަ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވުމަކީ ގިނަ ފެތުންތެރިންނަށް ލިބުނު އުފާވެރިކަމެކެވެ. ވިއްސާރަ ތެރޭގައި ބައެއް އިވެންޓުތައް ކުރިއަށްދިޔައިރު ވެސް ފެތުންތެރިންގެ ފަރާތުން ފެނުނީ އެކުވެރި ރޫހެއްގައި އިވެންޓުތަކުގައި ފޯރިނެގި މަންޒަރުތަކެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގައި ފެތުންތެރިން ކުރިއަރުވަން މަސައްކަތްކުރާ ދެ ކްލަބަކަށް ނިސްބަތްވާ ގިނަ ކުދިންތަކެއް މި މުބާރާތުގައި ވާދަކުރި އެވެ. އެއީ ނިއު ލެގޫންސް ސްވިމިން ކްލަބާއި މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން އެވެ. އެ ދެ ފަރާތުން ވެސް ވަނީ މި ފަހަރުގެ މުބާރާތް ކުރިއަށްދާ ގޮތުގައި ހުރި ގިނަ ރަނގަޅު ކަންތައްތަކެއް ފާހަގަކޮށްފަ އެވެ.

މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން ބުނީ މި މުބާރާތް ކުރިއަށްގެންދާ ގޮތުން ގިނަ ކުދިންނަށް އެއް ފަހަރާ އައިސް އެކުގައި އުޅެލައި މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށާއި މިއީ ޓީމެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއް ކަަމަށެވެ.

މިއަދު ކުރިއަށްދިޔަ ދިގު ފެތުމުގެ ހަރަކާތުގެ ތެރެއިން ފެތުންތެރިންނަށް ހިތްވަރުދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ހަގީގަތުގައި މާލޭގައި އަޅުގަނޑުމެން ޓްރެކުގައި ޕްރެކްޓިސްކޮށްލާފައި ހުރިހާ ކުދިން އެ ކުއްޖެއްގެ ގެ އަށް މި ދަނީ. އެކަމަކު މި ތަނަށް އައިސް މުބާރާތެއްގައި ވާދަކޮށްލާ މާހައުލެއްގައި އުޅޭއިރު ހުރިހާ ކުދިން އެކުގައި މި ތިބެނީ. މިއީ ޓީމެއްގެ ގޮތުގައި ކުރިއަރަން ލިބޭ ފުރުސަތެއް. އަޅުގަނޑުމެން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން މި މުބާރާތަށް ހަތް އަހަރާއި 37 އަހަރާ ދެމެދުގެ ފެތުންތެރިން މި މުބާރާތުގައި ވާދަކުރޭ. ހަގީގަތުގައި މި އެންމެން އެއްތަނެއްގައި މި ކަހަލަ މާހައުލެއްގައި ދިމާވެލުން ވެސް މިއީ ވަރަށް ރަނގަޅަށް ދިޔަ ކަމެއް،" ލައިފްގާޑް އެސޯސިއޭޝަނުން ބުންޏެވެ.

ނިއު ލެގޫންސްގެ ފަރާތުން ބުނީ ވޯޓާ ސްޕޯޓްސް އިން ރާއްޖެ އަށް ވަރަށް ގިނަ ކުރިއެރުން ހޯދިދާނެ ކަމަށާއި އެއީ ގުދުރަތީ ގޮތުން ރާއްޖެ އޮންނަ ގޮތުން ކަމަށެވެ. އަނެއްކޮޅުން ބަލާއިރު އެންމެ ފެންވަރު ރަނގަޅު ވަސީލަތްތަކެއް ލިބިފައި ނެތް ނަމަވެސް ސްވިމިން ކުރިއަރުވަން ގިނަ ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަކުރާ ކަމަށް ބުންޏެވެ.

"ރާއްޖޭގައި ނެތް ފެތުންތެރިންނަށް އެންމެ ފުރިހަމަ ވަސީލަތްތަކެއް. އެކަމަކު ރާއްޖެ އުފެދިފައި އޮތް ގޮތުން ފެތުން ކުރިއެރުވޭނެ ބައިވަރު ގޮތްތަކެއް އެބަހުރި. މި ފަހަރު މި ދިގުފެތުން މި ރަށުގައި ބޭއްވުމަކީ ވެސް އެސޯސިއޭޝަނުން ރަނގަޅަށް ނިންމި ނިންމުމެއް. އެކަމަކު މި ފަތަން ޖެހޭ ސަރަހައްދުގެ ގޮތުން އޮއެވަރުގައި ޖެހިފައި ފެތުންތެރިންނަށް އުނދަގޫތަކެއް ހުންނާނެ. އަނެއްކާ މޫސުމް ވެސް ރަނގަޅެއް ނޫން. އެ ކަންތައް އެހެން ހުރި ކަމުގައި ވިޔަސް ޖުމްލަކޮށް ބަލާއިރު މި މުބާރާތް ވަރަށް މިހެން ބޭއްވުމަކީ ފެެތުންތެރިންނަށް ތަޖުރިބާތަކެއް ލިބޭނެ ކަމެއް،" ނިއު ލެގޫންސް އިން ބުންޏެވެ.

މި މުބާރާތް ބޭއްވުމުގެ ކަންތައްތައް އިންތިޒާމްކުރަން ސްވިމިން އެސޯސިއޭޝަނަށް އެންމެ ބޮޑު އެއްބާރުލުމެއް ދިއްފުށިން ފޯރުކޮށްދެމުން އަންނަނީ އެ ރަށުގެ ކައުންސިލް އިދާރާ އިންނެވެ. ކައުންސިލް އިދާރާ އިން ވަނީ ރަށު ތެރެ ސާފުކުރުމުގެ ކަންތައްތަކެއް ވެސް ކުރިއަށް ގެންގޮސްފައި ރަށަށް އަންނަ މެހެމާނުންނަށް ފަސޭހަަ ކޮށްދިނުމަށް ގިނަ ކަންތައްތަކެއް ކޮށްދީފަ އެވެ.

ދިއްފުށީގައި ކުރިއަށްދާ ފެތުމުގެ ދެ ހަރަކާތުގައި ވާދަކުރަން 214 ބައިވެރިން ނަން ނޯޓުކުރި އެވެ. އެއާ އެކު އެ ބައިވެރިން ނިސްބަތްްވާ އާއިލާގެ ގިނަ ބަޔަކު މި ރަށަށް އަ އެވެ. މި ރަށުގެ ގިނަ ގެސްޓް ހައުސްތައް ފުލްވެފައިވާއިރު، ގިނަ ބައިވެރިންވަނީ ގެ ތަކުން ވެސް ކޮޓަރި ކުއްޔަށް ހިފައިފަ އެވެ. މިއީ މި ރަށުގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ.

ދިގު ފެތުމުގެ މުބާރާތުގައި ވާދަކުރި ބައެއް ފެތުންތެރިން އިވެންޓު ފެށުމުގެ ކުރިން ތައްޔާރުވެގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ހަގީގަތުގައި އަޅުގަނޑުމެންނަށް މިކަމުގެ ސަބަބުން ވަރަށް ގިނަ ރަނގަޅު ކަންތައްތައް ހާސިލްވޭ. އޭގެ ތެރެއިން އެއް ކަންތައް ލޯކަލް ޓޫރިޒަމް ފުޅާކުރުމަކީ. އަޅުގަނޑުމެން މި ދަނީ ލޯކަލް ޓޫރިޒަމް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން. އަޅުގަނޑުމެންގެ އަމާޒަށް ވާސިލްވުމުގެ ފުރަތަމަ މަސައްކަތް މިއީ. އުއްމީދުކުރަނީ މި ފަދަ ހަރަކާތްތަކެއް މުސްތަގުބަލުގައި ވެސް ދިއްފުށީގައި އޮތުން،" ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް އަޒީމް ވިދާޅުވި އެވެ.

އޭނާ ބުނީ މި ހަރަކާތްތަކުގެ މަންފާ ދިއްފުށީ ރައްޔިތުންނަށް ކުރާނެ ކަމަށާއި ހާއްސަަކޮށް ވިޔަފާރިވެރިންނަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި ހަގީގަތުގައި މިއީ ރަށުގެ މުސްތަގުބަލުގައި ގިނަ ކަންތައްތަކެއް ފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

މުބާރާތުގެ ދިގު ފެތުމުގެ ބައި މިއަދު ނިމިގެންދިޔައިރު، މާދަމާ އޮންނާނީ ގައުމީ އެކުއަތެލޯން މުބާރާތެވެ. ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ މި މުބާރާތުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ އެވެ. އެކުއަތެލޯން އަކީ ފެތުމާއި ދުވުން ހިމެނޭ އިވެންޓެކެވެ. ގައުމީ ފެންވަރުގައި ބާއްވާ އެކުއަތެލޯން ފުރަތަމަ މުބާރާތުގައި އިންޑިވިޖުއަލް އަދި ޓީމް ކެޓަގަރީ ހިމެނޭ ސަބް ހަ ކެޓަގަރީ އޮންނާނެ އެވެ. އެކުއަތެލޯން އަކީ މި ފަހަރުގެ އެންމެ ފޯރިގަދަވާނެ ހަރަކާތެވެ. ރާއްޖޭގެ އެތުލީޓުންނާއި ބޭރުގެ އެތުލީޓުން ވެސް ވާދަކުރެ އެވެ. އެކުއެތަލޯންގައި އޮންނާނީ ފުރަތަމަ ދުވުމެވެ. ދެން ފެތުމަށް ފަހު ނިންމަން ޖެހޭނީ ވެސް ދުވުމުގެ ރޭހަކުންނެވެ.