އޭޝިއަން ގޭމްސްގައި ބައިވެރިނުވުމުން ސުޒޭން ފާޑުކިޔައިފި

އިންޑޮނީޝިއާގައި އަންނަ މަހު އޮންނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމު ބައިވެރިނުވާތީ އެފްއޭއެމްގެ ކުރީގެ ޑިރެކްޓާ އޮފް ނެޝަނަލް ޓީމްސް އަދި ކްލަބް ގްރީންސްޓްރީޓްސްގެ މިހާރުގެ ކޯޗު އަލީ ސުޒޭން ފާޑުކިޔައިފި އެވެ.


ރާއްޖޭން އަންނަނީ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި 1998 ވަނަ އަހަރުން ފެށިގެން ބައިވެރިވަމުންނެވެ. މިއީ އޭގެ ފަހުން ރާއްޖެ ބައިވެރިނުވެ ގޭމްސްގެ ފުޓްބޯޅަ އިވެންޓް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މި ގޭމްސްގެ ސަބަބުން 23 އަހަރުން ދަށުގެ ޓީމަށް އޭޝިއާގެ ފެންވަރު މަތީ ގައުމުތަކާ ވާދަކޮށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބެ އެވެ. ސަރަހައްދީ މުބާރާތްތަކުގެ ކުރިން ޒުވާން އުމުރުގައި ރަނގަޅު މެޗުތަކެއް އެ ކުޅުންތެރިންނަށް އައީ ލިބެމުންނެވެ.

"ޓުވާޑްސް ފިއުޗާ ޖަހައިގެން ޕްރޮމޯޓްކުރާއިރު 23 އަހަރުން ދަށުގެ ޖީލެއްގެ އެންމެ ރަނގަޅު މުބާރާތް މި ދުއްވާލީ،" ކުރިމަގަށް ޓީމެއް ބިނާކުރަން އެފްއޭއެމުން ފަށާފައިވާ މަސައްކަތަށް އިޝާރާތްކޮށް ސުޒޭން ބުންޏެވެ.

"(އޭޝިއަން ގޭމްސްގެ ފުރުސަތު) ދުއްވާލާފައި ހަމަ ކިޔަންވީ ޓުވާޑްސް ފިއުޗާ. ޓުވާޑްސް ފިއުޗާއޭ. ފިއުޗާގެ ކުޅުންތެރިންނަށް އޮތް ފުރުސަތުތައް ހޯދައިދޭން ކޮން ކަމެއްތޯ ކުރަންވީ؟ އެ ސުވާލުގެ ޖަވާބު އަޅުގަނޑަށް ކޮންމެވެސް މީހަކު ހޯދައިދީފިއްޔާ ވަރަށް ރަނގަޅު،" ސުޒޭން ބުންޏެވެ.

ގޭމްސްގައި ވާދަކުރާނީ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ. އޭގެ އިތުރުން ސީނިއާ ތިން ކުޅުންތެރިންނަށް ފުރުސަތު އޮވެ އެވެ.

އޭޝިއަން ގޭމްސްގައި މި ފަހަރު ބައިވެރިނުވުމާ ބެހޭ ގޮތުން އެފްއޭއެމުން "މިހާރަ"ށް ބުނެފައިވަނީ ގޭމްސްގައި ބައިވެރިނުވަން ނިންމީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ނެޝަނަލް ސްޕޯޓްސް ކައުންސިލާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ޓީމުގައި ވެސް ޒުވާން ކުޅުންތެރިން ހިމެނޭތީ ގޭމްސްގައި ބައިވެރިނުވީ ކަމަށެވެ.

ރާއްޖޭގެ ގައުމީ ޓީމުން އަދި ފުރުސަތު ލިބިފައިނުވާ 23 އަހަރުން ދަށުގެ ގިނަ ކުޅުންތެރިން އަންނަނީ މި ވަގުތު ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި ގައުމީ ޓީމުގައި ހިމެނުނަސް ވާދަވެރި މުބާރާތެއްގައި ބައެއް ޒުވާން ކުޅުންތެރިންނަށް ކުޅެލުމުގެ ފުރުސަތު އެންމެ އެކަށީގެންވާވަރަށް ނުލިބެ އެވެ.

އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓް ކުރިއަށްދާނީ އަންނަ މަހު 14 އިން ސެޕްޓެމްބަރު މަހު 1 ވަނަ ދުވަހުގެ ނިޔަލަށެވެ. ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕް އޮތީ ސެޕްޓެމްބަރު 4 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ސާކް ސަރަހައްދުން ވާދަކުރަނީ ޕާކިސްތާނާއި ނޭޕާލް އަދި ބަންގްލަދޭޝް އެވެ. އިންޑިއާ ވާދަނުކުރަނީ އެ ގައުމުގެ އޮލިމްޕިކް ކޮމިޓީން ހުއްދަ ދީފައިވާ މިންގަނޑަށް ނުފެތޭތީ އެވެ. އިންޑިއާގެ އޮލިމްޕިކް ކޮމިޓީން ހުއްދަ ދީފައި ވަނީ ރޭންކިން އަށް ބަލާއިރު ގަދަ އަށެއްގައި ހިމެނޭ ކުޅިވަރުތަކަށެވެ. ފުޓްބޯޅައިގައި އިންޑިއާ އޮތީ އޭޝިއާ ސަރަހައްދަށް ބަލާއިރު 14 ވަނައިގަ އެވެ.

ދެކުނު ކޮރެއާގައި އެންމެ ފަހުން އޮތް އޭޝިއަން ގޭމްސްގައި ކްރޮއޭޝިއާގެ ކޯޗު ޑްރަގޯ މަމިޗްގެ ކޯޗުކަމުގައި ރާއްޖޭން ވަނީ ޓިމޯ ލެސްޓޭ ބަލިކޮށްފަ އެވެ. މިއީ ގޭމްސްގައި ރާއްޖެ އަށް ފުޓްބޯޅަ އިވެންޓުން ލިބުނު ފުރަތަމަ މޮޅެވެ.