ދަގަނޑޭއާ މެދު ގައުމީ ކޯޗުގެ ބަދަލުވި ވިސްނުން

ގައުމީ ފުޓްބޯޅަ ޓީމާ ކްރޮއޭޝިއާގެ ޕީޓާ ސެގާޓް މާޗު މަހު ހަވާލުވެ މީޑިއާ އަށް ފޮނުވި މެސެޖުގައި ބުނީ ދިވެހި ފުޓްބޯޅައިގެ އާ ޖީލުގެ ކުޅުންތެރިން އުފައްދަން ކުރާ މަސައްކަތުގައި އަލީ އަޝްފާގް (ދަގަނޑޭ) ލީޑަރަކަށް ހަދަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި އޭނާގެ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.


"އަހަރެން އުއްމީދުކުރަން ސާފްގައި އޭނާ އަކީ އަހަރެމެންގެ ލީޑަރަށް ވާނެ ކަމަށް އަދި އެޔަށް ވުރެ ދުރަށް ވެސް. އަހަރެމެންނަށް އޭނާ ބޭނުންވޭ ރާއްޖޭގެ އާ ޖީލު ތައްޔާރުކުރުމުގެ މަސައްކަތް އަލުން ފަށާ ފެށުމުގައި،" ސެގާޓް ބުނެފައިވެ އެވެ.

އެކަމަކު އާ ޖީލު އުފައްދަން އޭނާ ނެގި ރަސްމީ ފުރަތަމަ ސްކޮޑުން ދަގަނޑޭ ނުހިމަނަ އެވެ. ބުނީ މިއީ އުމުރުން 32 އަހަރުގެ ދަގަނޑޭ ދުރަށް ގޮސް އާ ޖީލަކަށް ފުރުސަތު ދޭންވީ ވަގުތު ކަމަށެވެ. އެކަމަކު އެ އާ ޖީލުގެ ޓީމުގައި ދަގަނޑޭއާ އެއް އުމުރެއްގެ މުހައްމަދު އާރިފް (ބަކާ) ހިމެނެ އެވެ. ކެޕްޓަނަކީ ދަގަނޑޭ އަށް ވުރެ އެއް އަހަރު ހަގު އަކްރަމް އަބްދުލްގަނީ އެވެ.

މިއީ ކިހިނެއް ހެއްޔެވެ؟ ބޫޓާން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ނުދިއުމުން މިއީ އަނެއްކާ ވެސް އޭގެ އަދަބު ހެއްޔެވެ؟ އެކަމަކު ކޯޗު އޭރު ބުނީ ދަގަނޑޭ ހަމައެކަނި ބޭރުކުރީ އެ މެޗުގެ ސްކޮޑުން ކަމަށާއި ކުރިމަގުގައި ފުރުސަތު އޮންނާނެ ކަމަށެވެ.

ދަގަނޑޭ ނުނަގާ ސަބަބު ކޯޗު ރީތި ގޮތުގައި މީޑިއާއަށް ހާމަކުރަންވީ އެވެ. ބޮޑު އުޒުރަކަށް އުމުރު ދައްކާއިރު، ދަގަނޑޭގެ އުމުރަކީ ފުޓްބޯޅައިގެ ޕްރޮޖެކްޓަކުން ޖާގަ ނުލިބޭހާ ދޮށީ އުމުރެއް ހެއްޔެވެ؟ ރާއްޖޭގައި އެވަރުގެ ހުނަރުވެރި ކުޅުންތެރިން އުފެދޭނީ ގަރުނަކު އެއް ފަހަރު އެވެ. އެހެންވެ އެ ކުޅުންތެރިއެއްގެ ބޭނުން ފަހު ވަގުތާ ހަމައަށް ވެސް ހިފަން ޖެހެ އެވެ. އިޓަލީން ޖިއަންލުއިޖީ ބުފޮން އަށް ފަހު ވަގުތާ ހަމައަށް ފުރުސަތު ދިނީ އެ ގައުމުގައި ކީޕަރުން ނެތިގެން ހެއްޔެވެ؟ ޖަރުމަނުން އުމުރުން އުމުރުން 36 އަހަރުގެ ފޯވާޑް މިރޮސްލާފް ކްލޯސާ އަށް އެންމެ ފަހުގެ ވޯލްޑް ކަޕުން ފުރުސަތު ދިނީ ފޯވާޑުން ނެތިގެންނެއް ނޫނެވެ.

ދަގަނޑޭ ނުނެގި އިތުރު ސަބަބުތަކެއް ވެސް ކޯޗު ނުސީދާކޮށް ދެއްކި އެވެ. ތިމަންނާ ބޭނުންވަނީ ޓީމަށް 100 ޕަސެންޓް ދޭ ކުޅުންތެރިން ކަމަށާއި ކުޅުން ހުއްޓާލުމާ މެދު ދެ ފިކުރެއްގައި ތިބި ކުޅުންތެރިން ބޭނުންނުވާ ކަމަށެވެ. ދަގަނޑޭ އަކީ ޓީމަށް ސަތޭކަ ޕަސެންޓް ނުދޭ ކުޅުންތެރިއެއްކަން ސެގާޓަށް ހީވާ ނަމަ އޭނާ އަށް ދިވެހި ފުޓްބޯޅަ ދިރާސާކުރެވިފައިވާ މިންވަރާ މެދު ސުވާލު އުފެއްދިދާނެ އެވެ. ދެން އޮތީ ކުޅުން ހުއްޓާލުމާ މެދު ދެ ފިކުރެއްގައި ހުންނަ ވާހަކައެކެވެ. ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން ގައުމީ ޓީމާ ދުރަށް ދާނެކަން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ދަގަނޑޭ އިއުލާންކުރުމުން، އެ ނިންމުން ބަދަލުކުރޭތޯ އޭނާގެ ފަހަތުން ދުއްވައިގަތީ ހަމަ އަހަރެމެން ދިވެހިންނެވެ. ދަގަނޑޭގެ ނިންމުން ބަދަލުވޭތޯ މަސައްކަތްކުރާނެ ކަމަށް އެފްއޭއެމްގެ އޭރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވެސް ވިދާޅުވެފައިވެ އެވެ.

ދަގަނޑޭ ގައުމީ ޓީމަށް ލަނޑެއް ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އުމުރުން 32 އަހަރުގައި ވެސް ދަގަނޑޭގެ ކުޅުމަށް ބަދަލެއް އައިކަމަކަށް ފާހަގައެއް ނުވެ އެވެ. ސީޒަން ދެ ބައި ނުވަނީސް އޭނާ ވަނީ 25 ގޯލް ޖަހައިފަ އެވެ. އޭގެ ތެރޭގައި އޭއެފްސީ ކަޕުގައި ޖެހި ހަ ގޯލް ހިމެނެ އެވެ. މާނައަކީ ރާއްޖޭގެ ސާފް ޗެމްޕިއަންޝިޕަށް މިދަނީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ފޯވާޑް ނުލަ އެވެ. އެ ވާހަކަތަކަށް ރައްދުދެމުން ކޯޗު ބުނީ ބައެއް ކުޅުންތެރިން ކްލަބުގައި ގޯލް ޖެހިޔަސް ގައުމީ ޓީމުގައި ގޯލްނުޖަހާ ކަމަށާއި ދަގަނޑޭ އެންމެ ފަހުން ގައުމީ ޓީމަށް ގޯލެއް ޖެހީ 2016 ގައި ކަމަށެވެ. އެކަމަކު އެ ބުނާ މުއްދަތުގެ ތެރެއިން ގިނަ ދުވަސް އޭނާ ހޭދަކުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބައިނަލްއަގްވާމީ މެޗުތަކެއް ކުޅެލަން ނުލިބުމުން އޭގެ ކަންބޮޑުވުން އޭރުހުރި ކޯޗު ޑަރެން ސްޓެވާޓް ވެސް ވަނީ މީޑިއާގައި ފާހަގަކޮށްފަ އެވެ.

ދަގަނޑޭ އަށް ޖާގަ ދިނަސް ޒުވާން އެހެން ކުޅުންތެރިންނަށް ވެސް ފުރުސަތު ދެވިދާނެ އެވެ. އޭގެ ހެއްކަކީ އަސަދުﷲ އަބްދުﷲ އާއި އަކްރަމާ ބެހޭގޮތުން ކޯޗު ބުނި ވާހަކަތެކެވެ. ސެގާޓް ބުނީ އެ ދެ ކުޅުންތެރިން އަދި ސަތޭކަ ޕަސެންޓް ތައްޔާރު ނޫން ކަމަށާއި އެކަމަކު ރިސްކެއް ނަގާފައި ހިމެނީ ޓީމަށް މުހިއްމުވާތީ ކަމަށެވެ. އެކަމަކު އެފަދަ ރިސްކެއް ވެސް ދަގަނޑޭ ލައިގެން ނަގަން ކޯޗު ބޭނުމެއް ނުވެ އެވެ.

ރާއްޖޭގެ ޓީމަށް ބަލާއިރު ހުރި ހަމައެކަނި ސެންޓަ ފޯވާޑަކީ އަސަދުﷲ އެވެ. އެކަމަކު އޭނާ ވެސް އަދި އެއްކޮށް ތައްޔާރު ނޫން ކަމަށް ކޯޗު ވަނީ ބުނެފަ އެވެ. ދެން ކޯޗު ބުނީ ނާއިޒް ހަސަން (ދާދު) އާއި ރިހާމް އަބްދުލްގަނީ (ބޮބީ) އަދި އަލީ ފާސިރު (ސެންޓޭ) ގެ ވާހަކައެކެވެ. އެކަމަކު އެ ތިން ކުޅުންތެރިންނަކީ އަރިމަތިން ނުވަތަ މެދުތެރެއިން އެޓޭކަށް ކުޅޭ ކުޅުންތެރިންނެވެ. އެހެންވީމާ މުޅި ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ބަރޯސާވާން ޖެހިފައިމިވަނީ އެންމެ ސެންޓަ ފޯވާޑަކަށެވެ. އެވަރުން ވެސް ދަގަނޑޭ އަށް ފުރުސަތެއް ނެތެވެ.

ރާއްޖޭން ބޭނުންވަނީ ޒުވާން ސްކޮޑެއް ބިނާކުރަން ކަމަށްވާ ނަމަ 23 އަހަރުން ދަށުގެ ޓީމެއް ނުފޮނުވީ ކީއްވެ ހެއްޔެވެ؟ އިންޑިއާ އިން 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެއް ފޮނުވި ފަދަ ޓީމެކެވެ. އެކަމަކު އެ ނަމުގައި ރާއްޖޭން މި ފަހަރު ވެސް މި ފޮނުވާ ޓީމަކީ އުމުރަށް ބަލާއިރު ހަމަ އެވްރެޖް ޓީމެކެވެ. މާނައަކީ ތަށި ހޯދުމަކީ އަމާޒަކަށްވުމެވެ. އަދި އެފްއޭއެމަށް ތަށި ލާޒިމްނުވީ ނަމަވެސް ދިވެހިންނަށް ސާފް ޗެމްޕިއަންޝިޕަކީ އަބަދުވެސް ތަށްޓަށް ވާދަކުރަން ޖެހޭ މުބާރާތެކެވެ.

ގައުމުގައި ހުރި އެންމެ މޮޅު ކުޅުންތެރިއާ އަށް ފުރުސަތު ދެވެން ނެތް މިންވަރަކަށް، އާ ޖީލެއް ބިނާކުރަން ދޭ ސަމާލުކަން ބޮޑުވެފައިވާއިރު، 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އޮތް އެންމެ މުހިއްމު ފުރުސަތު ކަމަށްވާ އޭޝިއަން ގޭމްސްގައި ރާއްޖޭން ވާދަނުކުރެ އެވެ. އޭޝިއާގެ މަތީ ފަންތީގެ ޓީމުތަކާ ވާދަކޮށްލައި ތަޖުރިބާ ހޯދައިދޭން ލިބުނު ފުރުސަތުގެ ބޭނުން ނުހިފަން ކޮންމެ ބަޔަކު ނިންމިޔަސް އެކަމާ ކޯޗަށް ގައުމީ ކޯޗުގެ ހައިސިއްޔަތުން ސުވާލު އުފެއްދެން ޖެހޭނެ އެވެ. އެކަމަކު އެކަމާ އޭނާގެ މާބޮޑު ކަންބޮޑުވުމެއް އޮތްހެނެއް ހީނުވެ އެވެ.

ސިލެކްޝަނުގައި މައްސަލަތަކެއް!

ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން އެކުލަވާލި ސްކޮޑުގައި ޒުވާން އުމުރުގައި، ރަނގަޅު ފޯމުގައި ބައެއް ކުޅުންތެރިންތަކަށް ފުރުސަތެއް ނުދެ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ މިދިޔަ ދެ އަހަރު ގައުމީ ޓީމުގައި ގަވާއިދުން ކުޅެ އަދި އީގަލްސްގައި ވެސް މި ސީޒަނުގައި ރަނގަޅަށް ކުޅެމުން އަންނަ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އެވެ. ނިއު ރޭޑިއަންޓުގެ ފުލްބެކް ރިލްވާން ވަހީދު (ރިލޭ) އަކީ ބައިނަލްއަގްވާމީ ތަޖުރިބާ ހުރި އުމުރުން 27 އަހަރުގެ ކުޅުންތެރިއެކެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމާ އެކު ބައިނަލްއަގްވާމީ ތަށްޓެއް އުފުލާލި އެވެ. އެކަމަކު އޭނާ އަށް ފުރުސަތެއް ނެތެވެ.

ޓީސީގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) އަކީ މި ސީޒަނުގައި އެންމެ ރަނގަޅަށް ކުޅޭ އެއް ފޯވާޑެވެ. އެކަމަކު 30 ކުޅުންތެރިންގެ ސްކޮޑުން ވެސް އޭނާ އަށް ފުރުސަތެއް ނެތެވެ. ޒުވާން ގޯލްކީޕަރުން ނެތްކަމުގެ ވާހަކަ އަބަދުދެކެވެ އެވެ. އެކަމަކު މި ސީޒަނުގައި ޓީސީގެ ޖާޒީގައި އޭއެފްސީ ކަޕާއި މާލޭ ލީގުގައި ކުޅުނު ޒުވާން ކީޕަރު އިބްރަހިމް ނަދީމް އާދަމް (ރިކޫ) އަށް ފުރުސަތެއް ނެތެވެ.