އޭއެފްސީން ޗެތުރީގެ އަގުވަޒަންކޮށްފި

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ސަރަހައްދީ ފުޓްބޯޅަ އަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކޮށްފި އެވެ.


އޭއެފްސީގެ އެންމެ ޝަރަފްވެރި "އައިކަންސް" ލިސްޓުގައި ޗެތުރީގެ ނަން ހިމެނީ މިިދިޔަ ހުކުރު ދުވަހު ފާހަގަކުރި އޭނާގެ 34 ވަނަ އުފަންދުވަހު އެވެ. މި ލިސްޓުގައި ހިމެނޭ މަގުބޫލު ކުޅުންތެރިންގެ ތެރޭގައި ދެކުނު ކޮރެއާގެ ޖީ ސަން ޕާކް އާއި ޖަޕާނުގެ ހިޑެޓޯޝީ ނަކާޓާ އަދި އިރާނުގެ އަލީ ދާއީ ފަދަ ކުޅުންތެރިން ހިމެނެ އެވެ.

މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ތިން ވަނައިގައި އޮތީ ޗެތުރީ އެވެ. އެއް ވަނައިގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޮތްއިރު، ދެ ވަނައިގައި އޮތީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އެވެ. ރޮނާލްޑޯ އެއް ވަނައިގައި އޮތީ 85 ލަނޑު ޖަހައިގެންނެވެ. ދެ ވަނައިގައި މެސީ އޮތީ 65 ލަނޑާ އެކު އެވެ. ޗެތުރީ ވަނީ 64 ލަނޑު ޖަހައިފަ އެވެ. ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) އޮތީ 52 ގޯލާ އެކު އަށް ވަނައިގަ އެވެ.

"ރޮނާލްޑޯ އާއި މެސީ ފަދަ މޮޅެތި ކުޅުންތެރިންގެ ޒަމާނެއްގައި ތިން ވަނަ އަށް ދުނިޔޭގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑެއް ހެދުމަކީ ފަސޭހަކަމެއް ނޫން. އަދި އޭޝިއާ އަށް ނިސްބަތްވާ ކުޅުންތެރިއަކު އެ ލިސްޓުގެ ތިން ވަނައިގައި މެސީ އަށް ވުރެ އެއް ލަނޑު މަދުން ޖަހައިގެން އޮތުމަކީ އާދައިގެ ކަމަކަށް ނުވާތީ އަހަރެމެންގެ ޝަރަފްވެރި ކުޅުންތެރިންގެ ލިސްޓުގައި ޗެތުރީ ހިމަނައިފިން،" އޭއެފްސީން އާންމުކުރި ބަޔާނުގައިވެ އެވެ.

ފުޓްބޯޅައިގައި ޗެތުރީ ގިރާކުރި ހަރުފަތްތަކާ ބެހޭގޮތުން އޭއެފްސީން ވަނީ އޭނާގެ ކެރިއަރުގެ ކަންތައްތަކާއި އާއިލާ އަށް ވެސް އަލިއަޅުވާލައިފަ އެވެ.

"ކްރިކެޓަށް މޮޔަވެފައި އޮތް އިންޑިއާ ކަހަލަ ގައުމެއްގައި ޗެތުރީ އުފަންވީ ފުޓްބޯޅަ އަށް ލޯބިހުރި އާއިލާ އަކަށް. ޗެތުރީގެ ބައްޕަ ވަނީ އިންޑިއާގެ ސިފައިންގެ ޓީމަށް ކުޅެފައި. އަދި ޗެތުރީގެ މަންމަ އާއި ބޮޑު ދައިތަ އަކީ ނޭޕާލް ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން،" އޭއެފްސީގެ ބަޔާނުގައިވެ އެވެ.

އުމުރުން 34 އަހަރުގައި ވެސް ޗެތުރީ އަކީ އިންޑިއާ ފުޓްބޯޅައިގެ އެންމެ މުހިއްމު ކުޅުންތެރިއާކަން ސާބިތުވާ އެންމެ މުހިއްމު ކަމަކީ އަންނަ އަހަރު ޔޫއޭއީގައި އޮންނަ އޭޝިއަން ކަޕުން އިންޑިއާ އަށް ޖާގަ ހޯދައިދިނުމުގައި އޭނާގެ ދައުރު ބޮޑުކަމުންނެވެ. ޗެތުރީ ވަނީ ކޮލިފައިންގައި އިންޑިއާ އަށް ހަތަރު ގޯލު ޖަހައިދީފަ އެވެ.

މޯހަން ބަގާން އިން 2002 ވަނަ އަހަރު ކެރިއަރު ފެށި ޗެތުރީ ވަނީ އެމެރިކާ ލީގުގެ ކަންސަސް ސިޓީ އާއި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ ބީ ޓީމަށް ކުޅެފަ އެވެ. އަދި އޭނާ ވަނީ ސްކޮޓްލެންޑުގެ ކްލަބް ރޭންޖާސްގެ ޓްރަޔަލްތަކެއްގައި ވެސް ބައިވެރިވެފަ އެވެ.

އިންޑިއާ ޓީމަށް ޗެތުރީ ކުޅެދިން 100 ވަނަ މެޗަކީ ދާދި ފަހުން އެ ގައުމުގައި ބޭއްވި އިންޓަކޮންޓިނެންޝިއަލް ކަޕްގެ ފައިނަލުގައި ކެންޔާއާ ދެކޮޅަށް ކުޅުނު މެޗެވެ. އިންޑިއާ އަށް ޗެތުރީ ޖަހައިދިން އެންމެ ފުރަތަމަ ގޯލަކީ 2005 ވަނަ އަހަރު ޕާކިސްތާން ކޮޅަށް ޖެހި ގޯލެވެ. ޗެތުރީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ އެ ގޯލަކީ އޭނާގެ ކެރިއަރުގައި ހާއްސަ ގޯލެއް ކަމަށެވެ.

"އެންމެ ހިތްހަމަ ޖެހޭ ގޯލަކީ ޕާކިސްތާން ކޮޅަށް ޖެހި ގޯލު އެއީ އަހަރެންގެ އުމުރުން 19 ނޫނީ 20 އަހަރުގައި. ދެން ވެސް ހާއްސަ ހަނދާންތަކެއް އެބަހުރި. ދެން އެންމެ ހަނދާން ވަނީ 2008 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ ފައިނަލުގައި ތަޖިކިސްތާން ކޮޅަށް ހެދި ހެޓްރިކް މަތިން. އެއީ ހާއްސަ މެޗެއް،" ޗެތުރީ ބުންޏެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި ޗެތުރީ ކުޅެމުން އަންނަ ބެންގަލޫރު އެފްސީ މުބާރާތުގެ ދެ ވަނަ ބުރަށް ގެންދިއުމުގައި އޭނާގެ ދައުރު ބޮޑެވެ. އޭނާ ވަނީ އެ ޓީމު ކުޅުނު ތިން މެޗުގައި ދެ ގޯލު ޖެހުމުގެ އިތުރުން ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ސުޒުކީ (ޗެމްޕިއަންޝިޕް) ސުޒުކީ ކަޕަށް އިންޑިއާ އިން އެކުލަވާލި ޓީމުން ޗެތުރީ އަށް ފުރުސަތު ނުދިނީ އެ ޓީމުން ޒުވާން ޓީމެއް ފޮނުވަން ނިންމާފައިވާތީ އެވެ. ސާފަށް އިންޑިއާ އިން ނެގި 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި 23 އަހަރުން މަތީގެ ހިމެނެނީ އެންމެ ކުޅުންތެރިއެކެވެ.

އިންޑިއާ އިން މުސްތަގުބަލުގައި ސާފަށް ފޮނުވާނީ ޒުވާން ޓީމުތައް ކަމަށް 2015 ވަނަ އަހަރުގެ ފައިނަލަށް ފަހު އެ ޓީމުގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ވަނީ ބުނެފަ އެވެ. މި ފަހަރުގެ އޭޝިއަން ގޭމްސްގައި އިންޑިއާގެ ޒުވާން ޓީމު ބައިވެރިނުކުރާތީ ކޮންސްޓަންޓިން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ. މި ފަހަރުގެ ސާފްގައި އިންޑިއާ ހިމެނެނީ ރާއްޖެ އާއި ސްރީލަންކާއާ އެއް ގްރޫޕެއްގަ އެެވެ.

އިންޑިއާގެ ސީނިއާ ޓީމު އަންނަ ޖެނުއަރީ ފަހަކުން ފެބްރުއަރީ އެކަކަށް އޭޝިއަން ކަޕްގައި ވާދަކުރަން ދިއުމުގެ ކުރިން ޔޫރަޕްގެ ބައެއް ގައުމުތަކުގައި ޓްރެއިނިން ކޭމްޕަތަަކެއް ފުރިހަމަކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.